ފްރާންސްގެ ކެޕްޓަން ކިލިއަން އެމްބާޕޭއަށް އަމާޒުވަމުންދާ ފާޑުކިޔުންތައް "މާ މައްޗަށް ގޮސްފައިވާ" ކަމަށްބުނެ، ފްރާންސްގެ ފޯވާޑް އުސްމާން ޑެމްބެލޭ، އެމްބާޕޭގެ ދިފާއުގައި ވާހަކަދައްކައިފިއެވެ.

ސްޕެއިންގެ ނޫހެއް ކަމަށްވާ "މާކާ"އަށް ދިން އިންޓަވިއުއެއްގައި، މިދިޔަ އަހަރުގެ ބެލޮންޑޯ ކާމިޔާބުކުރި ޑެމްބެލޭ ބުނީ، އޭނާއާއެކު ގިނަ ދުވަސްތަކެއް ވަންދެން ގައުމީ ޓީމަށް ކުޅެމުން އަންނަ އެމްބާޕޭއާ މެދު ބައެއް ފަރާތްތަކުން ފާޑުކިޔުމުގައި މާ މައްޗަށް ގޮސްފައިވާ ކަމަށެވެ. ޕީއެސްޖީ ދޫކޮށް 2024 ވަނަ އަހަރު ރެއާލް މެޑްރިޑާ ގުޅުނު ފަހުން، އެމްބާޕޭ ވެފައިވަނީ ފްރާންސްގެ ފުޓުބޯޅައިގައި އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވާ އެއް ކުޅުންތެރިޔާއަށެވެ.

އެމްބާޕޭއަކީ ގިނަ ގޯލުތަކެއް ޖަހަމުން އަންނަ ކުޅުންތެރިއެއް ނަމަވެސް، މި ސީޒަނުގައި ރެއާލް މެޑްރިޑަށް ލަލީގާ އަދި ޗެމްޕިއަންސް ލީގުވެސް ކާމިޔާބުކުރެވިފައި ނުވުމުން އޭނާއަށް ވަނީ އިތުރު ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. މީގެ އިތުރުން، ހޫގޯ ލޮރިސް ގައުމީ ޓީމުން ރިޓަޔާކުރުމާ ގުޅިގެން ފްރާންސްގެ ކެޕްޓަންކަމާ އެމްބާޕޭ ހަވާލުވި ފަހުން، އޭނާގެ ލީޑާޝިޕާ މެދުވެސް ބައެއް ސަޕޯޓަރުންނާއި ކުޅިވަރު ދިރާސާކުރާ ފަރާތްތަކުން ވަނީ ސުވާލު އުފައްދައިފައެވެ. އޭނާގެ ކުޅުމާއި، އާންމު ތަންތަނުން ފެންނަ ފެނުމާއި، ޑިސިޕްލިނާ ގުޅޭ ކަންކަމާ ގުޅޭގޮތުންވެސް ފްރާންސްގައި ގިނަ ބަހުސްތަކެއް ކުރެވެއެވެ.

ވޯލްޑް ކަޕް 2026 ގެ "ގްރޫޕު އައި"ގައި އަންނަ އަންގާރަ ދުވަހުގެ ރޭ ސެނެގާލްއާ ދެކޮޅަށް ފްރާންސުން ކުޅޭ މެޗުގެ ކުރިން ޑެމްބެލޭ ބުނީ، އެމްބާޕޭއަށް އަމާޒުކުރާ ފާޑުކިޔުންތަކަކީ ވަރަށް ބޭއިންސާފު ފާޑުކިޔުންތަކެއް ކަމަށެވެ. ޑެމްބެލޭ ބުނި ގޮތުގައި އެމްބާޕޭއަކީ އާދަޔާހިލާފު މޮޅު ކުޅުންތެރިއެކެވެ.

ދަނޑުން ބޭރުގައިވެސް އެމްބާޕޭއަކީ ރަނގަޅު މީހެއްކަން ފާހަގަކުރަމުން ޑެމްބެލޭ ބުނީ، އެމްބާޕޭއަށް ވީތީ ބައެއް މީހުން ފާޑުކިޔުމުގައި ހައްދުފަހަނަޅައިދާ ކަމަށެވެ. ބޫޓުގެ ނާޑުވާ އައްސާ ގޮތުން ފެށިގެން އިސްޓާކީނު އަރުވާ ގޮތާ ހަމައަށް ފާޑުކިޔުން އަމާޒުވާކަން ފާހަގަކޮށް، އޭނާއަކީވެސް އިންސާނެއްކަން ޑެމްބެލޭ ހަނދާންކޮށްދިނެވެ. އަދި ގައުމީ ޓީމުގައި އެމްބާޕޭއަކީ ވަރަށް ރަނގަޅު ލީޑަރެއްކަންވެސް އޭނާ ފާހަގަކުރިއެވެ.

ޑެމްބެލޭ ވަނީ ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސްއަށްވެސް ތައުރީފުކޮށްފައެވެ. ދިހަ އަހަރަށްވުރެ ގިނަ ދުވަހު ގައުމީ ޓީމަށް އިރުޝާދު ދިނުމަށްފަހު، މި ވޯލްޑް ކަޕަށްފަހު މަގާމުން ވަކިވާނެކަން ޑެޝޯމްޕްސް ވަނީ އިއުލާނުކޮށްފައެވެ. 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ފްރާންސަށް ކާމިޔާބުކޮށްދިން ކޯޗާ ގުޅޭގޮތުން ޑެމްބެލޭ ބުނީ، ޑެޝޯމްޕްސްއަކީ ފްރާންސްގެ ތާރީހުގައި އަބަދުވެސް ލެޖެންޑެއްގެ ގޮތުގައި ދެމިހުންނާނެ މޮޅު ކޯޗެއް ކަމަށެވެ.

ޑެޝޯމްޕްސްއަށްފަހު ފްރާންސްގެ ކުރީގެ ތަރި ޒައިނުއްދީން ޒިދާން ކޯޗުކަމާ ހަވާލުވުމުގެ ފުރުސަތާ ގުޅޭގޮތުން ސުވާލުކުރުމުން ޑެމްބެލޭ ވަނީ އެކަމަށް މަރުހަބާ ކިޔައިފައެވެ. ކުޅުންތެރިއެއްގެ ގޮތުގައި 1998 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށް، ފަހުން ރެއާލް މެޑްރިޑްގެ ކޯޗެއްގެ ގޮތުގައި ކާމިޔާބީތައް ހޯދާފައިވާ ޒިދާން ގައުމީ ޓީމާ ހަވާލުވެއްޖެނަމަ ވަރަށް ފުރިހަމަ މަސައްކަތްތަކެއް ކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޑެމްބެލޭ ބުންޏެވެ.

ފްރާންސްގެ ކޯޗުކަމާ ޒިދާން ގުޅުވައިގެން ގިނަ ވާހަކަތަކެއް ދެކެވެމުންދިޔަ ނަމަވެސް، ޑެޝޯމްޕްސް މަގާމުގައި ހުރިހާ ހިނދަކު އެކަމާ ގުޅޭގޮތުން ވާހަކަދެއްކުމަށް ޒިދާން ވަނީ ތަކުރާރުކޮށް ދެކޮޅު ހަދައިފައެވެ.

މިފަހަރުގެ ވޯލްޑް ކަޕަށް ފްރާންސުން ނުކުންނަނީ ޑެމްބެލޭ އާއި އެމްބާޕޭ ހިމެނޭގޮތަށް ތަރިން އެކުލެވޭ ސްކޮޑަކާއެކުއެވެ. އަދި ފްރާންސަކީ މި ވޯލްޑް ކަޕްގެ ވެސް ފޭވަރިޓެކެވެ.

މި ވޯލްޑް ކަޕްގައި ފްރާންސުން ކުޅޭ ފުރަތަމަ މެޗުގައި ސެނެގާލްއާ ދެކޮޅަށް ނުކުންނާނީ ރާއްޖޭގަޑިން އަންނަ އަންގާރަ ދުވަހުގެ ރޭ 12:00 ގައެވެ.