ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ކުރެއްވި ތާއިދު އަނބުރާ ގެންނަވައި، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދުކުރައްވަން ނިންމަވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފު ވިދާޅުވެއްޖެއެވެ.

ޔާސިރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މަޖިލިސް ތެރެއިން މި ސަރުކާރަށް ބޭނުންވާ ހުރިހާ ކަމަކަށް އެއްބާރުލުންދެއްވާފައިވާނެ ކަމަށާއި ނަމަވެސް އޭނާ ނިސްބަތްވާ ދާއިރާގައި ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި މަޑު ކަމަށެވެ.

"ފާއިތުވި ހަތަރު އަހަރު ސަރުކާރަށް ބޭނުންވާ ހުރިހާ އެއްބާރުލުމެއް ދިނިން. އެކަމަކު ފެންނަނީ ކުޅުދުއްފުށީގެ މަޝްރޫއުތައް ލަސް ސްޕީޑެއްގައި ކުރިއަށްދާ މަންޒަރު. އެހެންކަމުން ނަޝީދަށް ތާއިދުކޮށް، ރައީސަށް ކުރެއްވި ތާއިދު އަނބުރާ ގެންނަން،" ޔާސިރު ވިދާޅުވިއެވެ.

ނަޝީދަށް ތައުރީފުކުރައްވައި ޔާސިރު ވިދާޅުވީ، ނަޝީދުގެ ވިސްނުމާއި އިލްމާއި ހިލްމު އަދި ބުންވަރާއި ހިތްވަރަށް ބެލިޔަސް އެމަނިކުފާނަކީ މިވަގުތު ރާއްޖޭގައި ހުންނެވި އެންމެ ވަރުގަދަ ސިޔާސީ ލީޑަރު ކަމަށެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ސޯލިހަށް ތާއިދުކުރައްވައި ޔާސިރު ވަނީ އެމްޑީޕީގެ ހަރުގޭގައި މީގެ ކުރިން ވާހަކަވެސް ދައްކައިފައެވެ. އަދި ވަނީ ރައީސް ސޯލިހުގެ ސަރުކާރާ މެދު ހިތްހަމަޖެހިވަޑައިގަންވާ ކަމަށް ވެސް ވިދާޅުވެފައެވެ.

އެމްޑީޕީގެ ޕްރައިމަރީ ބާއްވާނީ މިމަހުގެ 28 ވަނަ ދުވަހުއެވެ.