ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން މާލީ ރިޕޯޓު ހުށަހަޅާފައިނުވާތީ، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހަތް ޕާޓީއެއް ޖޫރިމާނާކޮށްފިއެވެ.
އީސީން މިއަދު ބުނީ މާލީ ރިޕޯޓު ހުށަނޭޅި ޕާޓީތަކުގެ ތެރޭގައި ޕީއެންސީ، އެމްޓީޑީ، އަދާލަތު ޕާޓީ، ޑީއާރުޕީ، އެމްއެސްއެލްޑީޕީ އަދި އެމްއެންޕީ ކަމަށާއި އެ ޕާޓީތައް އިއްޔެ ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
އެ ޕާޓީތައް ޖޫރިމަނާކޮށްފައިވަނީ 20،000 ރުފިޔާއިން ކަމަށާއި ޖޫރިމަނާގެ ފައިސާ އަންނަ މަހުގެ 31 ވަނަ ދުވަހުގެ ކުރިން ދައްކަން ޖެހޭނެ ކަމަށް ޕާޓީތަކަށް އަންގާފައިވާ ކަމަށް އީސީން ބުންޏެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވަނީ، ކޮންމެ އަހަރެއްގެވެސް ފުރަތަމަ ތިން މަސްތެރޭ އެ ޕާޓީއެއްގެ މާލީ ރިޕޯޓާއި އަހަރީ ރިޕޯޓު އީސީއަށް ހުށަހަޅަންވާނެ ކަމަށެވެ. ޖޫރިމަނާ ކުރި ޕާޓީތަކަކީ މާޗް 31 ގެ ނިޔަލަށް ރިޕޯޓުތައް ހުށަހަޅާފައި ނުވާ ޕާޓީތައް ކަމަށް އީސީން ބުންޏެވެ.
އީސީން ބުނީ ޖޫރިމަނާގެ ފައިސާ ދައްކަން ދީފައިވާ މުއްދަތުގައި ނުދައްކައިފިނަމަ ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށާއި އަދި ސަރުކާރުން ސިޔާސީ ޕާޓީތަކަށް ދިނުމަށް ކަނޑައަޅާ ބަޖެޓުން ފައިސާ ދޫކުރާ އިރު، ފައިސާ ދޫކުރާނީ ޖޫރިމާނާގެ އަދަދު ކެނޑުމަށްފަހު ކަމަށެވެ.