އައްޑޫ ސިޓީ ރައްޔިތުން ބޭނުންވާނަމަ، އެ އަތޮޅުގައި އޮތް ޝަންގްރިއްލާ ރިސޯޓުގެ ދިވެހި ސަރުކާރުގެ ހިއްސާ ދޫކޮށްލާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް އައްޑޫ ސިޓީގެ ފޭދޫއަށް މިއަދު ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، އައްޑޫގެ ތަރައްގީއާ އެންމެ ބޮޑަށް ގުޅިފައިވާ އެއް މައްސަލައަކީ ޝަންގްރިއްލާ ރިސޯޓުގެ މައްސަލަ ކަމަށެވެ.

ރައީސް ވިދާޅުވީ ޝަންގްރިއްލާ ރިސޯޓުގެ މައްސަލަ ފެށިގެން އައި ގޮތް އައްޑޫގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ސާފުވާނެ ކަމަށާއި އެ ރިސޯޓަކީ އެއިރު ސަރުކާރުގައި ތިބި ބޭފުޅުންނާއެކު ޖޮއިންޓް ވެންޗާ ކުންފުންޏެއް ހަދައިގެން ހެދި ރިސޯޓެއް ކަމަށެވެ.

ރައީސް ވިދާޅުވީ ކުރީގެ އެއްވެސް ސަރުކާރަކުން ޝަންގްރިއްލާ ރިސޯޓަށް ވަމުންދާ ގޮތް ބަލާފައިނުވާ ކަމަށެވެ. އަދި ވިދާޅުވީ ޖޮއިންޓް ވެންޗާ ގޮތުގައި ސަރުކާރުގެ ހިއްސާ އޮވެގެން އެފަދަ ވިޔަފާރި ނުހިންގޭނެ ކަމަށާއި އެހެންކަމުން ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް މިހާރު ގެނެސްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެންގޮސް ސަރުކާރު ހިއްސާއަކީ ކިހައިވަރެއްތޯ ބެލިއިރުގަ އެ އޮތީ ނެގެޓިވްކޮށް. އަޅުގަނޑުމެން ހިއްސާ ދޫކޮށްލާ ކަމަށް ވަންޏާ 70 މިލިއަން ޑޮލަރު އެބަ ދައްކަންޖެހޭ. އެއްވެސް ސަރުކާރަކުން ނެތް މިއެއް ބަލާފަ. ކުންފުނި ހިންގާފައިވާ ސްޓޭޓްމެންޓު އެބަހުރި ސަރުކާރަށް ހުށަހަޅާފަ. ހަމައެކަނި ކުރެވެން އޮތް ގޮތަކީ، ހުށަހަޅާފައިވާ ގޮތަކީ އޭގެ ބަދަލުގައި ހިލޭ އެފަރާތަށް އަޅުގަނޑުމެންގެ ހިއްސާ އާއި އެ ދަރަންޏާ އަޅާ ކަނޑާފައި ދިނުން. އައްޑޫ ސިޓީގެ ރައްޔިތުން ބޭނުންވާކަމަށް ވަންޏާ އަޅުގަނޑުމެން މިތިބީ ސަރުކާރު ހިއްސާ ދޫކޮށްލާފަ އެކަން ކުރެވޭނެ ގޮތެއް ހޯދަން. މިކަމާ ދޭތެރޭ އެބަޖެހޭ ވިސްނަން،" ރައީސް ވިދާޅުވިއެވެ.

ޝަންގްރިއްލާ މައްސަލައިގައި އިހުމާލުވި ފަރާތްތައް ހޯދައި ފިޔަވަޅު އަޅަންޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އައްޑޫގެ ރައްޔިތުން ގަބޫލު ކަމަށްވާނަމަ، އެ މައްސަލައިގައި އިހުމާލުވި މީހުން ހޯދައި ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަހު ބަންދުކޮށްފައި އޮންނަތާ ދެ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ ވިއްކާލަން އިއުލާނުކޮށްފައިވެއެވެ.

ދިވެހި ސަރުކާރުގެ 30 ޕަސެންޓް ހިއްސާވާ ގޮތަށް ހޮންކޮންގްގެ ބިޔަ ހޮސްޕިޓާލިޓީ ވިޔަފާރި، ޝަންގްރިއްލާއާ ގުޅިގެން 2005 ގައި ހެދި ޖޮއިންޓް ވެންޗާއެއްގެ ދަށުން ތަރައްގީ ކުރި ޝަންގްރިއްލާ ވިލިނގިލި ރިސޯޓުގެ 70 ޕަސެންޓު ހިއްސާ ކުރާ އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ހިއްސާ ވިއްކާލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ އެމެރިކާގެ އިންވެސްޓްމެންޓް ފާމެއް ކަމަށްވާ ސީބީއާރުއީ ގްރޫޕްއާއެވެ.

ކޮވިޑް-19 ފެނުނު ހިސާބުން ބަންދުކޮށްފައި އޮތް ޝަންގްރިއްލާ ރިސޯޓު ވިއްކާލަން ސީބީއާރު ގްރޫޕުން ކުރި އިއުލާނުގައި ހިމަނާފައިވާ މައުލޫމާތުތަކުގައިވާ ގޮތުގައި އެ ރިސޯޓް ގަންނަ ފަރާތަކަށް ރިސޯޓާ އިންވެގެން އޮންނަ ކުޑަ ފަޅުރަށެއްވެސް ކުއްޔަށް ދިނުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ. އެއީ ކޮންރަށެއްކަން އެ އިއުލުނާގައި ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް އެ ފަޅު ރަށުގައި ޕްރައިވެޓް އައިލެންޑެއް ތަރައްގީ ކުރެވޭނެ ކަމަށާއި އިތުރަށް ފަސް ކޮޓަރީގެ ވޯޓާ ވިލާތަކެއްވެސް އެ ރިސޯޓްގައި ތަރައްގީ ކުރެވޭނެ ކަމަށް އިއުލާނުގައިވެއެވެ. އިއުލާނުގައި އިތުރަށް ބުނީ އެ ރިސޯޓް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރަން ވެސް ގަންނަ ފަރާތަކަށް ފުރުސަތު އޮންނާނެ ކަމަށެވެ.