މާޒީގެ ތެރެއަށް ވަދެގެންދިޔަ 2022 ވަނަ އަހަރަކީ އުފާވެރިކަމުގެ ހަނދާންތަކަށްވުރެ ބޮޑަށް ބިރުވެރިކަމާއި ނާމާންކަމުގެ ހަނދާންތަކާ ގުޅިފައިވާ އަހަރެކެވެ. ލޭއޮހޮރުވުން ބޮޑު، ފަނާކުރަނިވި، ބިރުވެރި ހަނގުރާމައެއް ޔުކްރޭނުގައި އެވަނީ ފެށިފައެވެ. އިނގިރޭސި ރާނީ އެލިޒަބަތުގެ ދިގު ރަނިކަމާއި ދިގު ހަޔާތަށް ނިމުން އައުމާއި ފަހަކަށް އައިސް އިނގިރޭސިވިލާތަށް ކުރިމަތިވި އެންމެ ބޮޑު އިގްތިސާދީ ހީނަރުކަން ފެތުރިގެންދިޔައީވެސް ހުސްވި 2022 ވަނަ އަހަރުގެ ތެރޭގައެވެ. ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުގެ ތެރެއިން ރައީސް ގޮޓާބަޔާ ރާޖަޕަކްސާޔާއި އޭނާގެ މުޅި އާއިލާގެ އާރާއިބާރު ނެތިގެންގޮސް ވެރިކަން ފުރޮޅިގެންދިޔައީވެސް ހުސްވި 2022 ވަނަ އަހަރުގެ ތެރޭގައެވެ. އަދިވެސް މިފަދަ ކިތަންމެ ހާދިސާތަކެކެވެ. އެންމެ ފާހަގަކުރެވޭ އަށް ކަމަކަށް ބަލައިލަމާބަހީއެވެ.

ހުސްވި އަހަރުގެ އެންމެ ބޮޑު އަދި އެންމެ ނުރައްކާތެރި ހާދިސާއަކީ ރަޝިޔާގެ ސިފައިން ޔުކްރޭނަށް އެރުމެވެ. ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާގެ ފައުޖުތައް ޔުކްރޭނަށް އެރީ ޚާއްސަ އަސްކަރީ އޮޕަރޭޝަނެއް ހިންގުމުގެ ބަހަނާގައެވެ. ޔުކްރޭނުން ނޭޓޯ ޖަމާއަތާ ގުޅިގެން ރަޝިޔާގެ މަސްލަހަތަށް ނުރައްކާކުރާތީ އެކަމަށް ނިމުން ގެނައުމުގެ ބޭނުމުގައޭ ބުނެފައެވެ. ރަޝިޔާގެ އާރާއި ބާރުގެ ކުރިމަތީގައި މާގިނަދުވަހު ޔުކްރޭނަށް ހިފަހައްޓައިލެވިދާނެކަމަށް އެއްވެސް ބަޔަކު ހިޔެއް ނުކުރެއެވެ. އެކަމަކު މަންޒަރު ވަރަށް ތަފާތެވެ. ރަޝިޔާ ބޭނުންހާ ކަމެއް ނުކުރެވުނެވެ. ޔުކްރޭނުން އެދަނީ ގަދަކަން ދައްކަމުން ރައްދު ދެމުންނެވެ. ހަނގުރާމައަށް އަހަރެއްވާން ކައިރިވަނީއެވެ. ނިމުންއޮތް ހިސާބެއްވެސް ނޭނގެއެވެ. ނިމޭނެގޮތެއްވެސް ނޭނގެއެވެ.

ސްރީލަންކާގެ ގަޑުބަޑުތައް ފެށުނީ ކޮވިޑުގެ އާލަމީ ވަބާޔާ ގުޅިގެން ގައުމަށް ކުރިމަތިވި އިގްތިސާދީ ތަދުމަޑުކަމުގެ ތެރެއިންނެވެ. ރައީސް ގޮޓާބަޔާގެ ސަރުކާރުގެ ކޮރަޕްޝަނާއި ނާގާބިލްކަމުގެ ނަތީޖާއެއްގެ ގޮތުންނެވެ. އެޕްރީލް މަހަކީ ކަންކަން ބޮއްސުންލައިގެން ދިޔަ ހިސާބެވެ. ވެރިރަށް ކޮޅުނބުގެ އެކި މައިދާންތަކަށް ރައްޔިތުން އެއްވެގެން ގޮވާންފެށީ ރައީސް ގޮޓާބަޔާ އާއި ބޮޑުވަޒީރު މަހިންދާގެ އިސްތިއުފާއަށެވެ. އެއަށްފަހު ޖުލައި މަހު ވަދެގަތީ ރިޔާސީ ގަނޑުވަރުގެ ތެރެއަށެވެ. ރައީސް ގޮޓާބަޔާ ފިއްލަވައިގެން އަވަސްގޮތަކުން ވަޑައިގަތީ ގައުމުން ބޭރަށެވެ. އިސްތިއުފާ ދެއްވީ ސިންގަޕޫރުގައި ހުންނަވައިގެންނެވެ. ދެން ވެރިކަމާ ހަވާލުވެވަޑައިގެންނެވީ ރަނިލް ވިކްރަމަސިންހާއެވެ. ސްރީލަންކާގެ މަސްރަހު އަދިވެސް މުޅިއަކުން ހަމަޔަކަށް ނޭޅެއެވެ. އަދިވެސް އެއޮތީ ޓައިމް ބޮމެއްގެ މިސާލުގައެވެ.

އިނގިރޭސިވިލާތުގެ ތާރީޚުގައިވެސް އެންމެ ގިނަ ދުވަހު ތަޚުތުގައި ރެދަލިކުރެއްވި ރާނީ އެލިޒަބަތު ދެވަނަ އަވަހާރަވީ ސެޕްޓެމްބަރު އަށް ވަނަ ދުވަހުއެވެ. ރާނީ އަވަހާރަވީ 70 އަހަރު ތަޚުތުގައި ރެދަލިކުރެއްވުމަށްފަހު އުމުރުފުޅުން 96 އަހަރުގައެވެ. ރާނީއަށްފަހު ރަސްކަމަށް ވަޑައިގަތީ އެކަމަނާގެ ދޮށީ ދަރިކަލުން އަދި ވަލީއަހުދު ޕްރިންސް ޗާލްސްއެވެ. ކިންގް ޗާލްސް ތިންވަނައިގެ ނަންފުޅުގައެވެ. ރާނީ އަވަހާރަވި އަހަރަކީ ސިޔާސީގޮތުންވެސް އިނގިރޭސި ތާރީޚުގައި އެންމެ ހަލަބޮލި އަހަރެވެ. ބޮޑުވަޒީރުކަމަށްވެސް ތިން ބޭފުޅަކު ވަޑައިގެންނެވިއެވެ. އެންމެފަހުން އޮކްޓޫބަރު ފަހުކޮޅު ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވީ އިންޑިޔާ ދަރިކޮޅުގެ ރިޝީ ސުނާކެވެ. އިނގިރޭސިވިލާތުގެ ތާރީޚުގައިވެސް ދޮން ނަސްލަށް ނިސްބަތްނުވާ އަދި ނަސާރާއަކަށްވެސް ނުވާ ފުރަތަމަ ބޮޑުވަޒީރަކީ ސުނާކެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާނުގެ އިތުބާރުނެތް ކަމަށް އެތާގެ ޕާލަމެންޓުން ފާސްކޮށް ސަރުކާރު ވައްޓައިލީ އެޕްރީލް މަހުގެ ތެރޭގައެވެ. މިކަމަކީ ބޭރުގެ ނުފޫޒުތަކެއް އޮވެގެން ކޮށްފައިވާ ކަމެއް ކަމަށް އިމްރާން ޚާނާއި އޭނާގެ ސަޕޯޓަރުން ގަބޫލުކުރެއެވެ. އިމްރާން ޚާންގެ ގޮވައިލެއްވުމަށް އިޖާބަދިނުމުގެ ގޮތުން ޕާކިސްތާނުގެ އެކި ރަށްރަށުގައި އެތައް މިލިޔަން ބަޔަކު ވަނީ މުޒާހަރާކޮށްފައެވެ. މިއީ ޕާކިސްތާނުގެ ތާރީޚުގައިވެސް ފެނިފައިވާ އެންމެ ބޮޑެތި މުޒާހަރާތަކެވެ. އިމްރާނަށްފަހު ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންނެވީ ޝަހުބާޒު ޝަރީފެވެ. ޕާކިސްތާނުގެ ސިޔާސީ ހަމަނުޖެހުންތަކުގެ ތެރެއިން އިމްރާން ޚާން އަވަހާރަކޮށްލުމަށް ނޮވެމްބަރު މަހުގެ ފުރަތަމަ ހަފުތާ ތެރޭގައި ބަޑީގެ ހަމަލާއެއްވެސް ވަނީ ދީފައެވެ. ވަޒަން އަރާފައިވަނީ އިމްރާނުގެ ފަޔަށެވެ. ފުރާނަޔަކަށް ގެއްލުމެއް ނުދެވުނެވެ.

އީރާނުގެ ރަސްކަމަށް 1979 ވަނަ އަހަރު ނިމުމެއް އައިސް އިސްލާމީ އިންގިލާބު ކާމިޔާބުވުމަށްފަހު އެ އިންގިލާބުގެ ތަނބުތަކަށް އެންމެ ބޮޑު ގުޑުމެއް އަރާފައިވަނީ ހުސްވި 2022 ވަނަ އަހަރުގެ ތެރޭގައެވެ. ސެޕްޓެމްބަރު 16 ވަނަ ދުވަހުން ފެށިގެން އީރާނުގެ ކަންކޮޅުތަކުގައި ވަރުގަދަ މުޒާހަރާތަކެއް ދަނީ ކުރިއަށެވެ. ހަމަނުޖެހުންތައް ފެށުމުގެ ސަބަބަކަށްވީ ބުރުގާ ނޭޅުމުގެ ކުށުގައި ހައްޔަރުކުރި 22 އަހަރުގެ ޒުވާން އަންހެނަކު މަރުވުމެވެ. ފުލުހުން އޭނާ މަރައިލީ ކަމަށް ތުހުމަތު ކުރެވިގެންނެވެ. މި މުޒާހަރާތަކުގައި އެތައް މިލިޔަން ބަޔަކު ބައިވެރިވެއެވެ. މިހާތަނަށް ހާހެއްހާ މީހުން ވަނީ މަރުވެފައެވެ. މުޒާހަރާތަކަށް ފިނިކަމެއް ގެނެވޭތޯ ސަރުކާރުން ވަރަށް ގިނަ ލުއިތަކެއްވެސް ވަނީ ދީފައެވެ. މުޒާހަރާގެ މިސްރާބު މިހާރު ހުރީ ސީދާ ވެރިކަން ބަދަލުކުރުމާ ދިމާލަށެވެ.

ޗައިނާގެ ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީގެ ޖެނެރަލް ކޮންގްރެސްއިން ވަނީ އޮކްޓޫބަރު 23 ވަނަ ދުވަހު އެގައުމުގެ ރިއާސަތުގެ ތިންވަނަ ދައުރެއް ރައީސް ޝީ ޖިންޕިންއަށް އަރުވައިފައެވެ. މިއީ ޗައިނާގެ ކޮމިއުނިސްޓް އިންގިލާބުގެ ބާނީ މާއޯ ޒެޑޮންގަށްފަހު ވިދިވިދިގެން ތިންވަނަ ދައުރެއް ބޭފުޅަކަށް އެރުވުނު ފުރަތަމަ ފަހަރެވެ. މީގެކުރީގެ އާދަޔަކީ ދިހަ އަހަރަށްފަހު ވެރިން ރިޓަޔަރ ކުރެއްވުމެވެ. ޝީ ޖިންޕިން ވަނީ މި އުސޫލުން އިސްތިސްނާ ވެފައެވެ. އޭނާއަކީ ގައުމުގެ ރައީސެވެ. ސިފައިންގެ ވެރިޔާއެވެ. ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީގެ ވެރިޔާއެވެ. މުޅި ގައުމުގައި ޝީ ޖިންޕިންއެވެ. މިކަމާ ގުޅިގެން އޭނާގެ ސިޔާސަތާއި ޗައިނާގެ މިސްރާބަށްވެސް ބަދަލުތަކެއް ދަނީ އަންނަމުންނެވެ. ނަތީޖާއެއްގެ ގޮތުން އެހެން ގައުމުތަކާ އަރައިރުންތައް އުފެދުން ގިނަވެ މުޑިއެރުންތައްވެސް ދަނީ ގިނަވަމުންނެވެ.

ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ވެރިކަން ކަނާތުފިޔާގެ ހަރުކަށި ފިކުރުގެ މައްޗަށް ބައްޓަންވުމުގެ އާދަ ދެމިގެން އަންނަތާ އަހަރުތަކެއް ފަހުން އަނެއް އަތަށް މަންޒަރު ފުރޮޅެން ފަށައިފިކަމުގެ ކުލަވަރު 2022 ވަނަ އަހަރު ވަނީ ފެންނަން ފަށައިފައެވެ. ވާތުފިޔާގެ ފިކުރަށް ކާމިޔާބު ލިބުމުގެ އެންމެ ބޮޑު މިސާލެއް ފެނިގެން ދިޔައީ އޮކްޓޫބަރު 30 ވަނަ ދުވަހު ބްރެޒިލްގައި ބޭއްވުނު ރިޔާސީ އިންތިޚާބުންނެވެ. ކަނާތުފިޔާގެ ހައްދުފަހަނަ އަޅާފައިވާ ރައީސް ޖައިރު ބޮލްސޮނާރޯގެ މައްޗަށް ކުރި ހޯއްދެވީ ވާތުފިޔާގެ ލީޑަރު ލޫލާ ޑަސިލްވާއެވެ. އޭގެ ކުރީއަހަރު އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ކަނާތުފިޔައިގެ ޓްރަމްޕުގެ މައްޗަށް ވާތުފިޔައިގެ ޖޯ ބައިޑެން ހޯއްދެވި ކާމިޔާބީއަށް ބްރެޒިލްގައި އިތުރުވެގެން މިދިޔައީ އައު ބޮޅެކެވެ. އެކަމަކު ލޫލާގެ ކާމިޔާބީއަކީ ވަރަށްވެސް ތަފާތުކުޑަކޮށް ނެރެވުނު ކާމިޔާބީއެކެވެ.

ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު ދުނިޔޭގެ އާބާދީ ވަނީ އަށް ބިލިޔަނަށް އަރައިފައެވެ. އައު ބިލިޔަނެއް ދުނިޔޭގެ އާބާދީއަށް އިތުރުވުމުގައި އެންމެ ބޮޑު ހިއްސާއެއް އޮތީ އިންޑިޔާއަށެވެ. އެއީ 177 މިލިޔަން މީހުން އިތުރުކޮށްގެންނެވެ. މިފެށުނު އައު އަހަރު ދުނިޔޭގެ އެންމެ ބޮޑު އާބާދީއަކީ އިންޑިޔާ ކަމަށްވެސް ވާނެއެވެ. ޗައިނާ ފަހަތަށް ޖައްސާފައި އިންޑިޔާ އެއްވަނައަށް އަރާނެއެވެ. ދުނިޔޭގެ އާބާދީ އަށް ބިލިޔަނަށް އެރިއިރު އަށް ބިލިޔަން ވަނަ ކުއްޖާކަމަށް ރަމްޒީގޮތުން ބަލައިގެންފައިވަނީ ފިލިޕީންސަށް އުފަންވި ވިނިސް މަބާންސަގޭ ނަން ކިޔުނު ކުއްޖެކެވެ. ދުނިޔޭގެ އާބާދީ ހަތް ބިލިޔަނުން އަށް ބިލިޔަނަށް އަރަން ނެގީ 11 އަހަރެވެ. ތަޖުރިބާކާރުން ލަފާކުރާގޮތުގައި އަށް ބިލިޔަނުން ނުވަ ބިލިޔަނަށް އަރަން އިތުރު 15 އަހަރު ނަގާނެއެވެ.