ފްރާންސް ގައުމީ ޓީމަށް އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ރެކޯޑު ކިލިއަން އެމްބާޕޭ މުގުރާލައިފިއެވެ.

ފްރާންސުން މިފަހަރުގެ ވޯލްޑް ކަޕްގައި ރޭ ކުޅުނު މެޗުގައި ކެޕްޓަން އެމްބާޕޭ ވަނީ ދެ ގޯލް ޖަހައިފައެވެ. މެޗުގައި ފްރާންސުން ސެނެގާލް ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. އުމުރުން 27 އަހަރުގެ އެމްބާޕޭ ފްރާންސަށް ޖަހައިދިން ގޯލްގެ އަދަދު 58 އަކަށް އަރާފައިވާ އިރު، ކުރިން އެ ރެކޯޑު އޮތީ އޮލިވިއާ ޖިރޫ އަތުގައެވެ. ޖިރޫ ވަނީ 57 ގޯލް ފްރާންސަށް ޖަހައިދީފައެވެ.

ރޭގެ މެޗުގެ އެނަލިސްޓެއްގެ ގޮތުގައި ބީބީސީ ސްޓޫޑިއޯގައި އިން ޖިރޫ ވަނީ އެމްބާޕޭ ރެކޯޑު މުގުރާލުމާއެކު އޭނާއަށް މަރުހަބާ ކިޔައިފައެވެ. ޖިރޫ ބުނީ އެމްބާޕޭއަށް އެ ރެކޯޑު ހައްގު ކަމަށާއި، ވޯލްޑް ކަޕުގައި ފުރިހަމަ ކާމިޔާބީއަށް އެދޭ ކަމަށެވެ.

އެމްބާޕޭއަކީ މިހާރު ވޯލްޑް ކަޕްގެ ތާރީހުގައިވެސް އެންމެ ގިނަ ގޯލް ޖެހި އެއް ކުޅުންތެރިޔާއެވެ. އެގޮތުން އޭނާ ވަނީ ވޯލްޑް ކަޕްގައިވެސް 14 ގޯލް ޖަހައިފައެވެ. އެއީ ޕެލޭއާއި ލިއޮނަލް މެސީއަށްވުރެ އެއް ގޯލް އިތުރު އަދަދެކެވެ. އަދި ގާޑް މުލާއާއެކު އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިންގެ ލިސްޓްގެ ތިންވަނައިގައި އެމްބާޕޭ އޮތް އިރު، ލިސްޓްގެ ދެވަނައިގައި އޮތީ ބްރެޒިލްގެ ރޮނާލްޑޯއެވެ. އެއީ 15 ގޯލާއެކުގައެވެ. އެއްވަނައިގައި އޮތީ ޖަރުމަނުގެ މިރްސްލާވް ކްލޯސާއެވެ. އޭނާ ވަނީ 16 ގޯލް ޖަހައިފައެވެ.

"އަހަރެން މިއުޅެނީ ކަމެއް ސާބިތުކޮށްދޭން، ނޫނީ ބަޔަކު ކިޔާ ފާޑުކިޔުމަކަށް ރައްދު ދޭކަށް ނޫން. އެކަން ކުރަން އުޅެންޏާ ޖެހޭނެ 80 އަހަރު ވަންދެންވެސް ކުޅެން. އެހެންވީމަ އެކަން ކަމަކަށް ނުވިސްނަން. ވިސްނަނީ ހަމަ ގައުމަށް ކުރެވެން އޮތް ކަމެއް ކުރަން،" އެމްބާޕޭ ރޭގެ މެޗަށްފަހު ބުންޏެވެ.