އެމްޑީޕީ ތެރޭގައި އުފެދިފައިވާ ދެ ފެކްޝަން ގެންގުޅެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް އެނގިވަޑައިގަންނަވާނެ ކަމަށާއި ދެ ފެކްޝަނާ ވެސް ގުޅިގެން މަސައްކަތްކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ތެރޭގައި މިހާރު ވަނީ ނަޝީދަށް ތާއިދުކުރާ ފެކްޝަނަކާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއިދުކުރާ ފެކްޝަނެއް އުފެދިފައެވެ. ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންނާއި މިނިސްޓަރުން ތާއިދުކުރައްވަނީ ރައީސް ސޯލިހަށެވެ. އެމްޑީޕީގެ އެތެރޭގެ އުފެދިފައިވާ ބައިބައިވުން އެންމެ ބޮޑަށް އާންމުންގެ ތެރެއަށް ތިލަވަގެންދިޔައީ އެ ޕާޓީގެ ޗެއާޕާސަންގެ އިންތިހާބާއި ނިމިދިޔަ ރިޔާސީ ޕްރައިމަރީގެ އިންތިހާބުގެ ކެމްޕޭނުގައެވެ.

އެމްޑީޕީގައި އުފެދިފައިވާ ދެ ފެކްޝަނާ ގުޅޭގޮތުން "ދިވެހި ޗެނަލް"އަށް ނަޝީދު މިރޭ ދެއްވި އިންޓަވިއެއްގައި ވިދާޅުވީ އެމްޑީޕީއަކީ ވަރަށް ރަނގަޅަށް އުފައްދާފައިވާ ޕާޓީއެއް ކަމަށާއި އަދި އެ ޕާޓީއާ އެ ޕާޓީގެ ފިކުރު ފަނޑުވެގެންނުދާނެ ކަމަށެވެ. އަދި އެމްޑީޕީއަކީ ބައިބައިވާނެ ޕާޓީއެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ. އިނގިރޭސިވިލާތާއި އަވައްޓެރި ސްރިލަންކާގެ ބައެއް ޕާޓީތައް ވަރަށް ބޮޑަށް ބައިބައިވި ކަމަށާއި ނަމަވެސް ފަހުން އެއްވެގެން މަސައްކަތްކުރި ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ތަޖުރިބާތަކަށް ބަލާއިރު ޕާޓީތައް ބައިބައިވުމުގެ "ޓެންޑެންސީ" އެބައޮތް ކަމަށާއި އެހެން ޕާޓީތަކުން ނަމޫނާ ބަލައިގެން އެމްޑީޕީ ބައިބައިނުވުމަށް ހިފަހައްޓަންވާނެ ކަމަށެވެ.

"ފުރަތަމަ ކަމަކީ ފެކްޝަން އިންކާރު ނުކުރުން. އެ ފެކްޝަނިލިޒަމް އިންސްޓިޝިއުނަލައިޒް ކުރުން، މީގައި މިހާރު ކުރަން ޖެހިފައި މިއޮތް ކަމަކީ. އެމްޑީޕީގެ ތެރޭގައި ހަމަގައިމުވެސް ދެ ފެކްޝަނެއް އެބައޮތް. އެ ދެ ފެކްޝަން ގެންގުޅެން އަޅުގަނޑު ދެކޭގޮތުގައި އެމްޑީޕީގެ ޗެއާޕާސަނަކީ ކުޅަދާނެ މީހެއް. އޭނާއަށް އެނގެން ޖެހޭނެ ދެ ފެކްޝަން އެބައޮތްކަން. އޭނާއަށް އެނގޭނެވެސްމެ. އަޅުގަނޑު ދެކޭ ގޮތުގައި ފިކުރެއްގެ ދިރުން، ޗެއާޕާސަން އަންޑަސްޓޭންޑް ވާނެ މިއޮތީ ނޫންހޭ މިހާރު އަދަދު. އޭނާ އެ މައްޗަށް އަމަލު ނުކޮށެއް ނުހުންނާނެ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ 2018 ވަނަ އަހަރު އެމްޑީޕީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން އެމަނިކުފާނަށް ލިބިވަޑައިގަތް ރިޔާސީ ޓިކެޓު އަތުލީ ގައުމީ މަޖިލީހުންނާއި ކޮންގްރެސްއިން ކަމަށެވެ. އަދި އެމަނިކުފާނުގެ އަތުން އޭރު ޓިކެޓު އަތުލެއްވުމަށް ނިންމީ އެގޮތަށް ކަންކަން ނުކޮށްފިނަމަ އެމްޑީޕީއަށް އެ އިންތިހާބުން ނާކާމިޔާބުވާނެތީ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ މޮޅުވުމަށް ކުރަންޖެހޭ ހުރިހާކަމެއް ކުރާނެ ޕާޓީއެއް ކަމަށާއި އަދި އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އަބަދުވެސް އަންނަނީ އެކަން ރަނގަޅަށް ދަންނަ، މޮޅުވާން ކުރަންޖެހޭ ކަންކަން ކުރެވޭނެ ފަދަ ބޭފުޅުން ކަމަށެވެ. އެހެންކަމުން މިއަހަރު ބާއްވާ އިންތިހާބުވެސް އެމްޑީޕީން ކާމިޔާބުކުރާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ޕްރައިމަރީގައި ނަޝީދަށް ވަނީ ނާކާމިޔާބީއާ ކުރަމަތިލާން ޖެހިވަޑައިގެންފައެވެ. ރައީސް ސޯލިހު ރިޔާސީ ޓިކެޓު ހޯއްދެވީ 24،566 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 61 ޕަސެންޓެވެ. ރައީސް ނަޝީދަށް ލިބިވަޑައިގެންނެވީ 15،641 ވޯޓެވެ. އެއީ 39 ޕަސެންޓް ވޯޓެވެ.

ނަޝީދު ބަލި ގަބޫލުކުރެއްވި ނަމަވެސް، "ފިކުރެއްގެ ދިރުން" ގެ ނަމުގައި ވަކި ސިޔާސީ ހަރަކާތެއް ކުރިއަށް ގެންދަވަން ހުށަހަޅުއްވައިފައެވެ. އެމްޑީޕީގެ މަޖިލިސް މެންބަރުން ތިއްބަވާ ވަސްޓްއަޕް ގްރޫޕަކަށް ރައީސް ނަޝީދު އިއްޔެ ފޮނުއްވި މެސެޖެއްގައި ވިދާޅުވި ގޮތުގައި އެ ހަރަކާތުގެ ދަށުން އެމްޑީޕީގެ ގޮފިތައް ހުރިހާ ރަށެއްގައި އަލުން ހަދައި، ޕާޓީން ކަނޑާލި ކަމަށް ބުނާ 39،000 އަށްވުރެ ގިނަ މީހުން އަލުން ޕާޓީއާ ގުޅި، އެ މީހުންނާއެކު އެ ހަރަކާތުން ތާއީދުކުރާ ކެންޑިޑޭޓަކު ކަނޑައަޅާނީއެވެ. އަދި ރިޔާސީ އިންތިހާބުގެ ކުރިއަށް ބަރުލަމާނީ ނިޒާމަށް ވެރިކަން ބަދަލުކުރުމަށް އެއްބަސްވާ ކެންޑިޑޭޓަކަށް ތާއީދުކުރަން ފަސޭހަވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

އިއްޔެ ރައީސް ނަޝީދު، އެމަނިކުފާނުގެ ސަޕޯޓަރުންނާއެކު ބޭއްވި ބައްދަލުވުމެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީއާ ދުރަށް ދިއުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅުއްވާ ކަމަށާއި "ފިކުރެއްގެ ދިރުންް"ގެ ގޮފިތަކަށް 50،000 މެންބަރުން ހަމަކުރަންޖެހޭ ކަމަށެވެ. އަދި އެމްޑީޕީއަކީ ރޫޅޭނެ އަދި ބަލިވާނެ ޕާޓީއެއްވެސް ނޫން ކަމަށް ވިދާޅުވެފައިވެއެވެ.