ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ނިސްބަތްކޮށް، އެ މެންބަރުންނަކީ، ކުލީ މެމްބަރުން ކަމަށް، އަދި ބޮޓުން ކަމަށް ނުގޮވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީިމް އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލިސް ރައީސް މިހެން ވިދާޅުވީ، މެންބަރުންގެ ހެލްތު އިންޝުއަރެންސް ކަނޑާލަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޕެޓިޝަންގެ ބަހުސްގައި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހުމަދު ނަސީމު ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.

އެ ޕެޓީޝަންގެ ބަހުސްގައި ވާހަކަދައްކަވަމުން މީކާއީލް ވިދާޅުވީ، އެ ޕެޓިޝަނަށް ތައީދުކުރައްވާ ކަމަށާއި، އެފަދަ ޕެޓިޝަންތައް ހުށަހަޅާއިރު، މަޖިލިސް މެންބަރުންގެ އިނާޔަތްތަކާއި އިމްތިޔާޒުތަކާ ގުޅިގެން ރައްޔިތުން އުފައްދާ ކަންބޮޑުވުންތައް ބަލައިލާންޖެހޭ ކަމަށެވެ.

މީކާއީލް ވިދާޅުވީ، ރައްޔިތުންގެ ތެރެއިން އެފަދަ ކަންބޮޑުވުންތައް އަންނަނީ، މަޖިލިސް މެންބަރުންގެ ޕާފޯމަންސްއާ ގުޅިގެން ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުން ރައްޔިތުން އެދޭ ޕާފޯމަންސް ދައްކާނަމަ ލިބޭ މުސާރައެކޭވެސް ނުކިޔާނެ، އިނާޔަތްތަކުގެ ވާހަކައެއްވެސް ނުކިޔާނެ، އެކަންކަމާމެދު ރައްޔިތުންގެ ކަންބޮޑުވުމެއްވެސް ނޯންނާނެ،" އޭނާ ވިދާޅުވިއެވެ.

ނަމަވެސް މީކާއީލް ވިދާޅުވީ، މަޖިލީހަކީ ޕާފޯމަންސް ނުކުރެވޭ އަދި ރައީސް އޮފީހުގެ ކުޑަކުޑަ ޑެސްކަކަށް ބަދަލުވެފައިވާ ތަނެއްގެ ގޮތުގައި ރައްޔިތުންނަށް ފެންނަ ނަމަ، މެންބަރުންގެ މުސާރަ އާއިި އިނާޔަތާއި އިންޝުއަރެސް މަޖިލިސް މެންބަރުންނަށް ހައްގުކަމަށް ރައްޔިތުން ނުދެކޭނެ ކަމަށެވެ.

މީކާއީލް ވިދާޅުވީ، މަޖިލީހުގައި މެޖޯރިޓީއަކާއި މައިނޯރިޓީއެއް އޮންނަ އިރު، މައިނޯރިޓީގެ އަޑު އަހަންޖެހޭނެ ކަަމަށް ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދު ތަސައްވުރުކުރާ ކަމަށެވެ.

ނަމަވެސް ސަރުކާރުގެ ކުލީ މެންބަރުންގެ ގޮތުގައި ބްރޭންްޑް ވެފައި ތިބި މިނިވަން މެންބަރުން ލައްވައި އިދިކޮޅުގައި ތިބި މައިނޯރިޓީ މެންބަރުންގެ އަޑު ކަނޑުވާލަން މަސައްކަން ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތަށް މެންބަރު މީކާއީލް އިޝާރާތް ކުރެއްވީ، މަޖިލީހަށް ހުށަހަޅާ ގަރާރުތަކަށް ބަހުސް ކުރެވޭނީ މަޖިލީހަށް ބަލައިގަތުމަށްފަހު ކަަމަށް ކަނޑައަޅައި މަޖިލިސް ގަވާއިދު ބަދަލުކުރުމަށް ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރު ހުށަހަޅުއްވާފައވާ އިސްލާހަށެވެ.

ގަވާއިދުގެ 191 ވަނަ މާއްދާގައި މިހާރު އޮންނަނީ، މަޖިލީހުގައި ގަރާރުގެ މައްޗަށްވެސް ހިނގާނެ އުސޫލަކީ އާއްމު ގޮތެއްގައި ބިލުގެ މައްޗަށް ހިނގާ އުސޫލު ކަމަށެވެ. ނަމަވެސް މަޖިލީހުން ގަރާރު ފާސްވުމުން، ބިލު ތަސްދީގުކުރަން އޮންނަ އުސޫލުން ގަރާރު ތަސްދީގުކުރަން ފޮނުވަން ނުޖެހޭނެ ކަަމަށްވެސް ގަވާއިދުގައި ބުނެފައިވެއެވެ.

އެގޮތުގެމަތިން ގަރާރުތަކާ މެދު މިހާތަނަށް އަމަލު ކުރަމުން އައީ މެންބަރަކު ގަރާރެއް ހުށަހެޅުމުން، އެ ގަރާރުގެ ފުރަތަމަ ކިޔުން އިއްވައި، އެ ގަރާރުގެ އިބްތިދާއީ ބަހުސް ކުރިއަށްގެންދަން ހުޅުވައިލާގޮތަށެވެ. އެއަށްފަހު މަޖިލީހަށް ބިލު ބަލައިގަންނަ އުސޫލުން ގަރާރުވެސް މަޖިލީހަށް ބަަލއިގަނެ ދިރާސާ ކުރުމަށް ކަމާބެހޭ ކޮމިޓީއަށް އަންނަނީ ފޮނުވަމުންނެވެ.

ނަމަވެސް ގަވާއިދަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގައި ވަނީ، މަޖިލީހަށް ގަރާރު ބަލައިގަންނަން ވޯޓަށް އަހާނީ ގަރާރުގެ އިބްތިދާއީ ބަހުސް ފެށުމުގެ ކުރިން ކަމަށެވެ. ގަރާރު މަޖިލީހަށް ބަލައިނުގެންފިނަމަ އިތުރު ބަހުސެއް ނޯންނާނެ ކަމަށާއި، ގަރާރު ބާތިލުވީ ކަމަށްވެސް އިސްލާހުގައި ބުނެފައިވެއެވެ.

މަޖިލިސް ގަވާއިދަށް މި އިސްލާހު ގެންނަން ހުށަހަޅާފައި މިވަނީ، އީގަލް ހިލްސް ކުންފުންޏާއެކު ދިވެހި ސަރުކާރުން "ރަސްމާލެ" މަޝްރޫއާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުމުގެ އެންމެހައި ތަފްސީލުތައް ހާމަކުރުމަށް ގޮވާލައި، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި މީކާއީލު މިއަދު މަޖިލީހަށް ގަރާރެއް ފޮނުވާފައި ވަނިކޮށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ގަރާރުގެ ފުރަތަމަ ކިޔުން ވަނީ އިއްވައިފައެވެ.

މީކާއީލްގެ ވާހަކައިގައި ކުލީ މެންބަރުން ކަމަށް މުހާތަބު ކުރި ހިސާބުން، ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު ނިޒާމީ މައްސަލައެއް ނަންގަވައި، އެކަން މަޖިލިސް ޖަލްސާގެ ރިޔާސަތުގެ ސަމާލުކަމަށް ގެންނެވިއެވެ.

އެ ނިޒާމީ ނުކުތާ ރިޔާސަތުން މަޖިލިސް ރައީސް ބަލައިގަނެ، މެންބަރުން ވާހަކަ ދައްކަވާއިރު މަޖިލިސް މެންބަރުންނަށް ހުތުރުވާގޮތަށް، ނޫނީ މެންބަރުން ބަދުނާމުވާގޮތަށް ހަގީގަތާ ހިލާފު ވާހަކަ ނުދެއްކެވުމަށް އެދިވަޑައިގެންނެވިއެވެ.

އެކަމާ ގުޅިގެން މީކާއީލް ވިދާޅުވީ، މަޖިލިސް މެންބަރުންގެ ކަރާމާތް ނަގައިލައްވަނީ މެންބަރުން އަމިއްލައަށް ކަމަށެވެ. އެއާއެކު މަޖިލިސް ގަވާއިދަށް ގެންނަން ހުށަހެޅި އިސްލާހާއި، އެ ޕެޓިޝަނާ ގުޅުންހުރި ކަމަށް މީކާއީލް ވިދާޅުވިއެވެ.

މީކާއީލް ވިދާޅުވީ، ޒަމާނުއްސުރެ މަޖިލިހަށް ހުށަހަޅާ ގަރާރުތަކަށް އަމަލުކުރަމުން އަންނަނީ ގަވާއިދުގައި އޮންނަ ގޮތަށް ބިލުތަކަށް އަަމަލު ކުރާ އުސޫލުން ކަަމަށެވެ. ނަމަވެސް މިހާރު އޮތް 20 ވަނަ މަޖިލީހުގައި ހިމެނެނީ މުޅިންވެސް ބޮޓުން ކަަމަށް ވިދާޅުވިއެވެ.

އެ ހިސާބުން މީކާއީލްގެ ވާހަކަ ހުއްޓުވައި، ރިޔާސަތުން މަޖިލިސް ރައީސް އަބްދުއްރަހީމް އެދިވަޑައިގަތީ، ރިޔާސަތުން މީކާއީލްގެ ވާހަކަ އެގޮތަށް ނުގެންދެވުމަށް އެދޭ ކަަމަށެވެ. އަދި ބައުންޑަރީ ތެރޭގައި ވާހަކަފުޅު ބައްޓަން ކުރެއްވުން ރަނގަޅުވާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެއަށްވުރެ ބޭރަށް ވާހަކަދައްކާނަމަ ހުއްޓުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"މަޖިލިސް މެންބަރުންނަށް ނިސްބަތްކޮށް ބޮޓުންނޭ ވިދާޅެއް ނުވެވޭނެ، އަދި ކުލީ މެންބަރުންނޭވެސް ވިދާޅެއް ނުވެވޭނެ. އެ ހިސާބަށް ދަންޏާ ޖެހޭނީ ވާހަކަ ހުއްޓުވަން،" އަބްދުއްރަހީމް ވިދާޅުވިއެވެ.

މަޖިލިސް ރައީސްގެ އެ ވާހަކައާ ގުޅިގެން މީކާއީލް ވިދާޅުވީ، އޭނާ މަޖިލިސް މެންބަރުން ސިފަކުރަން ބޭނުންވާ ގޮތް ހުއްޓުވުމަކީ މަޖިލިސް ރައީސަށް އޮތް ހައްގެއް ނޫން ކަމަށެވެ.