ޝަންގްރިއްލާ ރިސޯޓުގެ ދިވެހި ސަރުކާރުގެ ހިއްސާ ދޫކޮށްލަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހުގެ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނު ނިންމާލުމުގެ ގޮތުން މިރޭ އައްޑޫ ސިޓީގައި ބޭއްވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ އައްޑޫ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ޝަންގްރިއްލާގެ މައްސަލަ ކަމަށެވެ. ކޮވިޑް-19އާ ގުޅިގެން ޝަންގްރިއްލާ ބަންދުކުރުމުގެ ސަބަބުން އައްޑޫގެ ގިނަ ރައްޔިތުންގެ ވާޒީފާ ގެއްލި، އާމްދަނީ ލިބުން ހުއްޓިގެން ދިއުމަކީ އެމަނިކުފާނަށް އައްޑޫ ރައްޔިތުން ހުށަހެޅި ބޮޑު މައްސަލައެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޝަންގްރިއްލާ އަލުން ހުޅުވައި ހިންގުމަށްޓަކައި ސަރުކާރުން ކުރަންޖެހޭ ހުރިހާކަމެއްކޮށް ނިންމައި މިހާރު އިކޮނޮމިކް ކައުންސިލަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ޝަންގްރިއްލާގައި އޮތް ސަރުކާރުގެ ހިއްސާ ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިތިބީ ސަރުކާރުގެ ހިއްސާ ދޫކޮށްލުމަށް ތައްޔާރަށް. އެކަން މިހާރު ފާސްކޮށް ނިންމައި، ޝަންގިރިއްލާގެ ވެރިންނަށް މިހާރު ވަނީ އަންގާފައި. އެއް މަސް ދުވަހުގެ ތެރޭގައި އެ ބޭފުޅުން ޑިސިޝަނެއް ނަގަންޖެހޭ. މިހާރު އެ ބޭފުޅުން އަޅުގަނޑުމެންނަށް މައުލޫމާތުދީފައި އޮތްގޮތުން އޮގަސްޓް ސެޕްޓެމްބަރުގައި އިރާދަކުރެއްވިއްޔާ އެތަން ހުޅެވޭ ވަރަށް މަސައްކަތްކުރާނެ ވާހަކަ އޮތީ އަޅުގަނޑުމެންނަށް އަންގާފައި. އަޅުގަނޑުމެން ކައިރިން އެކަން ބަލަމުންދާނަން،" ރައީސް ވިދާޅުވިއެވެ.
ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް މިމަހުގެ 13 ވަނަ ދުވަހު އައްޑޫގެ ފޭދޫގައި ބޭއްވި ޖަލްސާއެއްގައި ރައީސް ވިދާޅުވެފައިވަނީ އައްޑޫ ރައްޔިތުން ބޭނުންވާނަމަ، އެ ސިޓީގައި އޮތް ޝަންގްރިއްލާ ރިސޯޓުގެ ދިވެހި ސަރުކާރުގެ ހިއްސާ ދޫކޮށްލާނެ ކަމަށެވެ. ރައީސް ވިދާޅުވެފައިވަނީ ސަރުކާރުގެ ހިއްސާ ދޫކޮށްލާނަމަ 70 މިލިއަން ޑޮލަރު ދައްކަންޖެހޭ ކަމަށެވެ. އެހާ ބޮޑު އަދަދެއް ދައްކައިގެން ވެސް އައްޑޫ ރައްޔިތުން ބޭނުންވަނީ ޝަންގްރިއްލާގައި އޮތް ސަރުކާރުގެ ހިއްސާ ދޫކޮށްލަން ކަމަށްވާނަމަ އެކަން އެގޮތަށް ކުރާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
ރައީސް ވިދާޅުވެފައިވަނީ ޝަންގްރިއްލާ ރިސޯޓުގެ މައްސަލަ ފެށިގެން އައި ގޮތް އައްޑޫގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ސާފުވާނެ ކަމަށާއި އެ ރިސޯޓަކީ އޭރު ސަރުކާރުގައި ތިބި ބޭފުޅުންނާއެކު ޖޮއިންޓް ވެންޗާ ކުންފުންޏެއް ހަދައިގެން ހެދި ރިސޯޓެއް ކަމަށެވެ. އަދި ކުރީގެ އެއްވެސް ސަރުކާރަކުން ޝަންގްރިއްލާ ރިސޯޓަށް ވަމުންދާ ގޮތް ބަލާފައިނުވާ ކަމަށެވެ.
ޝަންގްރިއްލާ މައްސަލައިގައި އިހުމާލުވި ފަރާތްތައް ހޯދައި ފިޔަވަޅު އަޅަންޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ.
ބަންދުކޮށްފައި އޮންނަތާ ދެ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ ވިއްކާލަން މިދިޔަ އަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަހު އިއުލާނުކޮށްފައިވެއެވެ.
ދިވެހި ސަރުކާރުގެ 30 ޕަސެންޓް ހިއްސާވާ ގޮތަށް ހޮންކޮންގްގެ ބިޔަ ހޮސްޕިޓާލިޓީ ވިޔަފާރި، ޝަންގްރިއްލާއާ ގުޅިގެން 2005 ގައި ހެދި ޖޮއިންޓް ވެންޗާއެއްގެ ދަށުން ތަރައްގީ ކުރި ޝަންގްރިއްލާ ވިލިނގިލި ރިސޯޓުގެ 70 ޕަސެންޓު ހިއްސާ ކުރާ އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ހިއްސާ ވިއްކާލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ އެމެރިކާގެ އިންވެސްޓްމެންޓް ފާމެއް ކަމަށްވާ ސީބީއާރުއީ ގްރޫޕްއާއެވެ.
ކޮވިޑް-19 ފެނުނު ހިސާބުން ބަންދުކޮށްފައި އޮތް ޝަންގްރިއްލާ ރިސޯޓު ވިއްކާލަން ސީބީއާރު ގްރޫޕުން ކުރި އިއުލާނުގައި ހިމަނާފައިވާ މައުލޫމާތުތަކުގައިވާ ގޮތުގައި އެ ރިސޯޓް ގަންނަ ފަރާތަކަށް ރިސޯޓާ އިންވެގެން އޮންނަ ކުޑަ ފަޅުރަށެއްވެސް ކުއްޔަށް ދިނުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ. އެއީ ކޮންރަށެއްކަން އެ އިއުލުނާގައި ހާމަކޮށްފައެއް ނުވެއެވެ.
ނަމަވެސް އެ ފަޅު ރަށުގައި ޕްރައިވެޓް އައިލެންޑެއް ތަރައްގީ ކުރެވޭނެ ކަމަށާއި އިތުރަށް ފަސް ކޮޓަރީގެ ވޯޓާ ވިލާތަކެއްވެސް އެ ރިސޯޓުގައި ތަރައްގީކުރެވޭނެ ކަމަށް އިއުލާނުގައިވެއެވެ. އިއުލާނުގައި އިތުރަށް ބުނީ އެ ރިސޯޓު ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރަން ވެސް ގަންނަ ފަރާތަކަށް ފުރުސަތު އޮންނާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު