ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގި ހިޔާ ފުލެޓުގެ މަޝްރޫއަކީ ރައްޔިތުންނަށް ދިރިއުޅުމެއް ހޯދައިދެވިދާނެކަމުގެ ރަމްޒެއް ކަމަށް، އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދަކީ ހިޔާ ފުލެޓުގެ މަޝްރޫއަށް ކުރިން ވަރަށް ބޮޑަށް ފާޑުވިދާޅުވި ބޭފުޅެކެވެ. ނަޝީދު ސިފަކުރައްވާފައިވާ ގޮތުގައި ހިޔާ ފުލެޓަކީ ދިރިއުޅެން އެކަށީގެންނުވާ ދަރަނި ދަންތުރައެކެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް މިއަދު ހަވީރު ހިޔާ ފުލެޓް ސަރަހައްދަށް ވަޑައިގެން ބޭއްވި ބައްދަލުވުމެއްގައި ނަޝީދު ވަނީ ހަމަ އެ ވާހަކަތައް ތަކުރާރުކުރައްވައިފައެވެ. ނަޝީދު ވިދާޅުވީ ހުޅުމާލޭގެ ޖުމުލަ ދަރަންޏަކީ ދައުލަތުގެ އެންމެ ބޮޑު ދަރަނި ކަމަށާއި ހުޅުމާލޭގެ ބޭނުންތެރިކަމަކީ އެއްވެސް ބޭފުޅަކަށް އިންކާރު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އިމާރާތްކުރުމުގެ އަގު ބޮޑުވެގެން ދިއުމަކީ ކުލި ބޮޑުވާ ސަބަބު ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ހިޔާ ފުލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު ތަކުލީފަކީ އާމްދަނީ މަދުވުމާއި، ތަކެތީގެ ހަރަދު ބޮޑުވުމުގެ ސަބަބުން ހާސްކަމުގެ ތެރޭގައި ދިރިއުޅެން ޖެހުން ކަމަށެވެ. އެކަންކަން އެގޮތަށް ހުއްޓަސް ހިޔާ މަޝްރޫއަކީ ރައްޔިތުންނަށް ރަނގަޅު ދިރިއުޅުމެއް ހޯދައިދެވިދާނެކަމުގެ ރަމްޒެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑަށް ފެންނަ ފެނުމުގައި އެމްޑީޕީގެ ދެން އުފެދޭ ސަރުކާރެއްގެ އަމާޒަކަށްވާން ޖެހޭ، އަވަސް މުއްދަތެއްގެ ތެރޭގައި ގިނަ އަދަދެއްގެ ބޯހިޔާވަހިކަން، ގިނަ އަދަދެއްގެ ފުލެޓު އިމާރަތްކުރެވި ރައްޔިތުންނަށް އެތާނގައި ދިރިއުޅެވޭ ގޮތް ހޯދުން. އަޅުގަނޑު މިތަނަށް އައުމުން ނުހަނު ހިތްހަމަޖެހުން ލިބިއްޖެ. މިއީ އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުންނަށް ދިރިއުޅެވޭނެ ގޮތްތައް ހޯދައިދެވިދާނެކަމުގެ ރަނގަޅު ރަމްޒެއް. އަޅުގަނޑުމެންގެ އަމާޒަކަށްވާންވީ މިތަންތަން އެއީ ވިޔަފާރީގެ ހަމައިގައި ބިނާކުރެވި ދައުލަތުގެ މާލިޔަތަށް ބުރަނުވެ، ދައުލަތް ނުދަރައި، އަޅުގަނޑުމެންނަށް މިކަންކަން ކުރެވެން އޮންނާނެ އުސޫލުން ކުރުން،" ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވެރިކަމުގައި "ވެށިފަހި" ޕްރޮގްރާމުގެ ދަށުން ދޫކުރި 250 ބިމުގައި ވަނީ ތަނަވަސް ދިރިއުޅުމެއް އުޅެވޭނެ ގޮތް ހަދާފައި ކަމަށް ނަޝީދު ވިދާޅުވިއެވެ. އެ 250 ބިމުގައި އިމާރަތްކޮށްފައި ހުރީ ސަރުކާރަށް އެއްވެސް ބުރައެއް ނުލިބޭ ގޮތަށް ކަމަށް ނަޝީދު ވިދާޅުވިއެވެ. "ވެށިފަހި" ޕްރޮގްރާމުގެ ދަށުން ފައިދާ ލިބިގެން ގޮސްފައިވަނީ ހަމައެކަނި ބިން ލިބުނު މީހުންނަށް ނޫން ކަމަށާއި އެ ބިމުން ހެޔޮ އަގުގައި އެހެން މީހުންނަށްވެސް ފުލެޓު ލިބިފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ހުޅުމާލޭ ފޭސް ދޭކުން އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ބިންތަކުގައި އިމާރާތްކޮށް ފުލެޓު ދޫކުރާނެ ކަމަށާއި އަމިއްލަ ފަރާތްތަކުން ގިނަ އަދަދެއްގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމުން ފުލެޓުތަކުގެ ކުލި ކުޑަވެގެންދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގާ ނަމަ، އެ މަޝްރޫއެއް ނިމި، އެތަނުގައި މީހުންނަށް ދިރިއުޅެން ފެށެނީ ދިހަ ވަރަކަށް އަހަރު ފަހުން ކަމަށެވެ. އަދި ހުޅުމާލޭ ފޭސް ދޭކުން އަމިއްލަ ފަރާތްތަކަށް ބިން ދޫކޮށްފައިވާ ކަމަށާއި އެ ފަރާތްތަކުން ހައުސިން މަޝްރޫއުތައް ދެ ތިން އަހަރެއްގެ ތެރޭގައި ފުރިހަމައަށް ނިންމާލާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ތިބޭފުޅުން ބައްލަވާ ސަރުކާރުން އިމާރާތެއް އަޅަން ޖެހުނީމާ މަދުވެގެން ދިހަ އަހަރު އެބަނަގާ، އެތަނެއްގައި އިމާރާތް ކުރެވި އެތަން މީހުންނަށް ދެވެން. އެހެންނަމަވެސް އަމިއްލަ ފަރާތްތަކަށް ދޫކުރާ އެ ބިން އެބަ އަހަރެއް ދެއަހަރެއް ތެރޭ ހަދައި ނިންމާ. އަދި އެތަންތަނަށް މީހުންނަށް ވަދެވޭނެ ގޮތް ފަސޭހަކަމާއެކީގައި އެބަވޭ. ސަރުކާރުގެ ދައުރަކަށްވާންވީ މި ތަންތަނަށް ލިބޭ ކުލި ދެއްކުން ދަތިވާ، އާމްދަނީ މަދު މީހުންނަށް ކުލި ދެއްކުމުގައި އެހީތެރިވެދިނުން. އަޅުގަނޑުމެންގެ ސަރުކާރުގެ އިނާޔަތްތައް އަމާޒުކުރަން ޖެހެނީ އެ ނިކަމެތީންނަށް އެ އިނާޔަތްތައް ދެވޭނެ ގޮތް ހޯދައިދޭން،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ފުލެޓު ލިބޭ ފަރާތްތަކުން، އާމްދަނީ ހޯދުމުގެ ގޮތުން އެ ފުލެޓު ބޮޑު އަގުގައި ކުއްޔަށް ދޫކުރުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށެވެ.

އެމްޑީޕީގެ އަމާޒަކަށްވާންވީ ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކޮށްދިނުން ކަމަށާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަންވާނީ ހަމައެކަނި މާލޭ ސަރަހައްދުގައި ނޫން ކަމަށެވެ. އަދި މާލޭ ކައިރީ ރަށްރަށުގެ އާބަދީ ބޮޑުކޮށް، ރަށަށް އިގުތިސޯދީ ނަފާ އިތުރުކުރަންޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.