ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އޮންނާނެ އެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ވެސް ކުރިޔަށް އޮތް ދެތިންމަހެއްހާ ދުވަސް ތެރޭގައި އޮންނާނެ އެވެ. ސިޔާސީ ދިރާސާވެރީން ބުނާގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެ ޕްރައިމަރީ ބޮޑުތަނުން ކާމިޔާބުކުރައްވާނެ އެވެ. އެކަމުގައި އެމަނިކުފާނަށް އެއްވެސް ޗެލެންޖެއް ނެތެވެ. ވާދަކުރައްވާނެ ކަމަށް ވިދާޅުވެވިފައި އޮތް ނަމަވެސް، ރައީސް ނަޝީދަށް ވެސް މޮޅު ގޮތަކަށް ވާނީ އެކަމާ ނޫޅުއްވުން ކަމަށް ބުނާ ބަޔަކު އުޅެއެވެ.

ރައީސް ސޯލިހަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ކަމަށް ސަރުކާރުގެ ބޮޑުންވެސް ތިއްބެވީ ނިންމައިގެންނެވެ. ނަން ހިނގާ "ހަރު" ވަޒީރުން އެ ތިއްބެވީ ރައީސް ސޯލިހު އެންޑޯޒްވެސް ކުރައްވައިގެންނެވެ. އެނޫންވެސް ޕާޓީއަށް "ގަދަ" އެތައް ބަޔަކަށް ކަމުދަނީ ރައީސް ސޯލިހެވެ. ވަރަށް ގިނަ ސަބަބު ތަކަށް ޓަކައި އިބޫއަށް އިތުރު ދައުރެއް ދޭން ޖެހޭ ކަމަށް ވަކާލާތުކުރާ މީހުންވެސް މަދެއް ނޫނެވެ. އެކަމަކު ޕާޓީން އޮތީ މި މައްސަލައިގައި ރަސްމީ ބަސް ބުނެފައެވެ. އޮންނާނީ ޕްރައިމަރީ އެވެ. ޓިކެޓް ލިބޭނީ ޑިމޮކްރެޓިކް ހަމައިންނެވެ. ކޮންމެ ގޮތަކަށް އޮތަސް، އެމްޑީޕީގެ ރިޔާސީ ޓިކެޓު ރައީސް އިބޫ ނޫން ބޭފުޅަކަށް ލިބުމުގެ ފުރުސަތު ނެތް ކަމަށް ނިންމައިގެން ތިބި މީހުން ގިނައެވެ.

މި ސަބަބުތަކާއި އެކު އެމްޑީޕީގެ އެތެރޭގައި މިހާރު ހޫނު ބަހުސް ހިނގަނީ ރަނިންމޭޓާ މެދުގައެވެ. ބޭރަށް ވެސް މި އަޑު ނުކުމެއްޖެއެވެ. ރައީސް ސޯލިހަކީ ވާހަކަ މަދު ބޭފުޅެއްކަމުން އެ މަނިކުފާނުގެ ދޫފުޅުން ރަނިންމޭޓުގެ ހިންޓެއް އަވަހަކަށް ނުލިބޭނެ އެވެ. އޮތް ގޮތަކީ އެކި ކަހަލަ ތިއަރީ ތަކާއި ޗޮއިސް ތަކަށް ބެލުމެވެ. ކޮންމެވެސް ސަބަބުތަކަކާ ހެދި އަމިއްލައަށް މި ވާހަކަ ނުދެއްކި ނަމަވެސް، މި އެދުމާއިގެން އުޅުއްވާ ބޭފުޅުން މަދެއް ނޫނެވެ. އެކަކު އަނެކަކަށް ހުރަސް އަޅާ ކަމުގެ ތުހުމަތުތައް ވެސް އިވެމުން އެބަދެއެވެ.

ރަނިންމޭޓު ލިސްޓުގެ އެންމެ ކުރީގައި ނަން އޮތް ބޭފުޅަކީ ރައީސް އިބޫގެ ސަރުކާރުގެ "ބްރޯ" ގެ ނަމުން މަޝްހޫރުވެ ވަޑައިގެންފައިވާ ފައްޔާޒް އިސްމާއީލް އެވެ. ފައްޔާޒަކީ ރައީސް ސޯލިހުގެ ކަނާއަތެވެ. އެ މަނިކުފާނުގެ ސަރުކާރު ހިފަހައްޓައިދޭ މައި އެއް ތަނބެވެ. ޖެހިލުން ކުޑަ، ތަސައްރަފު ފުދިވަޑައިގެން ހުންނެވި ސިޔާސީ ލީޑަރެކެވެ. އެމްޑީޕީގެ މެންބަރުންގެ ބޮޑު ތާއިދާއެކު "ޕާޓީ ހިންގާލަން" ޗެއާޕާސަން ކަމާ ހަވާލުވެވަޑައިގެންނެވީ އިހަށްދުވަހުއެވެ. މި ސަބަބުތަކަށް ބަލާއިރު ފައްޔާޒަކީ ރައީސް ސޯލިހުގެ ނައިބު ރައީސް ކަމަށް އެންމެ އެކަށީގެންވާ އެއް ނަމަށް ނުވާންވީ ސަބަބެއް ނެތެވެ. އެކަމަކު ސުވާލަކީ މިކަން މި މަގުން ހިނގައިފާނެތޯ އެވެ؟

ރަނިންމޭޓު ކަމާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން ފައްޔާޒް "ވަން" އަށް ދެއްވީ ސީދާ ނޫން ކުރު ޖަވާބެކެވެ. ވިދާޅުވީ "ތީ އަދި މާ ފަހުގެ ކަމެއް" ކަމަށެވެ.

އެހެން ނަމަވެސް، ފައްޔާޒްގެ ވަރަށް އަރިސް ބޭފުޅަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވީ ރަނިންމޭޓް ކަމަށް ފައްޔާޒްގެ ޝައުގުވެރިކަމެއް ނެތް ކަމަށެވެ. އެއީ ފައްޔާޒުގެ އެކްޓިވް ސިޔާސީ ލީޑަޝިޕަށް ބުރޫ އަރައި، މީހާ މައިދާނުން ގެއްލިގެން ހިނގައިދާނެ ސަބަބެއް ކަމަށެވެ.

"ރަނިންމޭޓަކީ ސެރެމޯނިއަލް މަގާމެއް. ފަޔާގެ ޝައުގުވެރިކަމެއް ނެތް. ފަޔާއަކާ ނުވެސް ގުޅޭ." ފަޔާގެ ސިޔާސީ ކަންކަމުގައި އިސް ދައުރެއް އަދާކުރައްވާ އެ ބޭފުޅާ އޭނާ ދެކެވަޑައިގެންނަވާ ގޮތް ވިދާޅުވި އެވެ.

ފަޔާ ގެއްލުން ކަމަށް އޭނާ އެ ވިދާޅުވަނީ ނައިބު ރައީސުންގެ ޒިންމާ އާއި އަދާކުރައްވާ ދައުރަށް ބަލައިފައެވެ. ފަހުގެ ތާރީހަށް ބަލާއިރު، ރައީސް ޔާމީނުގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު، ރައީސް ނަޝީދުގެ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު، ރައީސް ވަހީދުގެ ނައިބު ރައީސް މުހައްމަދު ވަހީދުއްދީން އަދި މިހާރުގެ ރައީސް، ރައީސް ސޯލިހުގެ ނައިބު ރައީސް، ފައިސަލް ނަސީމަށް އިޝާރާތް ކުރާ ނަމަ އެފަދަ ގޮތަކަށް ވިސްނިދާނެ އެވެ. އެހެން ނަމަވެސް، ރައީސް ޔާމީނުގެ ވެރިކަމުގައި ނައިބު ރައީސް ކަމުން ޑރ. ޖަމީލު ވަކިކުރުމަށްފަހު، އަހުމަދު އަދީބަށް އެ މަގާމު ދެއްވީ ތަފާތުކޮށެވެ. ނައިބު ރައީސް ކަމުގައި ހުންނެވި އިރު ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ އަދި އެނޫންވެސް ސަރުކާރުގެ މުޅި ނިޒާމުގެ ކޮންޓްރޯލު ދެއްވާފައި އޮތީ އަދީބަށެވެ. ސަރުކާރު ހިންގަވަމުން ގެންދެވީ އަދީބެވެ. ވީމާ ބާރުވެރިކަމާ އެކު ނައިބުކަން ލިބުމުން އެބުނާ ސެރެމޯނިއަލްކަން ވެސް ކެނޑެއެވެ.

ރައީސް ސޯލިހުގެ ފޮރިން މިނިސްޓަރު، އަދި ސަރުކާރުގައި ހުންނެވި އެންމެ ވަރުގަދަ ޑިޕްލޮމޭޓު އަބްދުﷲ ޝާހިދަކީ ވެސް ރަނިންމޭޓުކަމަށް ޝައުގުވެރި ބޭފުޅެއް ކަމަށް އިވެއެވެ. ތެދެއްތޯ ސުވާލު ދެންނެވުމުން މެސެޖު ވިދާޅުވެފައި ޖަވާބެއް ނުދެއްވައެވެ. ނޫސްވެރިކަމުގައި ގެންގުޅޭ އެއް ހަމައިގައި، އެއީ "އާނއެކޭ" އެވެ. ނޫނެކޭނަމަ ސާފުކޮށް "ނޯ" ވިދާޅުވާނެ އެވެ.

އަބްދުﷲ ޝާހިދަކީ ވެސް އިބޫގެ ރަނިންމޭޓު ކަމަށް ރަނގަޅު ޗޮއިހެއް ކަމަށް ދެކޭ މީހުން މަދެއް ނޫނެވެ. ތައުލީމީ ފެންވަރު އެބަ ހުއްޓެވެ. ޑިޕްލޮމަސީގައި ރާއްޖޭގެ އެއްވަނަ އެވެ. ރާއްޖެއިން ހޮވައިދިން އދ ގެ މަގާމާ އެކު، ބައިނަލްއަގުވާމީ ދުނިޔޭގައިވެސް ނަން ހިނގައެވެ. ވީމާ ޝަރުތުގެ ގޮތުން ބަލާއިރު ގޯހެއް ނެތެވެ. އޮތީ ރައީސް ސޯލިހު ވިސްނަވާ ގޮތެވެ. ފައިދާ ބޮޑީ ފޮރިން މިނިސްޓަރު ކަމުގައި ބެހެއްޓުންތޯ އެވެ. ނައިބު ރައީސްކަން ދިނުމުން ޝާހިދުގެ ކޮލިޓީގެ ބޭނުން އެންމެ ރަނގަޅަށް ހިފޭނެތޯއެވެ؟

ސިޔާސީ ޕާޓީ ތަކުގެ އެންމެ އިސް ލީޑަޝިޕުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅަކު ވިދާޅުވީ، ޝާހިދަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށްވެސް ޝައުގުވެރިކަން ހުންނަ ބޭފުޅެއް ކަމަށެވެ. އެހެންވީމާ ނައިބު ރައީސް ކަމަށް ވަޑައިގަނެގެން އެ މަގަށް ފުރުސަތު ފަހި ވާނީތޯ ނުވަތަ ހަނިވާނީތޯ ޝާހިދު ވިސްނަވާނެ އެވެ. އެހެންވީމާ ނައިބު ރައީސަކަށް ވަޑައިގަތަސް ޝާހިދު "ކަންޑިޝަން" ހުންނާނެ އެވެ.

"ނައިބު ރައީސްކަން ކުރުން މި ވަނީ ފާޑެއްގެ ކަމަކަށް. އެކަން ކޮށްފަ ރައީސް ކަމަށް އާދެވުނު މީހަކު ނެތް. ޑރ. ވަހީދު ވެސް ވެރިކަމަށް އައީ އެހެން ބައެއްގެ އެހީއާއެކު. އެއީ ތަފާތު ކަމެއް. އަނެއްކާ ނައިބުން ލާއިރު ރިޔާސީ ކެންޑިޑޭޓު ނިކަން ސީރިއަސްކޮށް ވިސްނަންވެސް ޖެހޭ. އަބަދު މި އޮންނަނީ ބަގާވާތުގެ ތުހުމަތު. ވެރިކަން ވައްޓާލުމުގެ ބިރު. އެހެންވީމާ މަޑުމަޑުން ބަސް އަހައިގެން ހުންނަ ކަހަލަ މީހަކުވެސް މުހިންމު އެބަވޭ." ސިޔާސީ ތަޖުރިބާކާރު އޭނާގެ ހިޔާލު ހިއްސާކުރެއްވިއެވެ.

އެމްޑީޕީގެ ޒަމާންވީ ލޯޔަލިސްޓް، މަޖިލިސް މެންބަރު، އަދި ޕީޖީ ލީޑަރު، މުހައްމަދު އަސްލަމަކީ ވެސް ރައީސް ސޯލިހުގެ ރަނިންމޭޓުގެ ލިސްޓުން ޖާގަ ލިބިވަޑައިގަންނަވާ ބޭފުޅެކެވެ. ސިޔާސީ ތަޖުރިބާ ބޮޑު ބޭފުޅެކެވެ. ރާއްޖޭގެ އެންމެ ސީނިއަރ އެއް މަޖިލިސް މެންބަރެވެ. މަޖިލީހުގެ 241 ކޮމެޓީގެ ވެސް މުގައްރިރެވެ. ސިޔާސީ ނިންމުންތައް ނިންމެވުމުގައި ބަސް މަދު އަމަލު ގިނަ ބޭފުޅެކެވެ. ރައީސް ސޯލިހަށް އަސްލަމް މުހިންމު ވެދާނެ އެއް ސަބަބަކީ އައްޑޫ ސިޓީގެ ތާއީދެވެ. އަސްލަމަކީ އެ ސިޓީގެ އެންމެ ތާއީދު ބޮޑު އެއް ލީޑަރެވެ. އެހެން ކަމުން ކައިރީގައި އޮތް ފުވައްމުލަކު ސިޓީން އައްޑޫ ސިޓީއަށް މި މަގާމު ދިއުމަކީ ވެސް ފޯމިއުލާއެކެވެ.

އަސްލަމް ވިދާޅުވީ، ރަނިންމޭޓު ކަމަކީ އަދި ވިސްނާފައި އޮތް ކަމެއް ނޫން ކަމަށާއި ރައީސް ސޯލިހު އެފަދަ ފުރުސަތެއް ހުށަހަޅުއްވައިފި ނަމަ ވިިސްނަވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.

"ތިކަމާ އެއްވެސް ވަރަކަށް ވިސްނާފައެއް ނެތް. އެކަމަކު ރައީސް އޮފާ ކުރައްވައިފި ނަމަ ވިސްނަން ޖެހޭނެ. އެއީ ރައީސުލްޖުމްހޫރިއްޔާ. އަޅުގަނޑު މިހުރީ އިބޫ އެންޑޯޒްވެސް ކޮށްގެން، ފުރިހަމައަށް ތާއީދުވެސް ކޮށްގެން. މިވަގުތު އެންމެ މުހިންމީ އިބޫ ވެރިކަމަށް ގެނައުމަށް ކުރާން ޖެހޭ ކަންކަން ކުރުން." އަސްލަމް ވަން އަށް ވިދާޅުވި އެވެ.

އެމްޑީޕީ ތެރެއިން ރަނިން މޭޓު ކަމަށް ޝައުގުވެރިވާ ބޭފުޅުންތަކެއް ތިއްބެވި ނަމަވެސް، ރައީސް ސޯލިހު ވިސްނައިވަޑައިގަންނަވާން ޖެހިވަޑައިގަންނަވާނެ އެހެން ކަމެއް ވެސް އެބަ އޮތެވެ. އެއީ މިހާރުވެސް މި އޮތް ހާލަތެވެ. ކޯލިޝަން ވެރިކަމެއް އަންނަ ނަމަ، އެމީހުންގެ ތެރެއިން ނައިބު ކަމަށް ޑިމާންޑް ކުރާނެއެވެ. މިހާރުގެ ނައިބު ރައީސް ފައިސަލް ނަސީމަކީ ކޯލިޝަންގެ ދެވަނައަށް އެންމެ ބޮޑު ބައިވެރިޔާ، ޖުމުހޫރީ ޕާޓީއަށް އޮތް ފުރުސަތުގެ ދަށުން ދިން ނަމެކެވެ. މި ހާލަތަކީ ވެސް އަތުވެދާނެ ހާލަތެއްތޯ ވިސްނައިލާން ޖެހެ އެވެ. ގިނަ ބަޔަކު އިއްތިފާގުވާ ގޮތުގައި، އަންނަ އަހަރުގެ ރިޔާސީ އިންތިހާބުވެސް ކޯލިޝަނަކާ ނުލައި ކާމިޔާބެއް ނުކުރެވޭނެ އެވެ. ދެން އޮންނާނެ ގޮތަކީ، ކޯލިޝަން ހެދިޔަސް ނައިބު ރައީސް ކަން ކޯލިޝަން ޕާޓްނަރަކަށް ނުދިނުމެވެ.

މިހާރު އިއުލާނުކޮށްފައިވާ ގޮތުން ނަމަ، ޖޭޕީންވެސް ރިޔާސީ ރޭހަށް ނުކުންނާނެ އެވެ. ދެވަނަ ބުރަކަށް ދަނީ އެމްޑީޕީއާއި ޕީޕީއެމް ކަމަށް ވެއްޖެ ނަމަ، ބެލެވޭ ގޮތުގައި ޖޭޕީން ކޯލިޝަން ހަދާނީ އެމްޑީޕީއާއެވެ. ވަކި ނުކުރައްވައިފި ނަމަ، އަންނަ ދައުރުގެ އާ ރައީސް ހުވައި ކުރެއްވުމާއި ހަމަޔަށް ރައީސް ސޯލިހުގެ ކެބިނެޓުގައި ޖޭޕީ ތަމްސީލުކުރައްވާ ވަޒީރުންވެސް ތިއްބަވާނެ އެވެ. ސިޔާސީ އިސް މަގާމުތަކުގައިވެސް ތިއްބަވާނެ އެވެ. އެހެންވީމާ ކޯލިޝަން ހެދުން ބުރަވާނީ ރައީސް ސޯލިހާ އެކުގައެވެ. ޕުރެޝަރު ހުންނާނީ އެގޮތަށެވެ.

ނައިބު ރައީސް ކަމުގެ ސްލޮޓް ޖޭޕީއަށް ލިބިއްޖެ ނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ އެ ޕާޓީގެ އިސް އޮފިޝަލަކު ވިދާޅުވީ ދެވަނަ ދައުރެއްގައި ފައިސަލް ނަސީމަށް އެ ފުރުސަތު ދިނުމަކީ ދުރު ކަމެއް ކަމަށެވެ. އޭގެ ބަދަލުގައި، ޕާޓީގެ ލީޑަރު އެ ފުރުސަތު އަމީން އިބްރާހީމަށް ދެއްވުން ގާތްކަމަށް ވެސް ވިދާޅުވި އެވެ. އަމީނަކީ ޖޭޕީގެ އެންމެ ދުވަސްވީ އެއް ނައިބު ލީޑަރު ކަމަށާއި ޕާޓީ ބެލެންސްކޮށް ހިންގެވުމުގައި ލީޑަރާއި މެންބަރުންގެ އިތުބާރު އަމީނަށް އެބައޮތް ކަމަށް ވެސް ވިދާޅުވި އެވެ. އެއީ ތެދަކަށް ވެދާނެ އެވެ. ރާއްޖެއިން ބޭރުގައި އެތައް އަހަރެއް ވާންދެން ހުންނެވުމަށްފަހު، އަމީން ރާއްޖެ ވަޑައިގެންނެވި ދުވަހު މަރުހަބާ ދެންނެވުމަށް ސީދާ ގާސިމް އިބްރާހީމް ވަނީ އެއާޕޯޓަށް ވަޑައިގެންފައެވެ. އެއީ މެސެޖެކެވެ. އެހެން ނޫން ނަމަ އަމީނަށް މަރުހަބާ ދަންނަވަން ގާސީމް ވަޑައިގެން އެއާޕޯޓަކު ނުހުންނަވާނެ އެވެ.

އެހެން ނަމަވެސް ސިޔާސީ ތަޖުރިބާކާރަކު ފާހަގަކުރެއްވި ގޮތުގައި، ފައިސަލް ނަސީމަކީ ރާއްޖޭގައި އެންމެ ފުރިހަމަކޮށް ޒިންމާ އަދާކުރެއްވި ނައިބު ރައީސެވެ. ރައީސުލް ޖުމްހޫރިއްޔާ އަށް އިތުބާރު ކުރެވޭނެ މަގުން ކަންކަން ހިންގެވުމުގައި ފައިސަލްގެ އޮތީ ރަނގަޅު ޓްރެކް ރެކޯޑެއް ކަމަށެވެ. އިތުބާރު ދަމަހައްޓަވައިފައެވެ.

ކޮންމެއަކަސް، ރައީސް ސޯލިހުގެ ރަނިންމޭޓްކަމަކީ ހިހޫ މައުޟޫއަކަށް ނުވާނެ އެވެ. މި ބަހުސްގައި ހޫނުކަމެއް ހުންނާނެއެވެ. ހުޅުވެސް ފަޅާނެ އެވެ. އެކަމަކު މައިތިރިވާނެ އެވެ. ހިހޫ ކުރުމުގެ ހުރިހާ މައިތިރިއެއް ރައީސް ސޯލިހު ދެނެވަޑައިގަންނަވާނެ އެވެ. ރައީސް ސޯލިހަކީ މައިދާނުގައި ހުންނެވި ސިޔާސީ ގޮތުން އެންމެ ތަޖުރިބާކާރު އެއް ލީޑަރެވެ. ކަންކަން ނިންމެވުމުގައި ޓެސްޓު ކުރައްވަމުން، ނަތީޖާއަށް ބައްލަވަމުން ކުރިޔަށް ވަޑައިގަންނަވާ ބޭފުޅެކެވެ. ރަނިންމޭޓްގެ މަގާމަކީ ސީދާ އެ މަނިކުފާނު ނިންމަވާން އޮތް ކަމެކެވެ. ޝައްކެއް ނެތެވެ. ވަރަށް ގިނަ ގޮތް ގޮތަށް ވިސްނަވާނެ އެވެ.