އަންނަ މަހުގެ 28 ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކޮމިޓީ އެކުލަވާލައިފިއެވެ.
ތާޖުއްދީން ސްކޫލުގައި އެމްޑީޕީން މިރޭ ވަނީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވައިފައެވެ. އެ ޖަލްސާއަކީ ރިޔާސަތުން ދޭ މައުލޫމާތު އާންމު ކުރުމާއި ރިޔާސީ ޕްރައިމަރީއަށް ގައުމީ މަޖިލީހުން ފަސް މެމްބަރުންގެ ކޮމިޓީއެއް ނެގުމަށް ބޭއްވި ޖަލްސާއެކެވެ.
ޕްރައިމަރީގެ ކޮމިޓީއަށް ފަސް މެމްބަރުން ނަގަން ނިންމާފައިވާ އިރު، އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ހުށަހެޅީ އެ ފެކްޝަނުން ދެ މެމްބަރެއްގެ ނަން ހުށަހެޅުމަށާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފެކްޝަނުން ދެ މެމްބަރެއްގެ ނަން ހުށަހެޅުމަށެވެ. އޭގެ އިތުރުން ދެ ފެކްޝަނުން ވެސް އެއްބަސްވާ އެއް މެމްބަރެއްގެ ނަން ހުށަހެޅުމަށެވެ. ނަމަވެސް ފާސް ވެފައިވަނީ ރައީސް ސޯލިހުގެ ފެކްޝަނުން ހުށަހެޅި ނަންތަކެވެ.
ޕްރައިމަރީ ކޮމިޓީ މެމްބަރުންގެ ގޮތުގައި ފާސްވި ނަންތަކަކީ އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބްރާހީމް ވަހީދު (އިބުރޭ)، އެމްޑީޕީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި މިހާރު އެ ޕާޓީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު، އެމްޑީޕީގެ މަތި އުތުރު ޕްރޮވިންސްގެ ރައީސް އަކްރަމް ކަމާލުއްދީން، އަހުމަދު އަބްދުﷲ އަފީފް އަދި މުހައްމަދު އީމާނެވެ.
ނަޝީދު ފެކްޝަނުން ހުށަހެޅި ނަންތަކަށް ވޯޓަށް އެހުމުން އެ ނަންތައް ގައުމީ މަޖިލީހުން ފާސްވެފައެއް ނުވެއެވެ. އެ ނަންތަކަށް ތާއިދު ނުކުރަން ނިންމީ ރައީސް ސޯލިހުގެ ފެކްޝަނުންނެވެ. ވަކިވަކި ނަންތަކަށް ވޯޓަށް އަހަން ފެނޭތޯ ގައުމީ މަޖިލީހުގެ މެމްބަރުންގެ މެދުގައި ވޯޓެއް ނެގުމުން ވެސް އެގޮތަށް ފާސްވެފައެއް ނުވެއެވެ.
އެގޮތަށް ފާސް ނުވުމުން ނަޝީދަށް ތާއިދުކުރާ މެމްބަރުން ވަނީ އެމްޑީޕީގެ ގައުމީ މަޖިލިސް ޖަލްސާ ބޮއިކޮޓްކޮށްފައެވެ. ނަޝީދަށް ތާއީދުކުރާ ހުރިހާ މެމްބަރުން ވަނީ އެ ޖަލްސާ ދޫކޮށް ގޮސްފައެވެ.
އެ މެމްބަރުން ވަނީ ބަހުސްކުރަން ހުޅުވާލި ވަގުތުގައި ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ހުދު މުހުތާރުކޮށް ގައުމީ މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދިއުމާއި، ފައްޔާޒު ރިޔާސަތު އިންވަނައިގެން މަލާމާތުގެ ރާގަކަށް ވާހަކަދައްވަމުންދާ ކަމަށް މެމްބަރުން ދިޔައީ ތުހުމަތުކުރަމުނެވެ. އަދި ނަން ހުށަހެޅުމަށް އެ ފެކްޝަނަށް މަޝްވަރާކުރުމަށް އެކަށީގެންވާ ވަރަށް ވަގުތުދީފައިނުވާ ކަމަށް ވެސް ބުނަމުންދިޔައެވެ.
ނަޝީދުގެ ފެކްޝަނާއި ފައްޔާޒާ ދެމެދު މައްސަލަ ހޫނުވީ އެ ފެކްޝަނުން ބޭނުންވި ގޮތަށް ނަންތައް ހުށަހެޅުމަށް ވޯޓަށް އައްސަވަން ފައްޔާޒް އެއްބަސްވެވަޑައި ނުގެންނެވުމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު