ޖޭއެސްސީ އިސްލާހުކުރުމަށް މި ދައުރު ތެރޭގައި މަޖިލީހަށް ހުށަހަޅާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން މިއަދު ބޭއްވި މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު ވިދާޅުވީ، ރާއްޖޭގެ އަދުލު އިންސާފާމެދު ރައްޔިތުންގެ އިތުބާރާއި އިހުތިރާމާއި ގަދަރު ހިފަހައްޓަން ޖެހޭ ކަމަށެވެ.

ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އަދުލު އިންސާފުގެ ދާއިރާ ހަރުދަނާކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެދާއިރާއާ މެދު ރައްޔިތުން ކުރާ އުންމީދު އަންނަނީ ބޮޑުވަމުން ކަމަށާއި، ކުރަން ޖެހޭ މަސައްކަތް އަދިވެސް ގިނަ ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް އިސްލާހު ކުރުމަށް ޓަކައި ގާނޫނު އަސާސީއަށް ގެންނަން ޖެހޭ އިސްލާހުތައް މި ދައުރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

އޭގެ އިތުރުން "ވަސީލަތުގެ ގޮތުން ޖުޑީޝަރީއަށް ހުރި ދަތިތައް ހައްލުކުރުމަށް ސަރުކާރުން މިދަނީ މަސައްކަތްކުރަމުން، އަތޮޅުތެރޭގައި އިތުރު ކޯޓް އިމާރާތްތަކުގެ މަސައްކަތް އެދަނީ ހިނގަމުން، މާލޭ ސަރަހައްދުގެ ކޯޓްތަކުގައި މައްސަލަތައް ފުނިޖެހުމުގެ އެންމެ ބޮޑު ސަބަބަކީ ވަސީލަތުގެ ދަތިކަން، އެކަން ދެނެގަނެ، އަލަށް އިމާރާތްކުރެވޭ މާލޭ ކޯޓް ކޮމްޕްލެކްސްގެ މަސައްކަތް ލަސްނުކޮށް ކުރިއަށް ގެންދިއުމަށް ސަރުކާރުން އިސްކަންދެން،" ކަމަށްވެސް ވިދާޅުވިއެވެ.