ދުނިޔޭގެ އެންމެ ވަރުގަދަ، އެންމެ ބޮޑު އެއް ކްލަބު ރެއާލް މެޑްރިޑްގެ ތެރޭގައި ކުޅުންތެރިންނާ ކުޅުންތެރިން ޖެހި މައްސަލަގަނޑެއް އުފެދިފައިވާ ކަމަށް ބައެއް ނޫސްތަކުން ބުނެފިއެވެ.

ރޭ އެތުލެޓިކުން ރިޕޯޓް ކޮށްފައި ވަނީ ރެއާލްގެ ކުޅުންތެރިންގެ ތެރޭގައި ބައެއް މައްސަލަތައް ހުރި ކަމަށެވެ. އެގޮތުން ކިލިއަން އެމްބާޕޭއަށް، ވެރިންގެ ފަރާތުން ހާއްސަ ބައެއް ކަންކަން ފަހިވާ ކަމަށް ބުނެ، ބައެއް ސީނިއާ ކުޅުންތެރިންވެސް އެކަމާ ދެކޮޅަށް ކްލަބުގެ އިސްވެރިންނާ ބައްދަލު ކޮށްފައިވާ ކަމަށް އެތުލެޓިކުން ރިޕޯޓު ކުރިއެވެ.

އޭގެ އިތުރުން އެތުލެޓިކުން ބުނީ އެމްބާޕޭ ޓީމުގެ ރޫހާ ދޭތެރޭ އެއްވެސް ސީރިއަސް ކަމެއް ބެހެއްޓުމެއް ނެތި، ބައެއް ކެޔުންތަކަށާއި އިވެންޓްތަކަށް ގަޑި ޖެހިގެން ދާ މައްސަލަވެސް ހޫނުވެފައިވާ ކަމަށެވެ.

އެ މައްސަލަތައް އެތުލެޓިކުން ފުރަތަމަ ރިޕޯޓު ކުރި ނަމަވެސް، ފަހުން އެ ނޫހުން ބުނީ ރެއާލްގެ ރައީސް ފޮލޮރެންޓީނޯ ޕެރޭޒް އިސްނަގައިގެން އެކަންކަން ހައްލު ކުރަން މަސައްކަތް ކޮށް، އެމްބާޕޭއާ ކުޅުންތެރިންނާ ދެމެދު ކޮންމެވެސް ވަރަކަށް ސުލްހަވެފައިވާ ކަމަށެވެ.

އެހެން ނަމަވެސް އެކަމުގެ ތެރެއިން އަދިވެސް އިތުރު މައްސަލައެއް ވަނީ ދިމާވެފައެވެ. ރެއާލަށް މި ސީޒަން ހުސް އަތާ ނިންމާލަން ޖެހިފައިވާ އިރު، އެމްބާޕޭ މިވަގުތު ހުރީ އަނިޔާގައެވެ. އަނިޔާގެ ސަބަބުން ތަމްރީނުތަކަށް ނުނިކުމެވޭތީ އެމްބާޕޭ ވަނީ ޗުއްޓީ ހޭދަކޮށްލުމަށް އިޓަލީގެ ސާޑީނިއާއަށް ގޮސްފައެވެ. އެ ހަބަރާއެކު ސަޕޯޓަރުން ވަނީ ކްލަބުން އޭނާ ބޭރުކުރަން ގޮވާލައި، އޮންލައިން ޕެޓިޝަނެއް ހަދާފައެވެ.

ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި އެމްބާޕޭ ބޭރުކުރަން ގޮވާލައި ހަދާފައިވާ ޕެޓިޝަނަށް ތާއީދުކޮށް ރެއާލްގެ ވަރުގަދަ ސަޕޯޓަރުންތަކެއް ވަނީ ނުރުހުންވެސް ފާޅު ކޮށްފައެވެ. އެގޮތުން ދެ މިލިއަނެއްހާ މީހުން ޕެޓިޝަނަށް ތާއީދުކުރި އިރު، ބައެއް ސަޕޯޓަރުން ވަނީ އެމްބާޕޭ އަނބުރާ ކްލަބަށް ނަޔަސް ހެޔޮ ކަމަށް ބުނެއެވެ.

އެމްބާޕޭއަކީ މި ސީޒަނުގައި ރެއާލަށް އެންމެ ފޯމު ރަނގަޅުކޮށް ކުޅުނު އެއް ކުޅުންތެރިޔާއެވެ. އެހެން ނަމަވެސް އޭނާއަށް ފާޑުކިޔުން އަމާޒުވެފައި ވަނީ އެހެން ކުޅުންތެރިންނަށްވުރެ ހާއްސަކަން ކްލަބުން ދޭތީ ކަމަށް ނޫސްތައް ބުނެއެވެ.