ރާއްޖޭގައި އެމްޑީޕީގެ ވެރިކަމެއް ކުރެވޭނީ ތަފާތު ފިކުރުތަކުގެ ސިޔާސީ މީހުންނާއެކު ވެރިކަން ކުރެވޭ ބޭފުޅަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރ. މީދުއަށް ވަޑައިގެން އެ ރަށުގައި މިރޭ ބޭއްވި ޖަލްސާއެއްގައި ރައީސް ސޯލިހު ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުން ކުރިއަށްގެންދަން ފަށާފައިވާ ތަރައްގީގެ މަޝްރޫއުތައް ނުހުއްޓި ކުރިއަށް ގެންދިއުމަށް މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
"އެކަން ކޮށްދެވޭނީ ތަފާތު ފިކުރުތަކާއެކީގައި ހިޔާލު އެއްގޮތް ކޮށްގެން ވެރިކަން ކުރެވޭނޭ ފަރާތަކަށް. ރާއްޖޭގެ ސިޔާސީ މަސްރަހު އޮތްގޮތް ތިބޭފުޅުންނަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންވާނެ. އެއްވެސް ޕާޓީއަކަށް، އެއްވެސް މީހަކަށް އެކަނި ނުކުމެ، 50 ޕަސަންޓަށްވުރެ ގިނައިން ވޯޓު ހޯދައިގެން ވެރިކަން ކުރެވޭނެ ގޮތަކަށް ނޫން ރާއްޖޭގެ ސިޔާސީ މަސްރަހު މިއަދު އޮތީކީއެއް. ތެދެެއް އެމްޑީޕީއަކީ އެންމެ ބޮޑު ޕާޓީ. އެކަމާ ދޭތެރޭގެ އަޅުގަނޑުމެން އެންމެން ވަރަށް ފަހުރުވެރިވަން. އެހެންނަމަވެސް އަޅުގަނޑުމެންނަށް އެ މަދުވާ އެތިކޮޅު ޕަސަންޓް ނުލިބި ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީ، އެންމެ ގިނަ މެމްބަރުން ތިބި ޕާޓީ މަގުމަތިވާންވީތޯ، ނޫންތޯ މީ މިއަދު އަޅުގަނޑުމެން ހިތާ ހިތާ ކުރަންވީ ސުވާލަކީ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެމަނިކުފާނަކީ ތަފާތު ފިކުރާއި މީހުން އެއްތަންކޮށް އެ މީހުންނާއެކު މަސައްކަތް ކުރެވޭނެ ބޭފުޅެއް ކަމަށާއި އަދި އެމްޑީޕީގެ ވިސްނުމާއި ފިކުރު ކުރިއަށް ނެރެ ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެސްދެވޭނެ ކަމަށެވެ. އަދި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީން ވެފައިވާ ވައުދުތަކުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާ ކަމަށާއި އޭގެ ތެރެއިން ބައެއް މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އެމްޑީޕީގެ ފުރަތަމަ ސަރުކާރު، ވެރިކަމުގެ ދައުރު ފުރިހަމަކުރަން ނުލިބި، ތިން އަހަރުގެ ތެރޭގައި މަގުމަތިވެގެން ދިޔަ ގޮތް ހަނދާން އެބަހުރި ކަމަށާއި އެއީ އެމްޑީޕީގެ މެމްބަރުން އަބަދުވެސް ހަނދާނުގައި ބަހައްޓަވަން ޖެހޭކަމެއް ކަމަށެވެ. އަދި 2012 ވަނަ އަހަރު ވެރިކަން ބަދަލުވީއްސުރެ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ހަމައަށް އެމްޑީޕީ މެމްބަރުން ތިބީ މަގުމަތީގައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ އަހަރުތަކަކީ ބިރުވެރި، ނާމާން ދުވަސްތަކެއް ކަމަށާއި އަލުން އެ ބިރުވެރިކަމާއި ނާމާންކަމަށް ދާން ރައްޔިތުން ބޭނުންނުވާ ކަމަށެވެ. އަދި މިހާރު މިއޮތް ހަމަޖެހުން ދެމެހެއްޓުމަށް އެމަނިކުފާނު އިންތިހާބުވެވަޑައިގަންނަވަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.
މިއަހަރު ބާއްވާ އިންތިހާބު ކާމިޔާބުކުރެވޭނީ ކޮން ގޮތަކުން ކަމާއި، ކޮން ބޭފުޅަކާއެކު ކަން އެތެރޭގެ އިންތިހާބުގައި ވޯޓުދޭ އިރު، ވިސްނަން ޖެހޭނެ ކަމަށް ވެސް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު