ރައީސް އިބްރާހީމް މުހައްމަދު ސޯލިހަކީ ވެރިކަމުގައި ހުންނަވައިގެން ރިއެކްޓް ނުކުރައްވާ ބޭފުޅެއް ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަދުން ހުސައިން) އެމަނިކުފާނަށް ރައްދުދެއްވައިފިއެވެ.
ނަޝީދުގެ އެމްޑީޕީ ރިޔާސީ ޕްރައިމަރީ ކެމްޕޭން ފެއްޓުމަށް ސަލްޓަން ޕާކުގައި ބުދަ ދަވަހުގެ ރޭ ބޭއްވި "ފިކުރެއްގެ ދިރުން" ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވެފައިވަނީ، މި ސަރުކާރަށް ހިޔާނާތުގެ މައްސަލަ ބަލައި އެ މައްސަލަތުގެ ޝަރީއަތް ނުހިންގޭއިރު ވެސް ރައީސް ސޯލިހު ރިއެކްޓް ނުކުރައްވާ ކަމަށެވެ.
މިފްކޯގެ މަސް ފިނިކުރާ ސްޓޯރޭޓް ބޮޑުކުރަން މަސައްކަތް ކުރައްވައި އެކަން ނުކުރެއްވުނީމަ އަދި އެމްޑީޕީގެ ސިޔާސަތެއް ކަމަށްވާ "ގޭދޮށު މަސް ފެކްޓްރީ" ވެސް ކުރިއަށް ނުގެންދެވުމުންވެސް ރައީސް ސޯލިހު ރިއެކްޓް ނުކުރައްވާ ކަމަށެވެ. އަދި އެމްޑީޕީގެ މެނިފެސްޓޯގައި 18 މަސް ދުވަހުގެ ތެރޭގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އޮންނާނެ ކަމަށާއި ރައީސް ސޯލިހު އެކަމަށް ވެސް ރިއެކްޓް ނުކުރައްވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ ދަނޑިކޮށި ޖަގަހައިގައި ރޭ ބޭއްވި ރައީސް ސޯލިހުގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ހުސެއިން ވިދާޅުވީ، ކަންކަމަށް ރައީސް ސޯލިހު ރިއެކްޓް ނުކުރައްވާ ކަމަށް ބައެއް ބޭފުޅުންނަށް ހީވިޔަސް ރައީސް ސޯލިހު ގެންދަވަނީ ކަންކަން ވަރަށް ރަނގަޅަށް ކުރައްވަމުން ކަމަށެވެ. އަދި ވިދާޅުވީ، 2012 ވަނަ އަހަރު ނަޝީދު ރިއެކްޓް ކުރެއްވި ގޮތަށް ރައީސް ސޯލިހުގެ ސަރުކާރުން ރިއެކްޓް ނުކުރާނެ ކަމަށެވެ.
"އަޅުގަނޑުމެން އެއް ދުވަހު ނިދާ ހޭލިއިރު މުޅި ކެބިނެޓް މުލިއާގެއަށް ގެނެސްގެން އިސްތިއުފާ ދިނީ. އެކަހަލަ ރިއެކްޓެއް މި ސަރުކާރުން ނުކުރާނެ،" ހުސެއިން ވިދާޅުވިއެވެ.
ހުސެއިން ވިދާޅުވީ، އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވަނީ އެމްޑީޕީއަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ގެއްލުވާލަން ކަމަށެވެ.
ރައީސް ސޯލިހުގެ ސަރުކާރުން ރާއްޖެއަށް ގެންނަމުންދާ ތަރައްގީ، ނަޝީދަށް ވެސް ފެނިވަޑައިގަންނަވާ ކަމަށާއި ރައީސް ސޯލިހަކީ ރައްޔިތުން އެދޭ ވެރިކަމެއް ކުރައްވަމުންދާ ބޭފުޅަކަށްވުމުން ޕްރައިމަރީގައި ރައީސް ސޯލިހާ ވާދަކުރައްވައިގެން ކާމިޔާބުވެވަޑައިނުގަންނަވާނެކަން ނަޝީދަށް އެނގިވަޑައިގަންނަވާނެ ކަމަށްވެސް ހުސެއިން ވިދާޅުވިއެވެ.
އެމްޑީޕީއަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ގެއްލުވާލަން ނަޝީދު މަސައްކަތް ކުރައްވަނީ އެކަމުގެ ޒާތީ ހަސަދައިގައި ކަމަށް ހުސެއިން ވިދާޅުވިއެވެ.