އެމްޑީޕީގެ އެކަނި ސަރުކާރެއް އެމަނިކުފާނުވެސް ބޭނުންފުޅުވާ ކަމަށާއި ނަމަވެސް ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް އެހެން ސިޔާސީ ޕާޓީތަކުގެ އެހީތެރިކަން ބޭނުންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހުގެ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނު ނިންމާލުމުގެ ގޮތުން މިރޭ އައްޑޫ ސިޓީގައި ބޭއްވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް ވޯޓުލާ މީހުންގެ 50 ޕަސަންޓަށްވުރެ އިތުރަށް ތާއިދު ބޭނުންވާކަން އެމްޑީޕީގެ މެމްބަރުންނަށް އެނގޭނެ ކަމަށާއި އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބުކުރަން ދަތިތައް ހުރިކަން އެޕާޓީގެ މެމްބަރުން ގަބޫލުކުރާ ކަމަށެވެ.

"އަޅުގަނޑުވެސް ބޭނުން އެމްޑީޕީ އެކަނި ވެރިކަންކުރާ ތަން ދެކެން. އެކަނި ސަރުކާރެއް އެކުލަވާލަން. ކޯލިޝަނެއްގެ ތެރެއިން ސަރުކާރެއް އެކުލަވާލައި މަސައްކަތްކުރާ އިރު، ކޮންމެވެސް ވަރެއްގެ ދޫތަކެއް ދޭން ޖެހޭ. އެހެންނަމަވެސް އަޅުގަނޑުމެންނަށް ލިބޭ އެތި މާބޮޑު އޭގައި،" ރައީސް ވިދާޅުވިއެވެ.

ކޯލިޝަން ސަރުކާރެއް އޮތް ނަމަވެސް، އެމްޑީޕީގެ މެނިފެސްޓޯ އެންމެ ފުރިހަމަ ގޮތުގައި ތަންފީޒު ކުރެވެމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން އެމްޑީޕީގެ މެމްބަރުންގެ ވިސްނުން ސާފު ކަމަށާއި އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބު ބޮޑުތަނުން ކާމިޔާބުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބުކުރެވެން އޮތީ އެމަނިކުފާނަށް ރިޔާސީ ޓިކެޓު ލިބިވަޑައިގެން ކަމަށާއި ސިޔާސީ ގޮތުން ހިޔާލުތަފާތުވާ މީހުންނާއެކު މަސައްކަތް ކުރެވޭނީ ހަމައެކަނި އެމަނިކުފާނަށް ކަމަށެވެ.

އެމަނިކުފާނުގެ ސަރުކާރުން ގެންދަނީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަމުން ކަމަށާއި އަންނަ ދައުރަށްވެސް ތަރައްގީގެ މަޝްރޫއުތައް ރާވާފައިވާ ކަމަށެވެ. އަދި ޕްރައިމަރީގެ ނަތީޖާ ދާ ގޮތެއްގެ ސަބަބުން އެ ހުރިހާ ކަމެއް މަޑުޖެހި، އެމްޑީޕީއާއި އެޕާޓީގެ މެމްބަރުން އަލުން މަގުމަތިވުމުގެ ފުރުސަތު އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ.

"ހުއްޓި ތިބި ހިސާބަކީ މި ކަންކަމާއިގެން ކުރިއަށްދާނީތޯ، ނޫނީ ދާގޮތަށް ގޮސް މަގުމަތިވާނެތޯ ނިންމާ ހިސާބު. މި އިންތިހާބު، ޕްރައިމަރީގައި ނިންމާ ގޮތަކަށް މިކަން ބުރަވެގެންދާނީ،" ރައީސް ވިދާޅުވިއެވެ.