މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް އެއް އަހަރުން ހައްލު ހޯއްދަވައިދެއްވާނެ ކަމަށް އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދުގެ "ފިކުރެއްގެ ދިރުން" ކެމްޕޭން ހަރުގެ ޖަލްސާ ހުޅުވައިދެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، މި ފަސް އަހަރު ފާއިތުވެގެން މިދަނީ އެމްޑީޕީގެ ސިޔާސަތުގެ ބަދަލުގައި ކޯލިޝަންގެ ސިޔާސަތު ތަންފީޒުކުރުމުގައި ކަމަށާއި އެހެންވެ ބޯހިޔާވަހިކަމަށް ދިމާވެފައިވާ މައްސަލަތައް ސަރުކާރަށް ހައްލުކުރެވިފައިނުވާ ކަމަށެވެ. އަދި ވިދާޅުވީ މާލޭގައި މިހާރުން މިހާރަށް ބޯހިޔާވަހިކަން ބޭނުންވެފައިވާ 5،000 އާއިލާ ދިރިއުޅެމުންދާ ކަމަށެވެ.
ނަޝީދު ވިދާޅުވީ އެ މަނިކުފާނުގެ ސަރުކާރުގައި ހިންގި ވެށިފަހި ޕްރޮގްރާމްގެ ދަށުން 250 ގޯތި ދޫކުރި ކަމަށާއި އެ ގޯތިތައް މިހާރު ހުރީ ހަތަރު ބުރިއަށް ހަދައި ނިމިފައި ކަމަށެވެ. އަދި އެތަނުގައި ދިރިއުޅެމުންދާ އާއިލާތަކަށް އިތުރު އާމްދަނީވެސް އެ ގޯތިން ލިބެމުންދާ ކަމަށެވެ. ވެށިފަހި ޕްރޮގްރާމަކީ ވަރަށް އަވަހަށް، ކާމިޔާބުކަމާއެކީ ފުރިހަމަކުރެވުނު ބޯހިޔާވަހިކަމުގެ މަޝްރޫއެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.
"ވެށިފަހި މާލޭ ޕްރޮގްރާމްގެ ދަށުން ދޫކުރެވުނީ މާލޭގައި ބިންކޮޅެއް އޮވެމެ ރަނގަޅު ދިރިއުޅުމެއް ނޫޅުވޭ މީހުން ބިން ކޮޅު ދޫކޮށްލީމާ އެ މީހުންނަށް ހުޅުމާލެއިން ބިމެއް ލިބުން. އެގޮތަށް ދެވުނު 256 އަޅުގަނޑު ހަނދާންވާ ގޮތުގަ ދެތިން އަހަރެއްގެ ތެރޭގައި ހަދައި ނިންމާލި. އެތަން އެކީގާ މިހާރު ހަދާ ނިމިއްޖެ. އެހެންނަމަވެސް މިހާރު އަޅުގަނޑު އަމާޒުކުރާ 5،000 އާއިލާއަށް އެގޮތަށް އެކަން ކުރެވޭނެ ކަމަށް އަޅުގަނޑަކަށެއް ނުފެނޭ. އަޅުގަނޑަށް ފެންނަ ގޮތުގައި އެއް ބުރީގެ ވަރަށް އާދައިގެ ގެތަކެއް އެބަހަދާން ޖެހޭ. އެއް ބުރީގެ ވަރަށް އާދައިގެ ގެތަކެއް އަހަރެއްހާ ދުވަހުގެ ތެރޭގައި ހަދާ ނިންމެން ޖެހޭނެ،" ނަޝީދު ވިދާޅުވިއެވެ.
އެ ގެތަކުގެ ކުލީގެ އެއްބައި ސަރުކާރަށް ދައްކަންވާނެ ކަމަށެވެ. އަދި އޭރުން 5،000 އާއިލާއަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ހަރަދުކުރަން ޖެހެނީ 20 މިލިއަން ރުފިޔާ ކަމަށާއި އެއީ ސަރުކާރަށް މާލީ ބުރައަކަށް ނުވާވަރުގެ އާމްދަނީއެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.
ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގާނަމަ، އެކަމަށް 10 އަހަރާއި 15 އަހަރުގެ މުއްދަތެއް ނަގާ ކަމަށެވެ. އަދި އެ މަނިކުފާނު ސަރުކާރުގައި ފެށި ހައުސިން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހަވާލުކުރެވުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ކަމަށާއި ޔާމީން ފެއްޓެވި ބޯހިޔާވަހިކަމުގެ މަޝްރޫއާ ހަވާލުވީ މި ސަރުކާރުން ކަމަށް ނަޝީދު ވިދާޅުވިއެވެ.
މި ސަރުކާރުން މަސައްކަތްތައް ފަށައިގަންނަނީ ވަރަށް ލަހުން ކަމަށާއި އަދި ފަށައި ގަނެވުނީ ވަރަށް މަދު ބޯހިޔާވަހިކަމުގެ މަޝްރޫއުތަކެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން މި ސަރުކާރުން ކުރިއަށްދާ މަޝްރޫއުތައް ކުރިއަށް އޮތް ދެ އަހަރުވެސް ނިންމައިނުލެވޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
މާލޭ ރައްޔިތުން 10 އަހަރު ނުވަތަ 15 އަހަރު ވަންދެން ބޯހިޔާވަހިކަމެއް ލިބެންދެން މަޑުކުރަން ބޭނުންނުވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.