އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި ބަސް ނުބުނެވޭ ކަމަށާއި މިހާރު އެ އުޅުއްވަނީ އެމްޑީޕީ ގައުމީ މަޖިލީހުގެ ބައްދަލުވުންތަކުގައި ވެސް އަނގައިން ނުބުނެވޭ ގޮތަށް ހަދަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.
އެމްޑީޕީން މިރޭ ތާޖުއްދީން ސްކޫލުގައި ބޭއްވި ގައުމީ މަޖިލީހުގައި އޮތީ ދެކަމެއް ފާސް ކުރުމެވެ. އެއީ ރިޔާސަތުން ދޭ މައުލޫމާތު އާންމު ކުރުމާއި ރިޔާސީ ޕްރައިމަރީއަށް ގައުމީ މަޖިލީހުން ފަސް މެމްބަރުންގެ ކޮމިޓީއެއް ނެގުމެވެ.
ޕްރައިމަރީގެ ކޮމިޓީއަށް ފަސް މެމްބަރުން ނަގަން ނިންމާފައިވާ އިރު، އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ހުށަހެޅީ އެ ފެކްޝަނުން ދެ މެމްބަރެއްގެ ނަން ހުށަހެޅުމަށާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފެކްޝަނުން ދެ މެމްބަރެއްގެ ނަން ހުށަހެޅުމަށެވެ. އަދި ދެ ފެކްޝަނުން ވެސް އެއްބަސްވާ އެއް މެމްބަރެއްގެ ނަން ހުށަހެޅުމަށެވެ.
ނަމަވެސް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވީ އެގޮތަށް އެކަން ނުކުރެވޭނެ ކަމަށެވެ.
ގައުމީ މަޖިލީހުގެ ޖަލްސާގައި އީވާ ވާހަކަދައްކަވަން ފައްޓަވަނިކޮށް ފައްޔާޒް ވިދާޅުވީ، އީވާ ވާހަކަދައްކަވަންވާނީ ފަސް މެމްބަރުން ނަން ހުށަހަޅާ ނަމަ ކަމަށެވެ. ފައްޔާޒު އެގޮތަށް ވިދާޅުވުމުން އީވާ ވިދާޅުވީ، ހުދުމުހުތާރުކޮށް ވާހަކަ ދެއްކުމުގެ ފުރުސަތު ހަނި ކުރެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
"އެމްޑީޕީގެ ވަޓްސްއެޕްގެ ގައުމީ މަޖިލީހުގެ ގްރޫޕުގައި މިހާރު މީހަކަށް އަނގައިން ބުނެވެނީކީއެއް ނޫން. ދެން މިހާރު ގައުމީ މަޖިލިސް ވެސް އެގޮތަށް އަނގައިން ނުބުނެވޭ ތާކަށް ބަދަލުކޮށްލަން ތިޔަ އުޅުއްވަނީ. އެހެން ނެހެއްދެވުން އެދެން. ޗެއާ، އަންރީޒަނަބަލް ވާހަކަތަކެއް ނޫން އަޅުގަނޑުމެން މި ދައްކަނީ. ބުއްދީގެ ހަމައިން ފުދޭ ވަރަކަށް ގަބޫލުކުރެވޭ ވާހަކަތަކެއް މިދައްކަނީ،" އީވާ ވިދާޅުވިއެވެ.
ޕްރައިމަރީގައި ވާދަކުރަން ތިބީ ދެ ކެންޑިޑޭޓުން ކަމަށާއި ޕްރައިމަރީ ކޮމިޓީއެއް ނަގަންޖެހޭ ކަމަށެވެ. ގައުމީ މަޖިލީހުގެ ކިބައިން އެދެނީ އެ ފެކްޝަނުން ބޭނުންވާ ގޮތަށް ނަން ހުށަހެޅުމަށް ތާއިދުކޮށް ދިނުމަށް ކަމަށާއި އެކަން އެގޮތަށް ގެންދިއުމަށް ހުށަހެޅުމުން ހައިޖާނުގަނޑަކަށް ހަދަން ނުޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި އިންތިހާބު ވެސް ނުފެށޭ ކަމަށް އީވާ ވިދާޅުވިއެވެ.
ރިޔާސަތަށް އަމާޒުކޮށް އީވާ ވިދާޅުވީ މަލާމާތުގެ ރާގަކަށް ވާހަކަ ދައްކަން ނުޖެހޭ ކަމަށާއި އެ ފެކްޝަނުން ބޭނުންވަނީ އިންސާފުވެރި ކޮމިޓީއެއް ނަގައިގެން އިންތިހާބައިގެން ކުރިއަށް ދިއުމަށް ކަމަށެވެ. އަދި ނަން ހުށަހެޅުމުގެ ކަންތައް އިންސާފުވެރިކަމާއެކު ކުރިއަށް ގެންދިއުމަށް ފުރުސަތު ދޭންވާނެ ކަމަށް ވެސް އީވާ ވިދާޅުވިއެވެ.
އެކަމާ ގުޅިގެން ފައްޔާޒް ވިދާޅުވީ ފުރުސަތަކަށް އެދިލައްވާ ކޮންމެ ފަހަރަކު ފުރުސަތުދެމުންދާ ކަމަށާއި އަދި މަޝްވަރާ ކުރަން ވެސް ވަގުތު ދެމުންދާ ކަމަށެވެ.
"ހަމަ އެދުނު ވަރަކަށް ފުރުސަތު އަރުވަމުން މިދަނީ އިނގޭތޯ. އެހެންވީމާ އަޅުގަނޑަކަށް ނޭނގެ ކަމަނާ ވިދާޅުވާން ޖެހުނު ސަބަބެއް،" ފައްޔާޒް ވިދާޅުވިއެވެ.
ނަމަވެސް އިވާ ވިދާޅުވީ، ފަސް މެމްބަރުންގެ ކޮމިޓީއެއް ހުށަހަޅަން ނޫނިއްޔާ ފުރުސަތު ނުލިބޭނެ ކަމަށް ފައްޔާޒް ވިދާޅުވެފައިވާ ކަމަށެވެ. އެހެންވީމާ މަޝްވަރާކުރަން ވަގުތު ލިބެން ޖެހޭނެ ކަމަށް އީވާ ވިދާޅުވިއެވެ.
އެއަށްފަހު އީވާ ވަނީ ފައްޔާޒަށް އަމާޒުކޮށް ރުޅިވެރި ރާގެއްގައި ވާހަކަދައްކަވައިފައެވެ.
"ޗެއާ ކިހިނެއްތޯ ހަދަނީ. ޕާޓީގެ މި ގައުމީ މަޖިލީހުގެ ރިޔާސަތު ބޭނުންފުޅު ކުރައްވައިގެން ތިޔަ އުޅުއްވަނީ ޒުވާބަކަށް ދާންތޯ ޗެއާ. އެހެން ނަހަދައްވާ، އެހެން ނަހައްދައްވާ، މަގާމުގެ ގަދަރާއި މަގާމުގެ ހައިސިއްޔަތު ހިފަހައްޓަވާ ދެއްވާ. މަގާމުގެ ހައިސިއްޔަތު ހިފަހައްޓަވައިދެއްވާ ޗެއާ. މި އިންތިހާބު އިންސާފުވެރިވުމަކީ، މި އިންތިހާބަކީ އެމްޑީޕީގެ މެމްބަރުން ބަލައިގަންނަ އިންތިހާބަކަށްވުމަކީ ޗެއާގެ ފުރިހަމަ ޒިންމާ. އެހެންވީމާ އަޅުގަނޑުމެން އެންމެންނަށް ރަނގަޅީ މަޝްވަރާއެއް ކުރެވޭނެ ފުރުސަތު ދެއްވިއްޔާ،" އީވާ ވިދާޅުވިއެވެ.
އީވާގެ ވާހަކަތައް ނިމުމުން ފައްޔާޒު ވިދާޅުވީ މަޝްވަރާކުރަން ކުރިން ދިހަ މިނިޓު ދީފައިވާނެ ކަމަށެވެ. އިތުރަށް ފުރުސަތު ބޭނުންވޭތޯ ވެސް ފައްޔާޒް ސުވާލުކުރެއްވިއެވެ.
ފައްޔާޒު ވާހަކަދައްކަވަމުން ދަނިކޮށް މެދުހެންވޭރު ދާއިރާގެ މަޖިލިސް މެމްބަރު އަލީ އާޒިމް ވިދާޅުވީ "ޗެއާ ތިހާ ސާކާސްޓިކޮށް ވާހަކަނުދައްކަވާ" ކަމަށެވެ. ނަމަވެސް ފައްޔާޒް ވިދާޅުވީ އޭނާ އެގޮތަށް ވާހަކަ ނުދައްކަވާ ކަމަށާއި އަނެއްކާވެސް މަޝްވަރާކުރުމަށް 15 މިނެޓުގެ ވަގުތެއް ދެއްވާ ކަމަށެވެ.
އާޒިމް ވާހަކަދައްކަވަން ލިބުނު ފުރުސަތުގައި ވިދާޅުވީ، ހަމަހަމަ ފުރުސަތެއް ދިނުމަށް ދެ ފެކްޝަނުން ނަން ހުށަހަޅާ ގޮތަށް ހަދަންޖެހޭ ކަމަށާއި އެ ދެ ނަމަކީ ރައީސް ސޯލިހު ހުށަހަޅުއްވާ ދެ ނަމަކާއި ނަޝީދު ހުށަހަޅުއްވާ ދެ ނަމެއް ކަމަށެވެ. އަދި އެގޮތަކީ އެހާ ބޮޑުކަމަކަށް ހަދައިގެން، ބާރު އޮތީވެ ކަންކަންކުރާ އުސޫލުން ބޭރުން ނުކުރުމަށް އެދޭ ކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމްގެ ވާހަކަތަކާ ގުޅިގެން ފައްޔާޒު ވިދާޅުވީ، އާޒިމްގެ ވާހަކަތަކުގައި އޮށްޓަރެއް ނެތް ކަމަށެވެ.
"ރައްދު ދިނުމުގެ ގޮތަކުން ނޫން، ނުބައި ގޮތަކަށް އެއްޗެއް ވިދާޅުވީމަ އެ ރަނގަޅުކޮށްލުމުގެ ގޮތުން. ތި ވިދާޅުވީ އަނެއްކާވެސް ގޯހެއް. ނަގާ ކޮމިޓީއަކުން ނޫން ޓައިމްލައިން ހަދާކަށް އޮންނަނީކީއެއް. އަދި ކުރިން ވިދާޅުވި ކެންޑިޑޭޓުންގެ މަންދޫބުން މި ކޮމިޓީގައި ތިބެ ކިހިނެއްތޯ އިއުލާނުކޮށްގެން ކެންޑިޑޭޓުން ނާންނަނީސް ކޮމިޓީ ނަގާނީ. ތި ވިދާޅުވާ އެއްޗެއްގެ އެއްވެސް އޮށްޓަރެއް ނެތެއް ނޫންތޯ،" ފައްޔާޒު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު