މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި ދަނގެތި ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނާޒިމްގެ އާއިލީ ކުންފުނި، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)ގެ ވޭނަކުން ބަނގުރާ ފެނުނު މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށް ނާޒިމް ވިދާޅުވެއްޖެއެވެ.
ފުލުހުންގެ މީޑިއާއިން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ހުޅުމާލޭގައި ދުއްވާފައި ދިޔަ ވޭނަކާމެދު ތުހުމަތު ކުރެވިގެން އެ ވޭން ބަލައިފާސްކުރުމުގެ ތެރޭގައި ބަނގުރާ ފުޅިތަކަކާއި ބަނގުރާ ދަޅުތަކެއް ފެނިފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.
އެކަމާ ގުޅިގެން ނާޒިމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެކަން އޭނާ ސީރިއަސްކޮށް ބައްލަވާނެ ކަމަށާއި އެއީ ތާއީދުކުރާ ކަމެއް ނޫން ކަމަށެވެ. އަދި އާއިލީ ކުންފުނީގެ މުވައްޒަފަކަށް ވިޔަސް، ގަވައިދާ ހިލާފު އަމަލެއް ހިންގައިފި ނަމަ އެކަން ބައްލަވާނެ ކަމަށް ވިދާޅުވި އެވެ.
"މި މައްސަލަ ތަހުގީގުކުރަން އަޅުގަނޑުމެން އެއްބާރުލުން ދޭނަން. މިފަދަ ކަންކަމަކީ އަޅުގަނޑުމެން އެއްވެސް ވަރަކަށް ބަލައިގަންނާނެ ކަންކަމެއް ނޫން،" ނާޒިމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު