ޕާޓީ ބަދަލުކުރުމާ ގުޅިގެން ވ. ތިނަދޫ ކައުންސިލު ރައީސްގެ ގޮނޑި ގެއްލުނު ޝުޖާއު އަލީއަށް، ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު ލިބިއްޖެއެވެ.

ހުސްވެފައިވާ ވ. ތިނަދޫ ކައުންސިލްގެ ރައީސްގެ މަގާމުގެ އިތުރުން ހއ. ވަށަފަރު، ވ. ތިނަދޫ، ނ. ކުޑަފަރީ އަދި ސ. ހުޅުދޫގެ އަންހެނުންގެ ކޮމިޓީ މެންބަރުގެ ބައި-އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައިވަނީ އަންނަ މަހުގެ 28 ގައެވެ.

މި މަގާމުތަކަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި ވ. ތިނަދޫ ކައުންސިލް ރައީސްގެ މަގާމާއި ވ. ތިނަދޫ އަންހެނުންގެ ކޮމިޓީގެ މެންބަރު އަދި ސ. ހުޅުދޫ އަންހެނުންގެ ކޮމިޓީގެ މެންބަރު ކަމަށް ޓިކެޓު ހޯދުމަށް ވަނީ ކުރިމަތިލައިފައެވެ. ނަމަވެސް އެންމެ ފަރާތަކުން ކުރިމަތިލާފައިވުމުން، ވ. ތިނަދޫ ކައުންސިލް ރައީސްގެ މަގާމާއި އެ ރަށު އަންހެނުންގެ ކޮމިޓީގެ މެންބަރުކަމުގެ ޓިކެޓު ވަނީ ކަށަވަރުވެފައެވެ.

އެމްޑީޕީން އިއްޔެ ނެރުނު އިއުލާނެއްގައިވާ ގޮތުން، ވ. ތިނަދޫ ކައުންސިލުގެ ރައީސްގެ މަގާމަށް ވާދަކުރުމަށް އެމްޑީޕީގެ ޓިކެޓު ކަށަވަރުވީ ދަ ޑިމޮކްރެޓްސްއިން އިންތިހާބުވުމަށްފަހު، އެމްޑީޕީއަށް ގުޅުމާއެކު ގޮނޑި ގެއްލުނު ވ. ތިނަދޫ، ދިލްބަހާރުގެ، ޝުޖާއު އަލީއަށެވެ. އޭނާއަކީ ކުރިން ވ. އަތޮޅު ކައުންސިލުގެ ރައީސްގެ މަގާމު ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. ތިނަދޫ އަންހެނުންގެ ކޮމިޓީގެ މެންބަރުކަމުގެ ޓިކެޓު ކަށަވަރުވީ ވ. ތިނަދޫ، ހަތާ، ރިސްފާ ނަސީމަށެވެ.

ސ. ހުޅުދޫ އަންހެނުންގެ ކޮމިޓީގެ މެންބަރު ކަމަށް ވާދަކުރުމަށް އެމްޑީޕީގެ ޓިކެޓު ހޯދުމަށް ދެ މީހަކު ވަނީ ކުރިމަތިލައިފައެވެ. އެ މަގާމަށް ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓު ހޮވުމަށް ބާއްވާ ޕްރައިމަރީ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 ވަނަ ދުވަހުގެ މެންދުރުފަހު 2:30 އިން ރޭގަނޑު 8:00 އަށެވެ.

ސ. ހުޅުދޫ އަންހެނުންގެ ކޮމިޓީގެ މެންބަރުކަމަށް ވާދަކުރާ ކެންޑިޑޭޓު ހޮވުމަށް ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރާ ފަރާތްތައް:

  • ފާތިމަތު މުނީރު - ސ. ހުޅުދޫ، އަންބަރީގެ
  • ފާތިމަތު އިމްރަތު ޝަރީފް - ސ. ހުޅުދޫ، ލައިނޫފަރުގެ