ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ޔުވެންޓަސް ކެޓި އިރު، ޕީއެސްޖީން މެކާބީ ހައިފާ ކޮޅަށް 7 ގޯލު ޖަހައިފިއެވެ.
ޗެމްޕިއަންސް ލީގުގެ ގްރޫޕް އެޗްގައި ރޭ ޔުވެންޓަސް ރަށުން ބޭރުގައި ބެނިފީކާ ކައިރިން ބަލިވީ 4-3 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު 2013-14 ވަނަ އަހަރުގެ ސީޒަނަށްފަހު، ޔުވެންޓަސް ވަނީ ފުރަތަމަ ފަހަރަށް ގްރޫޕް ސްޓޭޖުން ކަޓައިފައެވެ. އެ ގްރޫޕުގެ އެއްވަނައިގައި ފައިދާ ގޯލުގެ ތަފާތުން އޮތް ޕީއެސްޖީން ރޭ އަމިއްލަ ދަނޑުގައި އިސްރާއީލް ހައިފާ ބަލިކުރީ 7-2 ގެ ނަތީޖާއަކުންނެވެ.
މިހާތަނަށް ކުޅުނު ފަސް މެޗުން ޕީއެސްޖީއާއި ބެނިފީކާވެސް 11 ޕޮއިންޓް ހޯދާފައިވާ އިރު، ދެޓީމަށްވެސް ވަނީ ގަދަ 16 ޔަގީން ވެފައެވެ. ދެން ކޮންމެ ޓީމަކަށްވެސް ބާކީ މެޗެއް އޮތް އިރު، ދެން އޮތް މެޗުތަކުން ގްރޫޕުގެ އެއްވަނަ ޔަގީން ވާނެއެވެ. ޔުވެންޓަސް ތިންވަނައިގައި އޮތީ ފަސް މެޗުން ތިން ޕޮއިންޓާ އެކުގައެވެ. ހައިފާއަށްވެސް ފަސް މެޗުން ތިން ޕޮއިންޓް ލިބިފައިވާ އިރު، ޔުވެންޓަސްއިން ޔޫރޮޕާއަށް ދާންވެސް ފަހު މެޗުން މޮޅުވުން މުހިއްމެވެ.
ރޭގެ މެޗުގެ 17 ވަނަ މިނެޓުގައި އެންޓޯނިއޯ ސިލްވާ ޖެހި ގޯލުން ބެނިފީކާ ލީޑު ނެގި އިރު، އޭގެ ފަސް މިނެޓް ފަހުން މޮއިސް ކީން ޔުވެންޓަސްއަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. އެހެން ނަމަވެސް ދެން ފެނުނީ ބެނިފީކާއިން އިތުރު ތިން ގޯލު ޖެހިތަނެވެ. އޭގެ ތެރެއިން ދެ ގޯލު ފުރަތަމަ ހާފު ނިމުމުގެ ކުރިން އެޓީމުން ޖެހިއެވެ. އެ ގޯލުތައް ޖަހައިދިނީ ޖާއޯ މާރިއޯ އަދި ރަފާ ސިލްވާއެވެ.
ދެވަނަ ހާފުގައި ސިލްވާގެ އިތުރުން ގޯލަކާއެކު ބެނިފީކާއިން ނަތީޖާގެ ފަރަގު ބޮޑުކުރިވެސް މެއެވެ. ޔުވެންޓަސްއިން ގަދަ 16ގެ އުންމީދު ދަމަހައްޓަން ކުރި މަސައްކަތުގައި އަރްކަޑިއުސިޒް މިލިކާއި ވެސްޓޮން މެކެނީ ޖެހި ގޯލުތަކުން ނަތީޖާގެ ފަރަގު ކުޑަކުރި ނަމަވެސް މެޗުން ޕޮއިންޓެއްވެސް ލިބޭ ގޮތެއް ނުވިއެވެ.
ޕީއެސްޖީން ތަފާތު ރޫހެއްގައި ރޭގެ މެޗުގައި ފެނުނު އިރު، ފުރަތަމަ ހާފުގައިވެސް ހަތަރު ގޯލު ޖެހިއެވެ. އޭގެ ތެރެއިން ދެ ގޯލު ޖެހީ ލިއޮނެލް މެސީއެވެ. އޭނާގެ ކެރިއަރުގައި ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި މިހާތަނަށް 80 ގޯލު ޖަހައިފައިވާ އިރު، އެއީ ތާރީހުގައިވެސް ގްރޫޕް ސްޓޭޖުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ. މެސީއާ އެންމެ ގާތުން އެ ރެކޯޑަށް ވާދަކުރާ ކްރިސްޓިއާނޯ ރޮނާލްޑޯއަށް މިހާތަނަށް ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ޖެހިފައި ވަނީ 73 ގޯލެވެ.
ފުރަތަމަ ހާފުގައި ޕީއެސްޖީން ޖެހި އަނެއް ދެ ގޯލު ޖަހައިދިނީ ކިލިއަން އެމްބާޕޭއާއި ނޭމާއެވެ. އޭގެ ތެރެއިން ނޭމާގެ ގޯލަށް އެސިސްޓްވެސް ކޮށްދިނީ މެސީއެވެ. މެޗުގައި ހައިފާއިން ޖެހި ދެ ގޯލުވެސް ޖަހައިދިނީ އަބްދުލާއީ ސެކެވެ. އެއީ ފުރަތަމަ ހާފު ނިމެން ދަނިކޮށް ޖެހި ގޯލަކާއި ދެވަނަ ހާފުގެ ކުރީކޮޅުގައި ޖެހި ގޯލެކެވެ.
ޕީއެސްޖީން ދެވަނަ ހާފުގައި ތިން ގޯލު ޖެހި އިރު، އޭގެ ތެރެއިން ދެ ގޯލު ޖެހީ އެމްބާޕޭއާއި ކާލޯސް ސޮލާއެވެ. އަނެއް ގޯލަކީ ހައިފާގެ ސީން ގޯލްޑްބާގު އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު