2022ގެ ފެށުމުގައިވެސް ކޮވިޑް 19ގެ އަސަރު ކުޅިވަރަށް ކުރި ނަމަވެސް، އަހަރު ވެގެން ދިޔައީ ކުޅިވަރުގެ އަހަރަކަށެވެ. ބައިނަލްއަގުވާމީ ކުޅިވަރުތަކުގައިވެސް ދިވެހި އެތުލީޓުންގެ ހުނަރު ފެނިގެން ދިޔަ އަހަރަށެވެ. ވަކިން ހާއްސައެވެ. ރާއްޖޭގެ ފަސްގަނޑުން ބައިނަލްއަގުވާމީ ގިނަ ކުޅިވަރުތަކެއް ފެނިގެން ދިޔުންވީ ހިތްހަމަ ޖެހުމަކަށެވެ. ދިވެހި އެތުލީޓުންނަށް އަމިއްލަ ފަސްގަނޑުން ލިބުނު ބައިނަލްއަގުވާމީ ފުރުސަތުތަކާއެކު ހުނަރުވެސް ދައްކާލި ވަގުތުކޮޅުތައް އަހަރު ތެރެއިން ހާއްސަވިއެވެ.
ކުޅިވަރުން އުފާވެރިކަމުގެ އިހުސާސް ގެނެސްދިނީ އެ މުބާރާތްތަކާއި އެކިއެކި އެސޯސިއޭޝަންތަކުގެ ގައުމީ މުބާރާތްތަކުންނެވެ. އެ ހިތްހަމަ ޖެހުމުގެ ވަގުތުތަކާއެކުވެސް ގައުމީ އެންމެ ބޮޑު ކުޅިވަރުން ލިބުނީ މާޔޫސީ ހަބަރުތަކެކެވެ. ފުޓުބޯޅަ އޮތީ "ދަރައިފަ"އެވެ. ފުޓުބޯޅައިގެ ރޫހު ފަނޑުވެ، މާޔޫސްވީ އެތަކެއް ޕްރޮޖެކްޓަކަށް ކުރި އިންތިޒާރު "ތޮޅިއަށް" ދިޔައިމައެވެ.
ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރަކީ ފުޓުބޯޅައެވެ. މާލެއިން ފެށިގެން އަތޮޅު ތެރޭގައިވެސް އެންމެ ބޮޑަށް ހިނގާ ކުޅިވަރަކީ ފުޓުބޯޅައެވެ. ގާނޫނީ ގޮތުން ކުޅިވަރު މަތިކޮށްފައިވާ އިދާރާތަކުގެ ތެރެއިން ފުޓުބޯޅައިގެ ބަލަދުވެރިޔަކީ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އެވެ. އެފްއޭއެމްއަކީ ފީފާގެ އެސޯޝިއޭޓެކެވެ. މިދިޔަ އަހަރު އެކުގައިވެސް ފެނުނީ ފުޓުބޯޅަ އިދާރާގެ ހިންގުން ބޮއްސުންލައިގެން ދިޔަތަނެވެ.
ހިންގަން ޖެހުނު ދުރު ރާސްތާ ޕްލޭންތަކަށް ހުރަސް އެޅިފައި އޮތް އިރު، ލަދުގަންނަން ޖެހޭ ވަރަށް އެ އިދާރާ އޮތީ ދަރަނިވެރިވެފައެވެ. ޕްރޮޖެކްޓުތައް ހުއްޓި، ކޯޗުންނަށް މުސާރަ ދޭނެ މަގެއް ނުފެނި، ސަރުކާރާއި އެފްއޭއެމްވެސް ފެނުނީ ކޯޅުމެއްގައި އޮތްތަނެވެ. އެކަމަށް އަހަރު ނިމިގެން ދަނީވެސް ހައްލެއް ނުހޯދި އޮވެގެންނެވެ. ފީފާއަށް ދައްކަން ޖެހޭ ފައިސާވެސް އެބައޮތެވެ. ކިއެއް ހެއްޔެވެ. އަހަރު ތެރޭ އިވުނު ފުޓުބޯޅައިގެ މާޔޫސީ ވާހަކަތަކުގެ ތެރޭގައި، އެ އިދާރާގެ މައި އޮފީހުގެ ކަރަންޓު ބިލު ނުދައްކައިގެން ކަރަންޓު ކަނޑާލުންވެސް ހިމެނެއެވެ.
ގައުމީ ސީނިއާ ޓީމު ކުޅުންތެރިންނަށް ސާފު ޗެމްޕިއަންޝިޕަށް ފަހު ދޭން ބުނި ބޯނަސް ފައިސާއެއް އަހަރު ވީއިރުވެސް ދީފައެއް ނުވެއެވެ. އެތައް ކޯޗުންނެއްވެސް މުސާރައިގެ މައްސަލަތަކެއް ފީފާއިން އެފްއޭއެމްއާ ދެކޮޅަށް ކާމިޔާބުކޮށްފިއެވެ. އެ ފައިސާތައް ދެއްކުމުގައިވެސް މާ ބޮޑު ކުރިއެރުމެއް ނުހޯދުނެވެ. ރެފްރީންގެ އެލަވަންސްތަކާއި އެހެނިގެން ޕޭމަންޓުތައްވެސް އެފްއޭއެމްގެ ފަރާތުން ލަސްވުމުގެ ވާހަކަވެސް މިދިޔަ އަހަރު ވަރަށް ބޮޑަށް ދެކެވުނެވެ. ރެފްރީންގެ އިތުރުން އެހެން ދަތިތަކާ ހެދި، ރަނގަޅަށް ފެށި ޕްރިމިއާ ލީގުގެ އަތޮޅު ކޮލިފިކޭޝަން ބުރުގެ މެޗުތައްވެސް އަހަރު ނިމުނު އޮތީ ހުއްޓުމެއްގައެވެ. އޭޑީކޭ ކޮމްޕެނީއަށް ފައިސާ ދެއްކުމަށްވެސް އެފްއޭއެމަށް ސިވިލް ކޯޓުން ހުކުމް ކުރި އިރު، އެޕޯލޯއާ ދެމެދު ހެދި ސްޓެލްމަންޓް އެއްބަސްވުމަކަށްވެސް ނަޒަރު ހުއްޓާލަން ޖެހުނެވެ.
ބޮޑު އަދަދެއްގެ ފައިސާ ދައްކަން ޖެހިފައިވާ މައްސަލައެއްގައި އެޕޯލޯ އާއި އެފްއޭއެމުން ވަނީ ސެޓުލްމެންޓް އެގްރީމަންޓަކަށް ގޮސްފައެވެ. އެޕޯލޯ ކުންފުންޏަށް ދައްކަންޖެހޭ 13 މިލިއަން ރުފިޔާގެ ބަދަލުގައި ހުޅުމާލެއިން އެފްއޭއެމަށް ކުއްޔަށް ދީފައިވާ ބިމުން 5،000 އަކަފޫޓުގެ ބިމެއް އިތުރު ކުއްޔެއް ނެގުމަކާ ނުލައި 25 އަހަރަށް ދިނުމަށް ވަނީ އެއްބަސްވެފައެވެ. އެފްއޭއެމުންވެސް އެގޮތަށް އެއްބަސްވެފައިވާތީ، ސިވިލް ކޯޓުންވެސް ހުކުމް ކުރީ އެގޮތަށެވެ.
އެފްއޭއެމުން ދަރަނި ދެއްކުމަށް އެޕޯލޯއަށް ދޭން އެއްބަސްވެފައިވާ ބިމަކީ ހައި ޕާފޯމަންސް ފުޓުބޯޅަ ސްކޫލް ހިންގަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން، އެފްއޭއެމަށް ދީފައިވާ ބިމެކެވެ. އޭގެ ތެރެއިން 5،000 އަކަފޫޓުގެ ބިމެއް އިތުރު ކުއްޔެއް ނެގުމަކާ ނުލައި 25 އަހަރަށް ދިނުމަށް ނިންމުމަކީ ފަހުން އެއްބަސްވުމަށް ފެއްތި ކަމެއް ނަމަވެސް، އެކަމުން މާޔޫސްކަމަކަށްވީ ފުޓުބޯޅަ ސްކޫލް އަދިވެސް ހުއްޓި ހުރުމެވެ. އެ ސްކޫލުގެ ބިމުން ބައެއް ގެއްލުމެވެ. ކުރިމަގަށް ހުރަސް އެޅުމެވެ.
ހައި ޕާފޮމަންސް ސްކޫލު ނުހިންގި، އެ ސްކޫލާއެކު އަތޮޅު ތެރޭގެ ޕްރޮޖެކްޓުތައްވެސް ފައިސާ ނެތިގެން ހުއްޓުނު އިރު، ގައުމީ ޓީމުތަކަށް އެކަމުގެ އަސަރު ކޮށްފައިވެއެވެ. އަހަރު ތެރޭގައި ފުޓުބޯޅައަށް ދިމާވި އެންމެ ބޮޑު މާޔޫސްކަމަކީ ދަރަނީގެ މާޔޫސްކަމެވެ.
ޒުވާން ޓީމުތަކުން އެކިއެކި ބައިނަލްއަގުވާމީ މުބާރާތްތަކުގައި ކުޅުމާއި، އަންހެން ޓީމަށް ލިބުނު ފުރުސަތުތައް ރަނގަޅުކަމަށް ފާހަގަވި އިރު، ގައުމީ ސީނިއާ ޓީމަށްވެސް އެކުވެރިކަމުގެ މެޗުތައް ގިނަ އަހަރަކަށް އަހަރުވިއެވެ. އަދި އޭގެ އިތުރުން އޭޝިއަން ކަޕްގެ ކޮލިފިކޭޝަންގައި ސީނިއާ ޓީމުން ކުޅެ، އެކަން މިފަހަރުވެސް ހާސިލު ނުވެ މާޔޫސްވިއެވެ. ރ. އަލިފުށީގައި ޕްރެސިޑެންޓްސް ކަޕް ފައިނަލް ކުޅެ، ފޯރިގަދަ ސީޒަން ފެށުމަކަށް ސީޒަން ފެށުންވި އިރު، ލީގު ނެގީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ. ގައުމީ ޒުވާން މުބާރާތުގެ ފައިނަލް ފ. ނިލަންދޫގައި އެފްއޭއެމްއިން ކުޅުނު އިރު، އަންހެން ފުޓުބޯޅައިގައި އަތޮޅު ތެރެއިން ފެށި މުބާރާތްތައް މާ ކާމިޔާބެއް ނުވިއެވެ.
ވެލެންސިއާއަށް އޭއެފްސީ ކަޕްގެ މެޗަކަށް ނުދެވި، ފުޓުބޯޅައަށް އެ މާޔޫސްކަންވެސް ވެރިގެން ދިޔައެވެ. އެއީވެސް އެފްއޭއެމްއާއި ޔޫތު މިނިސްޓްރީއާ ދެމެދު ހިޔާލު ތަފާތުވި މައްސަލައަކަށްވީ އިރު، މަޖިލިސްގައިވެސް ދެކެވުނު ވާހަކައަކަށް އެފްއޭއެމްވިއެވެ. ޔޫތު މިނިސްޓްރީއާއި އެފްއޭއެމް އޮތީ ދެ މަގެއްގައިކަން ފެނުނެވެ.
އަހަރު ތެރޭގައި ފުޓުބޯޅައަށް ކޮންމެވެސް ވަރެއްގެ ދިރުމެއް ލިބުނު ކަމަށް ނިއު ރޭޑިއަންޓާއި ވިކްޓަރީ ސްޕޯޓްސް ކްލަބު ފުޓުބޯޅައަށް އެނބުރި އައި އައުން ފާހަގަވިއެވެ. އެތައް ލައްކައެއްގެ ދަރަންޏާއެކު އެކްލަބު ސަސްޕެންޑް ކުރެވިފައިވާ ފުޓުބޯޅައިގެ "ރަސްވާދަ"، ނިއުއާއި ވިކްޓަރީ އާ ބޯޑުތަކާއެކު އެނބުރި އައީ ތަކުލީފުތަކަކަށްފަހުގައެވެ. ނިއު ރޭޑިއަންޓް އަނބުރާ ގެނައުމަށް ފުރަތަމަ އުފެއްދި، "ރޭޑިއަންޓް" ވީ ފެއިލްއެވެ. އެއީ އޭއެފްސީއާއި ފީފާއިން، އެ ކްލަބަކީ ނިއު ރޭޑިއަންޓްގެ ސަކްސެސިން ބޮޑީއެއްގެ ގޮތުގައި ކަނޑައެޅުމުންނެވެ.
އެ ހިސާބުންވެސް ހުއްޓާނުލައި، ނިއުއިން ދަރަންޏާ މެދު ގޮތެއް ނިންމައި، އަލުން ފުޓުބޯޅައަށް ނުކުތީ މުޅިން އާ ބޯޑަކާއެކުގައެވެ. ވިކްޓްރީގެ ބޯޑުގެ ޗެއާމަނަކީ މުލިއާގޭގެ ޗީފް އޮފް ސްޓާފް ހުސެއިން އާދަމް (އާދަމްބެ) އެވެ. ނިއުގެ ޗެއާމަނަކަށް ނުކުތީ އަހުމަދު ވާސިފެވެ. ރައީސް އިބްރާހީމް މުަހައްމަދު ސޯލިހުގެ އިސް ނެންގެވުމަށް ދެކްލަބު އަލުން އަނބުރައި އައި އިރު، އެ ދެ ކްލަބުވެސް ދެވަނަ ޑިވިޝަނުގައި ފެނިގެން ދިޔައެވެ. އެހެން ނަމަވެސް އެއްފަހަރާ ފުރަތަމަ ޑިވިޝަނަށް ދެވޭ ގޮތް ނުވެ، ދެ ކްލަބުގެ އަޑު އަނެއްކާވެސް އޮތީ މަޑުވެފައެވެ. ދެވަނަ ޑިވިޝަންގެ ތަށި ނަގައި، ފުރަތަމަ ޑިވިޝަނަށް ނުކުންނަން ތައްޔާރުވީ ބުރު ސްޕޯޓްސް ކްލަބެވެ.
ފުޓުބޯޅައިން ބޭރަށް ޖެހިލަމާ ހިނގާށެވެ. ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި އޮލިމްޕިކް ކޮމިޓީއަށްވެސް ނިމިދަނީ ބުރަ އަހަރެކެވެ. ކޮމަންވެލްތު ގޭމްސްއާއި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ބައިވެރިވާ ދިވެހި އެތުލީޓުން ވާދަކޮށްފައިވާ އިރު، އެ މުބާރާތްތަކުގައި ވާދަކުރި އެތުލީޓުންގެ ފަރާތުން ހިތްވަރު އާވެގެންދާނެ މަންޒަރުތައް ފެނުނެވެ. ހާއްސަކޮށް އިންޑިވިޖުއަލް ކުޅިވަރުތަކުގައި ބައިނަލްއަގުވާމީ މައިދާނުގައިވެސް ރާއްޖެއިން ވަނީ ތަފާތުތަކެއް ދައްކައިފައެވެ. އަދި ގައުމީ މުބާރާތްތައްވެސް ފެނުނީ ހަމަ ފޯރީގައެވެ.
ރާއްޖެއިން ފުޓްސަލްގައި ބައިނަލްއަގުވާމީ ފުރުސަތެއް ހޯދި އިރު، ފުޓްސަލް ގައުމީ ޓީމުން ވަނީ އޭޝިއަން ފުޓްސަލް ކަޕް ކޮލިފައިންގައި ރާއްޖޭން ވާދަކޮށް، މާބޮޑު ކާމިޔާބީއެއް ނުލިބުނު ނަމަވެސް އެކަންވީ ފިލާވަޅަކަށެވެ.
ވޮލީގެ އާ ފޯމެޓެއް މިދިޔަ އަހަރު ފެނިގެން ދިޔައެވެ. ރާއްޖޭގެ ތާރީހުގައި ފުރަތަމަ ޕްލޭޔާ ޑްރާސްފާޓާއެކު ވޮލީ ސީޒަނަށް އިންޑިއާގެ ފެންވަރު ރަނގަޅު ކުޅުންތެރިން ގެނެސް ސީޒަން ދިޔައީ ފޯރިގަދަކޮށެވެ. ވޮލީގެ ސީޒަން، ސްޕޯޓްސް ކްލަބު ސިޓީން ކާމިޔާބުކުރި އިރު، ގައުމީ ޓީމަށް ބިދޭސީ ކޯޗެއް ކަމަށްވާ ބްރެޒިލްގެ ކޯޗު ސާޖިއޯ ވެލޯސޯ ގެނެސްފައިވެއެވެ. އަންހެން ވޮލީގައި ވެމްކޯގެ ކާމިޔާބީވެސް ފާހަގަކުރެވުނު އިރު، ސީޒަން ފޯރިގަދަކޮށް ފަށައި، ގައުމީ ޓީމުން ތައްޔާރުވީ ރާއްޖޭގައި ބާއްވަން މަސައްކަތް ކުރި އޭވީސީ މުބާރާތްތަކަށެވެ. އެހެން ނަމަވެސް އެ ފުރުސަތު ގެއްލި އަހަރު ނިމުނީ މާޔޫސްކަމެއްގައެވެ. އަދި އަތޮޅު ތެރޭގައި ފެށި އަޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕްތައް ކުރިއަށް ގެންދަމުން ގޮސް، ވަކި ހިސާބަކުން ހުއްޓުންވީ ދެރައަކަށެވެ. އޭގެ އިތުރުން އިންޓަ ސްކޫލާއި އުމުރުފުރާތަކުގެ މުބާރާތްތައް ނުފެނުންވީ ފަޅުކަމަކަށެވެ.
ބީޗް ވޮލީގައި ރާއްޖެއަށް މިދިޔަ އަހަރު ކާމިޔާބެވެ. ސްރީ ލަންކާގައި ކުރިއަށްދާ އޭވީސީ ފުރަތަމަ ސެންޓްރަލް އޭޝިއަން ޒޯން ބީޗް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ސެމީ ފައިނަލުން ރާއްޖޭގެ އައިމިނަތު ރުދައިނާ އާއި ހައްވާ ނާޒިމާގެ ޕެއާ ވިދާލި އިރު، ކޮމަންވެލްތު ގޭމްސްގެ ބީޗްވޮލީ ކޮލިފައިންގައި ރާއްޖޭގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާއިން ރިހި މެޑަލް ހޯދިއެވެ. އަދި އެ ޕެއާއިން އަހަރު ނިންމާލީ ބަންގުލަދޭޝްގައި ކުރިއަށް ދިޔަ އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައި، ބީޗް ވޮލީން ރަން މެޑަލް ގެނެސްދީފައެވެ. އަދި ކޮމަންވެލްތު ގޭމްސްގައިވެސް އެޑަމްއާއި ކާއްޓޭ ވަނީ އުންމީދު ހޯދައިދީފައެވެ. އޭގެ އިތުރުން ރާއްޖެއަށް ދުނިޔޭގެ އެންމެ ބޮޑު ބީޗްވޮލީ މުބާރާތުގެ ޓުއާއެއް ގެނެސް، މޯލްޑިވްސް ޗެލެންޖުގެ ނަމުގައި އެ މުބާރާތް ސަން އައިލެންޑްގައި ބާއްވާފައިވެއެވެ.
ބީޗް ވޮލީގެ ކާމިޔާބީތަކާ ގުޅިފައިވަނީ ބްރެޒިލްގެ ކޯޗު ވިނީޝިއަސް ޖޫނިއާއާއެވެ. އޭނާގެ ބެލުމުގެ ދަށުން ގައުމީ ޓީމުތަކުން ދިޔައީ އެކިއެކި ޕްލެޓްފޯމްތަކުގައި ކުރިއެރުންތައް ހޯދަމުންނެވެ.
އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ މިއަހަރުގެވެސް އެންމެ މޮޅު ފިރިހެން އެތުލީޓަކީ ހަސަން ސާއިދެވެ. އެންމެ މޮޅު އަންހެން އެތުލީޓަކީ އައިޝަތު ހިމްނާ ހަސަނެވެ. ހިމްނާއަށް އަހަރު ކާމިޔާބުކޮށް ނިމިގެން ދިޔަ އިރު، އޭނާ ވަނީ ގައުމީ ރެކޯޑުތައް މުގުރާލައިފައެވެ. އޭގެ އިތުރުން އިބާދުﷲ އާދަމްވެސް ދުވުމުގައި ކުރިއެރުންތައް ހޯދައި، މިހާރު ތަމްރީނުވަމުންދަނީ ޖެމެއިކާގައެވެ. އެތުލެޓިކްސްގައި އޭގެ އިތުރުން ހުސައިން ފަޒީލް ހާރޫންގެ ނަން މިދިޔަ އަހަރު ވިދުން ގަދައެވެ. އޭނާ ވަނީ ޔޫއޭއީގައި ބޭއްވި ރަސް އަލް ހައިމާ ހާފް މެރަތަންގެ އިންޑިވިޖުއަލް ރޭހުގައި ދުވެ، ރަން މެޑަލް ހޯދައިފައެވެ. އަދި އޭގެ އިތުރުން ގްރޯން ޕްރީގައި ދުވެ، ގައުމީ ރެކޯޑެއްވެސް ފަޒީލް ވަނީ މުގުރާލައިފައެވެ. ހިމްނާއާ އެންމެ ގާތުން ވާދަކުރި އަންހެން އެތުލީޓް ޖައިޝާ ޖުނީޒް ވަނީ ތާރީހު ލިޔެލައި 5000 މީޓަރުގެ ރެކޯޑެއް 20 މިނެޓަށްވުރެ މަދު ވަގުތަކުން ހަދައިފައެވެ. އޭގެ އިތުރުން ސަމްހާ އަހުމަދު ވަނީ މެރަތަން ރެކޯޑާއި ހާފު މެރަތަން ރެކޯޑުގެ އިތުރުންވެސް ރެކޯޑުތައް މުގުރާލައި ތާރީހު ލިޔެލައިފައެވެ.
ހޭންޑްބޯޅަ ޓީމުގެ ކޯޗަކަށް އަނެއްކާވެސް ސްޓޮމެނޮވިޗް ގެނެސްފައިވާ އިރު، ހޭންޑް ބޯޅައިގެ ގައުމީ ޗެމްޕިއަންކަން ނެގީ އޮރިކްސް ހޭންޑްބޯލް އެކަޑެމީއާއި ފިއުޗާ ސްޕޯޓްސް ކްލަބެވެ. ސާފިންގެ ކޯޗަކަށްވެސް ބިދޭސީ ކޯޗެއް ކަމަށްވާ ކްލައުޑް މާޓީން ގެނެސްފައިވާ އިރު، ފުރަތަމަ ފަހަރަށް ރާއްޖޭގައި ބޭއްވި ސާފިން ލީގުގެ ޗެމްޕިއަނަކީ އަހުމަދު އާގިލް (އަންމަޑޭ) އެވެ. ސާފިން ލީގަކީ އާ ފެށުމަކުން ސާފިންނަށް ލިބިގެން ދިޔަ އާރޯކަމެކެވެ. އާޔާ ނަސީމަކީ އަންހެން ސާފިންގެ ތަރިއެވެ.
ރާއްޖޭގެ ކްރިކެޓް ޓީމުން މެލޭޝިއާގައި ކުރިއަށްދާ ކުއަޑްރަންގިއުލާ ޓީ20 ސީރީސްގައި ވާދަކޮށްފައިވާ އިރު، ކްރިކެޓް ސީޒަންގެ ކާމިޔާބު ހޯދީ މިލާން އެކަޑެމީންނެވެ. ރާއްޖޭގެ ތަރި ހަސަން އިބްރާހިމް ވަނީ އޮސްޓްރޭލިއާގެ ކްލަބް ކްރިކެޓްގައި ލިބުނު ފުރުސަތަށް އެގައުމަށް ގޮސް އުހަށް ޖެހިލައިފައެވެ.
މޫދު ކުޅިވަރުތަކުން އެންމެ އުފާވެރިކަމެއް ގެނުވީ އަނެއްކާވެސް ބޮޑީބޯޑިންގައެވެ. އޮގަސްޓް މަހު ރާއްޖޭގެ ވަރުނުލާ ރާޅުގަނޑުގައި ކުރިއަށް ދިޔަ ވިޒިޓް މޯލްޑިވްސް ޕްރޯއަކީ ދުނިޔޭ ޓުއާގެ މުބާރާތެކެވެ. މުބާރާތުގައި ދުނިޔޭގެ އެންމެ މަތީ ފަންތީގެ އެތުލީޓުން ވާދަކުރި އިރު، ދިވެހި އެތުލީޓުންވެސް އެ މުބާރާތުގައި ވިދާލިއެވެ. އެ މުބާރާތުގެ ޖޫނިއާ ބައިގެ ފައިނަލްގައި ރާއްޖޭގެ އާމީން މޫސާ ވާދަކޮށް، ތާރީހު ލިޔެލި އިރު، އަލީ ހުޝްރުވާން (ކުޑަ އައްޔަ) ވަނީ ޑްރޮޕް ނީ ކެޓަގަރީގެ ސެމީ ފައިނަލުގައި ވާދަކޮށްގެންނެވެ. ކުޑަ އައްޔައަކީ ރާއްޖޭގެ ތާރީހުގައި ވެސް އައިބީސީ މުބާރާތެއްގެ ސީނިއާ ކެޓަގަރީގެ ގަދަ ހަތަރެއްގައި ހިމެނުނު ފުރަތަމަ ބޮޑީބޯޑަރެވެ. އެ ދެ އެތުލީޓުންނަކީ ބޮޑީބޯޑިންގައި ގައުމީ ފަންތީގައިވެސް އެންމެ އުހުގައި ތިބި އެތުލީޓުންނެވެ.
ބާސްކެޓް ސީޒަން އަހަރު ފަހުކޮޅުގައި ނިމިގެން ދިޔަ އިރު، އެންމެ ފާހަގަކޮށްލެވުނު ގައުމީ ވަގުތުކޮޅެއް ފެނިގެން ދިޔައީ ރާއްޖޭގައި ބޭއްވި ސާބާ އަންހަން ބާސްކެޓް ބޯޅަ މުބާރާތުންނެވެ. ސްރީލަންކާ ކޯޗު ސުޕުން ވިމާލްގެ އިރުޝާދުގެ ދަށުން ކުޅުނު ރާއްޖެއަށް މިފަހަރުވެސް ލޯ މެޑަލް ލިބުނު އިރު، ގައުމު ހެއްވާލީ ޓީމުން ފުރަތަމަ ފަހަރަށް ނޭޕާލް ބަލިކުރި ކުރުމުންނެވެ. ބާސްކެޓްގައި ޓީރެކްސްއާއި ކުއީންސް ކާމިޔާބީތައް ހޯދި އިރު، އަލަށް ޒާހިރު ނަސީރު އިންވިޓޭޝަނަލް ކަޕެއް ފެނިގެން ދިޔައެވެ. އެ މުބާރާތުގެ ކާމިޔާބީތައް ހޯދީ ކިންގްސް ބާސްކެޓްބޯޅަ ޓީމާއި ކުއީންސްއެވެ.
ބަޑްމިންޓަންގެވެސް ގައުމީ މުބާރާތުގެ އިތުރުން ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ކުޅުންތެރިން ފެނިގެން ދިޔަ ބައިނަލްއަގުވާމީ މުބާރާތް ބޭއްވުން ވެގެން ދިޔައީ އަމިއްލަ ފަސްގަނޑުގައި ކުޅުންތެރިންނަށް ލިބުނު އާ ޖޯޝަކަށެވެ. ގައުމީ ސިންގަލްސް ތަށި އިންތިޒާރަކަށްފަހު ނިބާލް އަހުމަދު ހޯދި އިރު، އޭނާ ދަނީ ޕެރިސް ސްކޯލާޝިޕްގައި ޔޫއޭއީގައި ތަމްރީނުވަމުންނެވެ. ފާތިމަތު ނަބާހާ (ނަބާ) މިފަހަރުވެސް ގައުމީ މުބާރާތްތަކުން ފުރިހަމަ ކާމިޔާބީއެއް ހޯދި އިރު، ޒަޔާން ޒަކީއާއެކު އޭނާގެ މިކްސް ޑަބަލްސް ޕެއާ ވަނީ ދުނިޔޭގެ ރޭންކިންގައި ކުރިއަށް ޖެހިލައިފައެވެ.
ޓީޓީގައި އަނެއްކާވެސް ރާއްޖެއަށް ނިމިގެން ދިޔައީ ކާމިޔާބު އަހަރެކެވެ. ފާތިމަތު ދީމާ އަލީ ތައިލެންޑްގެ ދެ މުބާރާތެއްގައި ރަން މެޑަލް ހޯދި އިރު، ސޮލިޑާރިޓީ ގޭމްސްގައި ޓީޓީ އަންހެން ޓީމުން ވަނީ ލޯ މެޑަލް ހޯދައި ތާރީހު ލިޔެލައިފައެވެ. އަދި ފިރިހެން ޓީޓީ ޓީމުންވެސް ކުރިއެރުންތައް ހޯދި އަހަރަކަށް މިދިޔަ އަހަރު ވެގެން ދިޔައެވެ. ގައުމީ އަންހެން ޓީޓީ ތަށްޓާއެކު ދީމާ ތަށި މިލްކް ކުރި އިރު، މިފަހަރު ފިރިހެން ޗެމްޕިއަނަކީ މުހައްމަދު ޝައްފާން އިސްމާއިލެވެ. ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވާފައިވަނީވެސް ކާމިޔާބު ކަމާއެކުގައެވެ.
މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބޭއްވި ނޭޝަނަލް ބިލިއާޑް ޗެމްޕިއަންޝިޕް 2022ގެ ސިންގަލްސް ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން މުހައްމަދު ސާހިލް ހަމީދު އަދި އަންހެން ސިންގަލްސް ޗެމްޕިއަންކަން އައިޝަތު އަލީއެވެ. ކެރަމް ޗެމްޕިއަނުންނަކީ އައިމިނަތު ވިދާދާއި އިސްމާއީލް އަޒްމީނެވެ. ކެރަމްގެ ދުނިޔޭގެ މުބާރާތުގައި ރާއްޖެއިން ވިދާލައި، ދެ ލޯ މެޑަލް ގެނެސްދިނެވެ.
ޓެނިހާއި ބޮޑީބިލްޑިންގެ ބައިނަލްއަގުވާމީ މުބާރާތްތައްވެސް ރާއްޖޭގައި މިއަހަރު ބާއްވާފައިވާ އިރު، އުމުރުން އެންމެ 12 އަހަރުގެ ޓެނިސް ތަރި ނަބާ ނިޝާން މި އަހަރުވެސް ވިދާލިއެވެ. އޭނާ ވަނީ ބައިނަލްއަގުވާމީ ރަން މެޑަލްތައްވެސް ރާއްޖެއަށް ގެނެސްދީފައެވެ. އޭޝިއަން ބޮޑީބިލްޑިން މުބާރާތް ރާއްޖެ ގެނެސް، މާފުއްޓާއި ކްރޮސްރޯޑްސްގައި ބާއްވާފައިވާ އިރު، ރާއްޖޭގެ ތަރިން އުހަށް ޖެހިލިއެވެ. މީގެ ކުރިން މިސްޓަ އޭޝިއާގެ މަގާމު ހޯދާފައިވާ މެލޭޝިއާގެ ވޮން ހޮންގްގެ ކޯޗުކަމުގައި އަޒްނީން ރަޝާދާއި މުހައްމަދު މޫސާ (މޯޑު) ފަދަ އެތުލީޓުން ވިދާލި އިރު، އެ މުބާރާތުން ހަ ރަން މެޑަލް ހޯދިއެވެ. އަދި އޭގެ ފަހުން ދުނިޔޭގެ މުބާރާތުންވެސް ރާއްޖޭގެ އަޒްނީން ވަނީ ރަން މެޑަލް ހޯދައި ތާރީހު ލިޔެލައިފައެވެ.
ތަފާތު ނުވަ ގައުމަކުން 180 ވަރަކަށް ކުޅުންތެރިން ބައިވެރިވާ، ވެސްޓާން އޭޝިއަން ޖޫނިއާ ޗެސް ޗެމްޕިއަންޝިޕް އއ. އުކުޅަހުގައި ބާއްވާފައިވާ އިރު، ފެތުމުގައި ޒުވާން ހުނަރުވެރިން އުފެދެމުންދާ މަންޒަރު ފެނިގެން ގޮސްފައިވެއެވެ. ގައުމީ ހޭންޑްބޯޅަ ޓީމުގެ ކޯޗަކަށް އަނެއްކާވެސް ސްޓޮމެނޮވިޗް ގެނެސްފައިވާ އިރު، ހޭންޑްބޯޅަ ޗެމްޕިއަނުންނަކީ އޮރިކްސްއާއި ފިއުޗާއެވެ. ނެޓްބޯޅަ ޗެމްޕިއަނަކީ މެޓްރިކްސްއެވެ. ބައިބަލާވެސް މިދިޔަ އަހަރު އެނބުރި އައި އިރު، ބައިބަލާގެ ޗެމްޕިއަނަކީ އޯވަންއޯ އެވެ.
ގައުމީ މުބާރާތްތަކާއެކު ރާއްޖޭގައި ފުރަތަމަ ފަހަރަށް ސްޕޯޓްސް އެވޯޑެއް ބޭއްވި، އެ އެވޯޑު ވެގެންދިޔައީ އެތަކެއް ތަރިންނެއް ފެނިގެން ދިޔަ އެވޯޑަކަށެވެ. ހާއްސަކޮށް ކުޅިވަރުގެ ލެޖެންޑަރީ ނަންތައް އެވޯޑުން ފާހަގަވިއެވެ. އެވޯޑުގައި އެކިއެކި ކުޅިވަރު ތަރިންނަށް ހާއްސަ އެވޯޑުތައް އަރުވާފައިވާފައިވެއެވެ. އެ އެވޯޑަކީ ޔޫތު މިނިސްޓްރީން ދެމިގެންދާނެހެން ފެށި އެވޯޑެއްވެސް މެއެވެ.
ކުޅިވަރުތަކުން ކުރިއެރުންތައް ގެނައި އަހަރެކެވެ. ހާއްސަކޮށް ބައިނަލްއަގުވާމީ 10 މުބާރާތަކުން ރާއްޖެއަށް ކުޅިވަރުގައި މުހިއްމުކަމެއް ލިބިއްޖެއެވެ. ފުޓުބޯޅައިން މާޔޫސްވި އަހަރެއް ނަމަވެސް އުންމީދީ ކަންކަން ވަށައިގެން ފެނިގެން ދިޔައެވެ. އެހެން ކުޅިވަރުތަކުން ކުރިއަށް ވިސްނުން ގެންގުޅޭ މަންޒަރު ފެނުންވީ ކުރިއެރުމަށް ބޮޑު ހިތްވަރަކަށެވެ. އެހެން ނަމަވެސް އަދިވެސް އަތޮޅު ތެރެއަށް ސަމާލުކަން ބޮޑުކޮށްގެން ނޫނީ، އެކަށީގެންވާ ގޮތެއްގައި ޓެލެންޓް ހަންޓް ކުރެވޭނެ ކަމަކަށް ނުބެލެވެއެވެ. އަތޮޅުތެރޭގެ މުބާރާތްތަކާއި ކުޅިވަރުތައް މަޑު ޖެހުން އެއީ މާޔޫސް ކަމެކެވެ.
ކުޅިވަރުގެ ތެރެއިން އަހަރު ތެރޭގައި ކުއްލި ދެ މަރެއްވެސް ފެނިގެން ދިޔައެވެ. އދ. އަތޮޅުގައި ކުރިއަށް ދިޔަ ރާއްޖެ އެޓޯލް ވޮލީބޯޅަ ޗެމްޕިއަންޝިޕްގައި ދިއްދޫ ކުޅުނު މެޗުގައި، އެޓީމުގެ ތަރި އަހުމަދު އަބްދުﷲ (ޑަކީ)، 37 ކުއްލިއަކަށް ކޯޓު ތެރެއަށް މަރުވެގެން ވެއްޓުނު ވަގުތަކީ ކުޅިވަރު އާއިލާ ރޮއްވާލި ވަގުތެކެވެ. އަދި ހަމައެއާއެކު ދިވެހި ލީގުގެ ކޮލިފިކޭޝަންގެ ނޯތު ލީގުގައި ރ. އުނގޫފާރު ޓީމަށް ކުޅެމުންދިޔަ އުމުރުން އެންމެ 25 އަހަރުގެ އަލީ މިމްރާހު، މޫދަށް ގޮސް އުޅެނިކޮށް ގެނބިގެން މަރުވުންވެސްވީ ސިހުމަކަށެވެ. އަދި ހަމައެއާއެކު ރާއްޖޭގެ ވެލެންސިއާއަށް ކުޅެމުންދިޔަ، ސްރީ ލަންކާގެ ޑިފެންޑަރު ޑަކްސަން ޕުސްލަސް ދަން ޖެހިފައި ހުއްޓައި ފެނުންވެސްވީ ކުޅިވަރުގެ ތެރެއަށް ޝޮކެއް ލިބިގެން ދިޔަ ކަމަކަށެވެ.
"ވަން" ކުޅިވަރު ސެގްމެންޓުން ލޯކަލް އެކިއެކި މުބާރާތްތަކުގެ ކަވަރޭޖުގައިވެސް ނިމިގެން ދިޔައީ ބޮޑު އަހަރެކެވެ. އެންމެ ހާއްސަކޮށް "ވަން" އަކީ ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2022 ގެ އޮންލައިން މީޑިއާ ޕާޓްނަރެވެ. ޖުމުލަ 91 ޓީމު ވާދަކޮށްފައިވާ އެ މުބާރާތުގައި 177 މެޗު ކުޅެވިގެން ދިޔަ އިރު، އެ ހުރިހާ މެޗެއްގެ ކަވަރޭޖު ވަންއިން ގެނެސްދިނީ ހާއްސަކަމެއް ދީގެންނެވެ. ކުރިއަށް އޮތް އަހަރަށް ތައްޔާރުވެފައިވާ ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގެ އޮންލައިން މީޑިއާ ޕާޓްނަރަކީވެސް ވަންއެވެ. އެއާއެކު ޓެކާސް ރިސޯޓް ކަޕާއި އަތޮޅު ތެރޭގެ އެކިއެކި މުބާރާތްތަކުގެ ކަވަރޭޖްވެސް ވަންއިން މި ނިމިގެންދިޔަ އަހަރު ގެނެސްދީފައިވާނެއެވެ.