އެތުލެޓިކޯ މެޑްރިޑްގެ ފޯވަޑް، ޖުއާއޯ ފެލިކްސް ޗެލްސީއަށް ދާން ނިންމާފައިވާ ކަމަށް އިތުބާރު ނޫސްތަކުން ބުނެފިއެވެ.
އުމުރުން 23 އަހަރުގެ ޕޯޗުގަލް ފޯވަޑް ފެލިކްސް ހޯދަން ޕްރިމިއާ ލީގުގެ ބޮޑެތި ބައެއް އެހެން ކްލަބުތަކުންވެސް މަސައްކަތް ކޮށްފައިވާ އިރު، ބީބީސީން ބުނެފައި ވަނީ އާސެނަލާއި މެންޗެސްޓާ ޔުނައިޓެޑުންވެސް މި ޖެނުއަރީގައި ފެލިކްސް ގެންދަން މަސައްކަތްތަކެއް ކުރި ކަމަށެވެ.
އެހެން ނަމަވެސް މިދިޔަ ދެ ދުވަހު ޗެލްސީން ފެލިކްސްއާ މަޝްވަރާތައްކޮށް، ސީޒަނުގެ ނިޔަލަށް ލޯން އެއްބަސްވުމަކަށް ގެންދަން ނިންމާފައިވާ ކަމަށް އިތުބާރު ނޫސްތަކުން ވަނީ ބުނެފައެވެ. ފަބްރީޒިއޯ ރޮމާނޯ ބުނީ ޗެލްސީން 11 މިލިއަން ޔޫރޯގެ ލޯން ޕޭމަންޓެއް އެތުލެޓިކޯއަށް ދައްކާނެ ކަމަށެވެ. އަދި ސީޒަނުގެ ބާކީބައިގައި ފެލިކްސްއަށް ފުލް މުސާރަ ދޭނީވެސް ޗެލްސީން ކަމަށް ފަބްރީޒިއޯ ބުންޏެވެ.
ފެލިކްސް، ޗެލްސީއަށް ބަދަލުވާން ވިސްނާފައި ވަނީ އެތުލެޓިކޯއާއެކު އެއްބަސްވުން އާކުރުމަށްފަހުއެވެ. އެގޮތުން ހަބަރުތައް ބުނެފައިވާ ގޮތުގައި ފެލިކްސް ޗެލްސީއަށް ލޯން އެއްބަސްވުމުގެ ދަށުން ދާނީ 2027 ވަނަ އަހަރާ ހަމައަށް އެތުލެޓިކޯގެ އެއްބަސްވުން އާކުރުމަށްފަހުއެވެ.
އިތުބާރު ނޫސްތައް ބުނެފައިވާ ގޮތުން މިހާރު ފެލިކްސް ދަނީ ލަންޑަނަށް ގޮސް، ޗެލްސީގެ މެޑިކަލްއަށް ތައްޔާރުވަމުންނެވެ.
ޗެލްސީއަށް މި ސީޒަނުގައި އަނިޔާގެ މައްސަލަތާ ކުރިމަތިވުމުގެ އިތުރުން އާ ވެރިންނާއެކު އިތުރު ބައެއް އުނދަގޫތަކާވެސް ކުރިމަތިވެފައިވާ އިރު، އެޓީމުން ދަނީ ގިނަ ޓްރާންސްފާތަކެއް ކޮށް، ޓީމު ވަރުގަދަ ކުރުމަށް މަަސައްކަތްތަކެއް ކުރަމުންނެވެ.
މި ޖެނުއަރީ ޓްރާންސްފާ މާކެޓްގައިވެސް މިހާރު ޗެލްސީން އިތުރު ކުޅުންތެރިންތަކެއްގެ ސޮއި ހޯދައި، އެކަން އިއުލާން ކޮށްފައިވާ އިރު، އަންނަ ޖޫން މަހު ކްރިސްޓޮފާ އެންކުންކޫވެސް އެ ކްލަބާ ގުޅޭނެއެވެ.
އެތުލެޓިކޯއިން 2019 ވަނަ އަހަރު، އޭރު އުމުރުން 19 އަހަރުގެ ފެލިކްސް އެ ކްލަބަށް ގެންދިޔައީ 113 މިލިއަން ޕައުންޑްގެ އަގެއް ދައްކައިފައެވެ. އެ އަގާއެކު ފެލިކްސްގެ ފެންވަރަށް ބޮޑެތި އުންމީދުތަކެއް ކުރެވިގެން ދިޔަ ނަމަވެސް، އެތުލެޓިކޯގައި އަދި އެންމެ ރަނގަޅަށް ކުޅެވިފައެއް ނުވެއެވެ.
ފެލިކްސް މިސީޒަނުގައި އެތުލެޓިކޯއަށް ކުޅުނު 20 މެޗުގައި ފަސް ގޯލް ޖަހައި ތިން އެސިސްޓް ހަދާފައިވާ އިރު، ވޯލްޑް ކަޕްގައި ފަސް މެޗުގައި ކުޅެ، ގޯލް ޖަހާފައިވެއެވެ. ފެލިކްސް ފާހަގަކުރެވުނީ ވޯލްޑް ކަޕްގައި ޕޯޗުގަލަށް މުހިއްމުވި ކުޅުންތެރިއެއްގެ ގޮތުގައެވެ.