ރަސްމާލޭގައި "މޯލްޑިވްސް މެރީނާ އެންޑް ވޯޓާ ފްރޮންޓް" ޕްރޮޖެކްޓް އީގަލްހިލްސްއާ އެކު ހިންގަން ނިންމީ، މާލިއްޔަތު ގަވާއިދުގައި ބުނާ، އަމިއްލަ ފަރާތްތަކުން އިސްނަގައިގެން ހުށަހަޅާ މަޝްރޫއުތަކާ ގުޅޭ އުސޫލުގެ ދަށުން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، އެ މަޝްރޫއާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ކުރެއްވި ސުވާލަަކަށް ލިޔުމުން ދެއްވި ޖަވާބުގައެވެ.

ކުޑޫ ސުވާލު ކުރައްވާފައިވަނީ "ރަސްމާލޭގެ ބޮޑު ސަރަހައްދެއް ޔޫއޭއީގެ އީގަލް ހިލްސްއަށް 99 އަހަރަށް ދިނުމަށް ނިންމެވި އިރު، އެހެން އިންވެސްޓަރުންނަށް ހުޅުވާލައިގެން އާއްމު ބީލަމަކަށް (އޯޕަން ބިޑިންއަށް) ނުދިޔައީ ކީއްވެތޯ؟" އެވެ.

ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ، 20 ބިލިއަން ޑޮލަރުގެ މި މަޝްރޫއާ ގުޅޭ ސުވާލުތަކެއް ހިމަނައި ކުޑޫ ފޮނުއްވި ސިޓީއާ ގުޅިގެން މިނިސްޓަރު ލިޔުމުން ދެއްވި ޖަވާބުގައި ވިދާޅުވެފައިވަނީ، އެ އެއްބަސްވުމުގައި ސޮއިކުރީ މާލިއްޔަތު ގަވައިދާ އެއްގޮތަށް ކަމަށެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި އަމިއްލަ ފަރާތްތަކުން އިސްނަގައިގެން މަޝްރޫއުތަކުގެ ޕްރޮޕޯސަލް ހުށަހަޅާނެ އުސޫލުތައް މާލިއްޔަތު ގަވައިދުގެ 10.22 މާއްދާގެ (ނ) ގައި އޮވެއެވެ.

އެއީ އާންމުކޮށް އެކި މަޝްރޫއުތައް ހިންގުމުގައި މިހާރުވެސް ރާއްޖޭގައި އަމަލުކުރަމުން އަންނަ އުސޫލެއް ކަމަށްވެސް ވިދާޅުވެފައިވެއެވެ.

އެގޮތުން އެ މަަޝަރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތު ގަވައިދުގެ 10.22 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އަމިއްލަ ފަރާތްތަކުން އިސްނަގައިގެން ހުށަހަޅާ މަޝްރޫއުތަކާ ގުޅޭ އުސޫލު (ޕީއެސްއައިޕީ އުސޫލު)ގެ ދަށުން ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

ރަސްމާލެ މަޝްރޫއާ ގުޅޭ އެނޫން ވެސް ގިނަ ސުވާލުތަކަކަށް މިނިސްޓަރު ވަނީ ޖަވާބުދެއްވައި އެކަންކަން ސާފުކޮށް ދެއްވައިފައެވެ. އަދި ބައެއް ސުވާލުތަކާ ގުޅިގެން މިނިސްޓަރު ވިދާޅުވީ މިހާރު ސޮއިކޮށްފައިވާ ކޮމާޝަލް ޓާމްސް އެއްބަސްވުމުގެ މައިގަނޑު މާއްދާތަކާ ބެހޭ ތަފްސީލު މިހާރު އާންމުވެފައިވާ ކަމަށެވެ.