އަނިޔާއަށްފަހު ކިލިއަން އެމްބާޕޭ އެނބުރި އައި މެޗުގައި ރެއާލް މެޑްރިޑުން ރޭ ރެއާލް އޮވިއޭޑޯ ބަލިކޮށްފިއެވެ.

ރޭގެ މެޗަށް ރެއާލް ނުކުތީ މިދިޔަ ހަފުތާ ބާސެލޯނާ ކައިރިން ބަލިވި މެޗާއެކު ލީގު ގެއްލިފައި އޮވެގެންނެވެ. އެ މާޔޫސްކަމުގެ ތެރެއިން ރެއާލް އޮތީވެސް މައްސަލަތަކެއްގެ ތެރޭގައެވެ. ޓީމު ތެރޭގައި މައްސަލަތައްވެސް ޖެހިފައި އޮތް އިރު، 2-0 އިން ރޭ މޮޅުވީ އެމްޕާބޭއާއި ޖޫޑް ބެލިންހަމްގެ ގޯލްތަކުންނެވެ.

ރޭގެ މެޗަށް އެމްބާޕޭ ނުކުތީ 69 ވަނަ މިނެޓުގައެވެ. މެޗުގެ ފުރަތަމަ 11އަށް ނުކުތް ފޯވަޑުންނަކީ ގޮންޒާލޯ ގާސިއާ އާއި ވިނީޝިއަސް ޖޫނިއާއެވެ. އޭގެ އިތުރުން ދެން އެޓޭކުން ފެނިގެން ދިޔައީ ފްރޭންކޯ މަސްޓަންޓުއޯނޯއެވެ.

މެޗުގެ ފުރަތަމަ ގޯލް، ގާސިއާ ޖެހި އިރު، އަނެއް ގޯލް ޖަހައިދިނީ ބެލިންހަމްއެވެ. ބެލިންހަމްގެ ގޯލަށްފަހު އޭނާ ވަނީ ސަޕޯޓަރުން ކިބައިން މައާފަށް އެދިފައެވެ.

އެމްބާޕޭ ރޭގެ މެޗަށް ނުކުތީ އޭނާ ކްލަބުން ބޭރުކުރަން ސަޕޯޓަރުންގެ ވަރުގަދަ ޕެޓިޝަނެއްވެސް ކުރިއަށްދަނިކޮށެވެ. އެމްބާޕޭ ދަނޑަށް ނުކުތުމާއެކު ސަޕޯޓަރުން "ބޫ" ކޮށްފައިވެއެވެ. އެއާއެކު އެމްބާޕޭ ވަނީ މެޗަށްފަހު އެކަމަށް ޖަވާބުވެސް ދީފައެވެ.

އެމްބާޕޭ ބުނީ ސަޕޯޓަރުންގެ ނުރުހުން އެއީ ރަނގަޅު ނުރުހުމެއް ކަމަށާއި، އެއީ އޭނާއަށް މާ ބޮޑު މައްސަލައެއް ނޫން ކަމަށެވެ. އެހެން ނަމަވެސް އެމްބާޕޭ ވަނީ ކޯޗު އަލްވާރޯ އާބެލޯއާއަށް ބަހުގެ ހަމަލާއެއް ދީފައެވެ.

"އަހަންނަށް އަނިޔާވީމަ ޗުއްޓީއަކަށް ދިޔައީ ކްލަބުގެ ހުއްދައާއެކު. އެއީ އުސޫލުން ބޭރު ކުރި ކަމެއް ނޫން. އަހަރެން ފިޓްވި ހިސާބުން ހުރީ ކުޅެން ތައްޔާރުވެގެން. މެޗަށް ފިޓްވެ ހުރި ނަމަވެސް އާބެލޯއަށް އަހަންނަކީ ހަތަރުވަނަ ފޯވަޑް. އެއީ ވިނީއާއި ގާސިއާ އަދި މަސްޓަންޓުއޯނޯގެ ފަހަތުން،" އެމްބާޕޭ ބުންޏެވެ.

ފަހުން އާބެލޯއާ ބުނީ އެއީ ހަގީގަތެއް ނޫން ކަމަށާއި، ބޮޑަށް ބެލެވެނީ އެވާހަކައިގެ މާނަ ނެގުން ގޯސްވީ ކަމަށެވެ.