ރާއްޖެއަށް އެތެރެކުރަން އުޅުން 30 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަތް ނަމަވެސް އެތަކެތި އަޅާފައި ހުރި ލަގެޖު އެއާޕޯޓުން ގެއްލުނު މައްސަލައިގައި ޒިންމާވާ ފަރާތްތައް ހޯދައި އެ ފަރާތްތަކަށް ފިޔަވަޅު އަޅަން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ގޮވާލައްވައިފިއެވެ.

ނާޒިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި މަސްތުވާތަކެތި ކަމާބެހޭ ފަރާތްތަކުން އަތުލައިގަނެ މައި އެއާޕޯޓުގައި ހުއްޓައި، ގެއްލިގެން ނުވާނެ ކަމަށެވެ. އަދި މިއީ ތަންފީޒީ އިދާރާތަކުގެ އިހުމާލުން ވެފައިވާ ކަމެއް ކަމަށާއި މިކަމަށް ޖަވާބުދާރީވެ ޒިންމާވާ މީހުންނަށް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ ޒުވާން ޖީލެއް މަސްތުގެ ވަބާގައި ނެތިގެންދާ ކަމަށެވެ.

ޑްރަގް އަޅާފައި ހުރި ލަގެޖް އެއާޕޯޓުން ގެއްލުނު މައްސަލައިގައި ފުލުހުން ބުނީ، ޕާކިސްތާނުން ރާއްޖެ އައި މީހެއްގެ ލަގެޖުގައި މަސްތުވާތަކެތި ހުރި ކަމަށް ބުނެ މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އޭނާ ހިފެހެއްޓުމަށްފަހު، ފުލުހުންނާ ހަވާލުކުރި ނަމަވެސް އޭނާ ގެނައި ކަމަށް ބުނާ މަސްތުވާތަކެއްޗަށް ވީނުވީއެއް ނޭނގި ގެއްލުނު މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މި މަހުގެ އަށް ވަނަ ދުވަހު ރާއްޖެ އައި އެ މީހާ ކަސްޓަމްސް އިން ހިފެހެއްޓުމަށްފަހު ފުލުހުންނާ ހަވާލުކުރި ކަމަށެވެ. ނަމަވެސް އޭނާގެ ލަގެޖު ކަސްޓަމްސް އިން ހަވާލުކޮށްފައި ނުވާ ކަމަށް ބުންޏެވެ.

ފުލުހުން ބުނީ އޭނާ ރާއްޖެ އައި އިރު، 30 ކިލޯގެ ލަގެޖެއް ގެނައި ކަމާއި ނަމަވެސް އެ ލަގެޖު ގެންދިޔައީ ކާކުކަން ނޭނގޭ ކަމަށް އެ މީހާ ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އެއާޕޯޓުން މިހާތަނަށް ލިބިފައިވާ ސީސީޓީވީ ފޫޓޭޖުތަކުން އެ ލަގެޖު އަދި ދެނެގަނެވިފައިނުވާ ކަމަށްވެސް ބުންޏެވެ.

މި މައްސަލައިގެ ތެރެއިން އެއާޕޯޓްގެ މުހިންމު ދިމާތަކުގައި ކެމެރާ ނެތްކަން ފާހަގަވެފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ އެ މީހާއާ މެދު ތުހުމަތުކޮށް ބަންދުގައި ބެހެއްޓޭނެ ހެކި ނެތުމުން އޭނާ ދޫކޮށްލާފައިވާ ކަމަށާއި ނަމަވެސް އެ މައްސަލަ ފުލުހުން ބަލަމުންދާ ކަމަށެވެ.