ރާއްޖެއަށް 119 ކިލޯގެ ޑުރަގް އެތެރެކުރުމުގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތުވާ ގދ. ހޯނޑެއްދޫ/ އަލޯރާ، އަރުޝަދު ހާލިދު (26އ) އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ އެ އިދާރާއިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކޯޓް އަމުރެއްގެ ދަށުން އަރުޝަދު މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭނާ ހައްޔަރުކުރީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
އަރުޝަދަކީ 30 ޖަނަވަރީ 2020 ގައި ފުލުހުން މާލޭގައި ހިންގި ޑުރަގް އޮޕަރޭޝަންގައި ހައްޔަރުކުރި ނުވަ މީހުންގެ ތެރެއިން އެ ނެޓްވޯކުގައި އިސްކޮށް ހުރި މީހާއެވެ. އެ އޮޕަރޭޝަންގައި ނުވަ ގެއެއް ބަލައި ފާސްކޮށް ނުވަ ކިލޯއަށްވުރެ ގިނަ ހެރޮއިން އާއި ހަތަރު ގްރާމަށްވުރެ ގިނަ ކޮކެއިން އަތުލައިގަތެވެ. އެ ތަކެތީގެ މަގުމަތީ އަގު 4.6 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފުލުހުން ބުނެއެވެ.
އެ މައްސަލާގައި އަރުޝަދު ހައްޔަރުކޮށްފައި ހުއްޓައި ކްރިމިނަލް ކޯޓުން އެ އަހަރުގެ ފެބްރުއަރީ މަހު އޭނާ ދޫކޮށްލިއެވެ. ނަމަވެސް އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ އޭނާ އަލުން ބަންދުކުރަން އަމުރުކޮށްފައެވެ. އެގޮތަށް އަމުރު ނެރުނީ 2020 މާޗް މަހުގެ ތެރޭގައެވެ.
އެ އަމުރު ނެރެފައިވަނިކޮށް މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 12 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަންތަކެއްގައި މާލޭގެ ތިން ގެއަކާއި ހުޅުމާލޭގެ ގެއަކާއި ޓެކްސީއަކާއި ޕްރައިވެޓް ކާރެއް އަދި ތިން ސައިކަލު ފާސްކޮށް 119 ކިލޯގެ މަސްތުވާތަކެތި ހޯދިއެވެ. ފުލުހުން އޭރު ބުނެފައިވާ ގޮތުގައި އެތަކެތި އެތެރެ ކުރުމުގައިވެސް އެންމެ އިސްކޮށް އުޅުނީ އަރުޝަދެވެ.
ނަމަވެސް ޑުރަގް އޮޕަރޭޝަން ހިންގި ދުވަހު އަރުޝަދާއި އިތުރު މީހަކު ވަނީ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައެވެ. އޭނާ ފިލައިގެން ގޮސް ދިރިއުޅެމުން ދިޔައީ ދުބާއީގައެވެ. އޭގެ ފަހުން ދިރިއުޅެމުންދިޔައީ އަވަށްޓެރި ސްރީލަންކާގައެވެ.
ފިލައިގެން އުޅެނިކޮށް އަވަށްޓެރި ސްރީ ލަންކާއިން ޑީޕޯޓުކޮށްލުމުން އަރުޝަދު ރާއްޖެއިން ހައްޔަރުކުރީ މިމަހުގެ ދިހަ ވަނަ ދުވަހުއެވެ. ނަމަވެސް ފުލުހުން ވަނީ އޭނާ ފަހުން ދޫކޮށްލައިފައެވެ.
ފުލުހުން އަރުޝަދު ދޫކޮށްލާފައިވަނީ، ހައިކޯޓުގެ އަމުރެއް ތަންފީޒުކުރުމަށް އޭނާ ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް އެ ކޯޓަށް ހާޒިރުކުރަން އަންގާފައިވަނިކޮށެވެ. ފުލުހުން އޭނާ ދޫކޮށްލުމުން ހައިކޯޓުން ވަނީ އަރުޝަދުގެ ޕާސްޕޯޓް ހިފެހެއްޓުމަށާއި އޭނާއަށް ރާއްޖެއިން ބޭރަށް ދަތުރުކުރެވޭނެ އިތުރު ލިޔުމެއް އޮތް ނަމަ އެ ލިޔުމެއްވެސް ހިފެހެއްޓުމަށް އަމުރުކޮށްފައެވެ. އަދި މާލެއިން ބޭރަށް އެއްވެސް ބޭނުމެއްގައި ދާނަމަ އެކަން ކޯޓަށް އަންގައި ލިޔުމުން ހުއްދަ ހޯދުމަށްވެސް ވަނީ އަމުރުކޮށްފައެވެ.
އަރުޝަދު ހާލިދު ބަންދުގައި ބަހައްޓައިގެން ހައިކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް ނެރުނު އަމުރާ ހިލާފަށް ފުލުހުން، އަރުޝަދު ދޫކޮށްލާފައިވާތީ އެ މައްސަލަ ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު