ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ނިންމާފައިވާ ނިންމުމާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތަށް ގެއްލުންވާނެ ކަމަށް ނުބެލެވޭ ކަމަށް ޓޫރިސްޓް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ބުނެފިއެވެ.
ޓީމުން އެގޮތަށް ބުނެފައި މިިވަނީ ޓެކްސް ބޮޑުކުރުމުގެ ސަބަބުން އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި އެކަނިވެސް ފަތުރުވެރިކަމުގެ ސިނާއަތައް 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ)ގެ ގެއްލުމާ ކުރިމަތިލާން ޖެހޭނެ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ބުނުމުންނެވެ.
ޓީމުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ޓެކްސް ބޮޑުކުރުމުގެ ސަބަބުން ބުކިންތައް ކެންސަލްވާނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ ސާވިސްޗާޖް 2،000 ރުފިޔާއަށް ކުޑަވާނެ ކަމަށް މަޓާޓޯއިން ބުންޏަސް ޓެކްސް ބޮޑުކުރުމުގެ ސަބަބުން މުވައްޒަފުންގެ ސާވިސްޗާޖަށް ބަދަލެއް އަންނާނެ ކަމަށް ގަބޫލުނުކުރާ ކަމަށް ޓީމުން ބުންޏެވެ.
"އެފަދަ ބަދަލެއް ނާންނާނެ ކަމަށް ދެކެނީ މީގެ ކުރިންވެސް ޓެކްސް ބޮޑުކުރި އިރު، ބުކިންތަކަށް އެފަދަ ބަދަލެއް އައިސްފައިނުވާތީ. އެހެން ނަމަވެސް މި ބަދަލާ ގުޅިގެން ޓުއާ އެޖެންޓުންނާއި ޓޫރިސްޓް އޮޕަރޭޓަރުންގެ ފައިދާއަށް ކޮންމެވެސް ވަރެއްގެ އަސަރެއް ކުރާނެ ކަމަށް މި ޖަމިއްޔާއިން ގަބޫލުކުރަން،" ޓީމްއިން ބުންޏެވެ.
ޓީމުން ބުނީ، ސަރުކާރުގެ އާމްދަނީ އާއި އިގުތިސޯދީ ހާލަތު ރަނގަޅުކުރުމަށް އަދި މުވައްޒަފުންގެ މުސާރަ އިތުރުކޮށް، ރައްޔިތުން ބޭނުންވާ އަސާސީ ހިދުމަތްތައް ދިނުމަށް ޓެކްސް ބޮޑުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. ފަތުރުވެރިންގެ އަތުން ނަގާ ޓީޖީއެސްޓީ އިތުރުކުރުމާއި ބީޕީޓީ އަދި އިންކަމް ޓެކްސް ނަގާ މިންވަރު އިތުރުކުރުމަކީ މުޅި ގައުމުގެ އިގުތިސޯދު ކުރިއަށް ގެންދިޔުމަށް މުހިންމު ކަމެއް ކަމަށް ޓީމުން ބުންޏެވެ.
ޓެކްސް ބޮޑުކުރުމުގެ ބަދަލާއެކު ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނަން ޖެހޭނެ ކަމަށާއި ސަރުކާރުން އެފަދަ ސިޔާސަތެއް ކުރިއަށް ގެންދާނަމަ، އެކަމަށް ފުރިހަމައަށް ތާއިދުކުރާނެ ކަމަށް ޓީމުން ބުންޏެވެ.
މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ގެނައި އިސްލާހާއެކު އަންނަ ޖަނަވަރީ މަހުން ފެށިގެން ޓޫރިޒަމްގެ ހިދުމަތް ދޭ ތަންތަނުން ނަގާ ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް އަދި ޖީއެސްޓީ 6 ޕަސަންޓުން 8 ޕަސަންޓަށް ބޮޑުވާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު