Close
ޚަބަރު

ކުރިއަށް އޮތް ފަސް އަހަރަށްވެސް ރައީސް ސޯލިހު ނޫން ޗޮއިސްއެއް ނެތް: މަވޯޓާ

މުހައްމަދު އިޝާން

ކުރިއަށް ފަސް އަހަރަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ހޮވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފިޔަވައި އިތުރު ޗޮއިސްއެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ދަނޑިކޮށި ޖަގަހައިގައި ރޭ ބޭއްވި ރައީސް ސޯލިހުގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަދައްކަވަމުން މަވޯޓާ ވިދާޅުވީ، މަސައްކަތް ކުރައްވަމުން ދަނީ މިހާރު މިއޮތް ރައީސް ސޯލިހުގެ ހެޔޮވެރިކަން އިތުރު ފަސް އަހަރަކަށް ހޮވަން ކަމަށެވެ. ހޮޔޮ ވެރިކަމެއް ރާއްޖޭގައި ދެމި އޮތުމަށް ބޭނުންވާ ހުރިހާ ރައްޔިތުން ތިބީ ރައީސް ސޯލިހުގެ ފަހަތުގައި ކަމަށް މަވޮޓާ ވިދާޅުވިއެވެ.

މަވޯޓާ ވިދާޅުވީ، ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔެ އޮތީ އިގުތިސޯދީ ކާރިސާއެއްގައި ކަމަށާއި މިހާރު ވެސް ބައެއް ގައުމުތަކުގައި ދަނީ ކޮވިޑް-19 ހަލުވިކޮށް ފެތުރެމުން ކަމަށެވެ. ނަމަވެސް ރައީސް ސޯލިހުގެ ހިކުމަތްރިކަމުން އެއިން އެއްވެސް ކަމެއްގެ އަސަރު ރާއްޖެއަށް ނުކުރާ ކަމަށް ވިދާޅުވިއެވެ.

"އެހެންވެގެން އަޅުގަނޑު މިދަންނަވަނީ އެއްވެސް އެހެން ޗޮއިސެއް ނެތޭ. ހަމައެކަނި އޮތް ޗޮއިސްއަކީ އިބްރާހީމް މުހައްމަދު ސޯލިހޭ،" މަވޯޓާ ވިދާޅުވިއެވެ.

އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޑެބިޓް ރީސްޓްރަކްޗާ ކުރައްވާ ވާހަކަ ދައްކާފައިވާ ކަމަށާއި އެ ވާހަކަތަކުން އެނގިގެންދަނީ ނަޝީދަކީ ގައުމަށް އިގުތިސޯދީ ގޮންޖެހުންތަކެއް ދިމާވާ އިރު، ކަންތައް ކުރައްވީ ގޮތް ނޭނގޭ ބޭފުޅެއް ކަމަށް މަވޯޓާ ވިދާޅުވިއެވެ.

މި ސަރުކާރުގައި މިހާރު ތިއްބެވި އެމްޑީޕީގެ އިގުތިސޯދީ ބޭފުޅުން ނޫނީ ރާއްޖެއަށް ދިމާވި އިގުތިސޯދީ ގޮންޖެހުންތަކުގެ ވާހަކަ އެނގޭނެ އިތުރު ބޭފުޅެއް ނުހުންނަވާނެ ކަމަށް ނަޝީދަށް އަމާޒު ކުރައްވައި މަވޯޓާ ވިދާޅުވިއެވެ.

"އެހެންވެގެން އަޅުގަނޑު ވަރަށް ސާބިތުކަމާއެކީ މި ދަންނަވަނީ ހަމައެކަނި ކުރިއޮތް ފަސް އަހަރަށް ގައުމު ލީޑު ކުރައްވަން އޮތް ޗޮއިސްއަކީ އަދި އެމްޑީޕީ ވެރިކަން ދެމެހެއްޓެން އޮތީ ހަމައެކަނީ ގޮތަކީ އިބްރާހީމް މުހައްމަދު ސޯލިހުކަމީ އަޅުގަނޑުމެންގެ ކެންޑިޑޭޓު ކަމަށް ހަދައިގެން،" މަވޯޓާ ވިދާޅުވިއެވެ.

ކޮވިޑްގެ ސަބަބުންނާއި ދުނިޔެއަށް ދިމާވެފައިވާ އިގުތިސޯދީ ގޮންޖެހުންތަކުގެ ސަބަބުން 50 ގައުމެއް ބަނޑަށް ޖެހިފައިވާ ކަމަށާއި ނަމަވެސް ކޮވިޑްގެ އެންމެ ދަތި އަހަރު ރައީސް ސޯލިހާއި އެ މަނިކުފާނުގެ އިގުތިސޯދީ ޓީމުން ރާއްޖެ "ފަރަށް ނާރުވައި" ސަލާމަތްކުރީ ވަރަށް އޮމާންކޮށް ކަމަށް މަވޯޓާ ވިދާޅުވިއެވެ.

ދުނިޔޭގެ ޔުނިވާސިޓީތަކުން ދަނީ އެކަން އެގޮތަށް ރައީސް ސޯލިހު ކުރެއްވި ގޮތް ދިރާސާ ކުރަމުން ކަމަށް މަވޯޓާ ވިދާޅުވިއެވެ.

"އެކަމަކު ފުރަމަވެސް ރައްޔިތުންގެ މަޖިލީހަށް މި އިންނެވި ފިނޭންސް މިނިސްޓަރު ބަޖެޓް ހުށަހެޅުމުން ހޯހޯ ތީ ފައިސާ ޗާޕު ކުރާނީއޭ. ރާއްޖޭގެ ފައިސާ ކަރުދާހަށް ވާނޭ. އަދި އެއްގޮތަކަށް ވެސް ރައްޔިތުނެއް ތިކަން ކޮށްގެން ނުވާނޭ. ސިޔާސީ މަގާމުތަކުގައި ތިބި މީހުން އައިސް ސަރުކާރު ކުންފުނިތައް ބަންދުކޮށްލާފައި އެތާތިބި މީހުން ގެއަށް ފޮނުވާލާށޭ. އަޅުގަނޑު ގަބޫލެއް ނުކުރަން މިވާހަކަ ދެއްކެވި ބޭފުޅުންނަށް އޭގެ ހަގީގަތް އޮޅިވަޑައިގަންނަވާނެ ކަމަށް. ގައުމުދެކެ ލޯވިވާނަމަ ރައްޔިތުން މަގޫފަތް ކާން ދޭ ގޮތަށް މަޖިލިސްގައި ވަކާލާތު ނުކުރީސް. ހިތާމާ އާއި ލަދުވެތިކަމާއެކު ދަންނަވާލަން ޖެހެނީ ދިވެހި ރައްޔިތުންނަށް، ރައްޔިތުން މަޖިލިސް ތެރޭގައި ވަރަށް ގިނަ މެމްބަރުން މަސައްކަތް ކުރެއްވިއޭ އެ ޕަބްލިކް އޯވާޑްރާފްޓް ވިޔަނުދީ ރައްޔިތުން ބަނޑަށް ޖައްސަން،" މަވޯޓާ ވިދާޅުވިއެވެ.

ވިޔަފާރިތަކަށް ހާއްސަކޮށްގެން ރައީސް ސޯލިހުގެ ލަފާފުޅުގެ ދަށުން އަދި މިނިސްޓަރު އިބްރާހިމް އަމީރުގެ ބެއްލެވުމުގެ ދަށުން ސްޓިމިއުލަސް ޕެކޭޖް ދޫނުކުރެއްވިނަމަ، ރާއްޖޭގެ ގިނަ އަދަދެއްގެ ވިޔަފާރި ބަނގުރޫޓް ވެގެންދާނެ ކަމަށް މަވޯޓާ ވިދާޅުވިއެވެ.

ނަޝީދު ދައްކަވާ ޑެބިޓް ރީސްޓްރަކްޗާގެ ވާހަކައަކީ ރާއްޖޭގެ ބަނގުރޫޓުވުން އިއުލާން ކުރެއްވުން ކަމަށެވެ. އަދި ނަޝީދުގެ އެ ވާހަކަފުޅުތަކަކީ ރާއްޖޭގެ ރައްޔިތުން މަގޫފަތް ކާން ޖެހޭ ހިސާބަށް ގައުމު ވެއްޓިދާނެ ނުރައްކާތެރި ވާހަކަފުޅުތަކެއް ކަމަށް މަވޯޓާ ވިދާޅުވިއެވެ.

"މިގައުމުގެ ދެކެ ލޯބިވާ މީހަކު ކިތަންމެ ވެރިކަމަށް ދަހިވެތިވިޔަސް އެ ޒާތުގެ ވާހަކަ ނުދައްކާނެކަން ޔަގީން،" މަވޯޓާ ވިދާޅުވިއެވެ.