Close
ކީލިއާން އެމްބާޕޭ

މާޓިނޭޒްގެ މަލާމާތަށް ރައްދު ދޭން އެމްބާޕޭ ބޭނުމެއް ނުވޭ!

އާޖެންޓީނާގެ ގޯލްކީޕަރު، އެމިލިއާނޯ މާޓިނޭޒް، ވޯލްޑް ކަޕް ތަށްޓާއެކު އުފާފާޅުކުރުމުގައި ޖޯކު ޖެހި ނަމަވެސް އެކަމަށް ވާހަކަދައްކައި، އެކަމަށް ވިސްނަން ބޭނުން ނުވާ ކަމަށް ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ ބުނެފިއެވެ.

ގަތަރު ވޯލްޑް ކަޕް 2022ގެ ފޯރިގަދަ ފައިނަލުގައި ފްރާންސް ބަލިކޮށް، ތަށި ނެގީ އާޖެންޓީނާއިންނެވެ. 36 އަހަރަށްފަހު އާޖެންޓީނާއިން ވޯލްޑް ކަޕް ތަށި އުފުލާލައި، އެގައުމުގައި އެތައް މިލިއަން ބަޔަކު އެއްވެ އުފާފާޅުކޮށްފައިވެއެވެ. އެ އުފާފާޅުކުރުމުގެ ތެރޭގައި އާޖެންޓީނާގެ ގޯލްކީޕަރު މާޓިނޭޒް ވަނީ، އެމްބާޕޭގެ ސިފައިގެ ބުދެއް ހިފައިގެން، އެމްބާޕޭއަށް ޖޯކު ޖަހައިފައެވެ. ވޯލްޑް ކަޕްގެ ރަން ބޫޓް ހޯދި އެމްބާޕޭއަށް މާޓިނޭޒް ޖޯކު ޖެހުމާއެކު، އެކަމުގައި މާޓިނޭޒަށް ފާޑު ކިޔުންތައްވެސް އަމާޒުވެފައިވާ އިރު، މާޓިނޭޒްގެ ގާތުގައި އެމްބާޕޭގެ ޕީއެސްޖީ ޓީމްމޭޓް ލިއޮނަލް މެސީ ހުރުމުން އެކަމަށްވެސް ބަޔަކު ޖޯކު ޖަހާފައިވެއެވެ.

މާޓިނޭޒްގެ އަމަލުތަކާ ގުޅިގެން ރޭ ޕީއެސްޖީ މެޗަށްފަހު އުމުރުން 24 އަހަރުގެ އެމްބާޕޭ ބުނީ، އެކަމަށް ވިސްނުން ހިންގައި ހަކަތަ ބޭކާރު ކުރަން ބޭނުން ނުވާ ކަމަށެވެ.

"އެ އުފާފާޅުކުރުންތަކަކީ އަހަރެންނަށް މައްސަލައެއް ނޫން. އެކަހަލަ ދަށު ދަރަޖައިގެ އަމަލުތަކަށް ވިސްނުން ހިންގައި، ހަކަތަ ބޭކާރު ކުރާކަށް ނެތިން،" އެމްބާޕޭ ބުންޏެވެ.

އޭގެ އިތުރުން އެމްބާޕޭ ވަނީ މެސީއާ ދޭތެރޭ އެއްވެސް ނުތަވަސްކަމެއް ނެތް ކަމަށްވެސް ބުނެފައެވެ.

"އަހަރެން މެސީއާ ވާހަކަދެއްކިން މެޗަށްފަހު. އަހަރެން ފުރަތަމަވެސް އޭނާއަށް މަރުހަބާ ކީން. ވޯލްޑް ކަޕަކީ މެސީއަށް ހަޔާތުގައި އެންމެ ބޭނުންވި ތަށި، އަހަރެންނަށްވެސް އެކަން އޮތީ އެހެން. ތަށި ދިފާއުކުރަން ވަރަށް ބޭނުންވި. އެކަން ހާސިލު ނުވުމުން މެސީއަށް މަރުހަބާ ކިޔައި، އޭނާއަށް އުފާކުރަން ޖެހޭ،" އެމްބާޕޭ ބުންޏެވެ.

ޕީއެސްޖީން ވޯލްޑް ކަޕަށްފަހު ކުޅުނު ފުރަތަމަ މެޗުގައި ރޭ ސްޓްރަސްބާގް ކައިރިން މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. ވޯލްޑް ކަޕަށްފަހު މެސީ އަދި ޕީއެސްޖީގެ ތަމްރީނުތަކަށް ނުކުމެފައި ނުވާ އިރު، އެމްބާޕޭއާއި ނޭމާ ރޭގެ މެޗުގައި ފެނިގެން ގޮސްފައިވެއެވެ. ޕީއެސްޖީ މޮޅުވި ގޯލު ފަހު ވަގުތު ޕެނަލްޓީއެއްގައި އެމްބާޕޭ ޖެހި އިރު، ރޭގެ މެޗުގައި ނޭމާއަށް ވަނީ ރަތް ކާޑު ދައްކައިފައެވެ.