ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދު ފުއްދާފައިނުވާތީ އާއި މަސްވެރިންގެ ހައްގުތައް ހިމާޔަތްކުރުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އިއްޔެ ކުރިއަށްގެންދިޔަ މުޒާހަރާއިން ހައްޔަރުކުރި މީހުންގެ ތެރެއިން ނުވަ މީހަކު ދޫކޮށްލައިފިއެވެ.

ޕީޕީއެމް/ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު "ވަން" އަށް އިއްޔެ ވިދާޅުވެފައިވަނީ މުޒާހަރާގެ ތެރެއިން ދިހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެމީހުންނަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ގާނޫނީ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

ފުލުހުން ވަނީ ހައްޔަރުކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކުރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ. އޭގެ ތެރެއިން އެކަކު ފިޔަވައި ދެން ތިބި އެންމެން ދޫކޮށްލުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ބަންދުގައި ބަހައްޓަން އަމުރުކުރީ ޕީޕީއެމްގެ ސެނެޓު މެމްބަރު އަލީ އިޒްހާނެވެ. އޭނާގެ ބަންދަށް ކުރިމިނަލް ކޯޓުން ވަނީ ތިން ދުވަސް ޖަހައިފައެވެ.

އޭނާގެ ދިފާއީ ވަކީލު އަލީ އާސިފް ޝަރީއަތުގައި ވިދާޅުވީ، ފުލުހުން އިޒްހާނަށް ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ ކަމަށެވެ. އެގޮތުން އޭނާ ހައްޔަރުކޮށްގެން ގެންގޮސް ފުލުހުންގެ އުޅަނދެއްގައި ބޯ ޖައްސައި ޗިސްކޮށްފައިވާ ކަމަށެވެ.

ޕީޕީއެމުން އިއްޔެ ބޭއްވި "ލޭނާރު" މުޒާހަރާ ފަށާފައިވަނީ މަސް މާރުކޭޓު ސަރަހައްދުންނެވެ. އެތަނުން މުޒާހަރާގެ ބައިވެރިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ކައިރިއަށް އެއްވުމުން ފުލުހުން ވަނީ އެތަނުން ބައިވެރިން ފޮނުވާލައިފައެވެ. މުޒާހަރާގެ ބައިވެރިން އެމްއެމްއޭއާ އަރައި ހަމަނުވަނީސް ފުލުހުން ވަނީ އެ ސަރަހައްދު ބަންދުކޮށްފައެވެ.

މުޒާހަރާގައި މައިގަނޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ މަސްވެރިން ބާނާ މަސް ނުކިރި އުކާލަން ޖެހުމާއި މަސްކިރޭނެ ގޮތެއް ނެތުމާއި އައިސްޕްލާންޓުތައް އެކަށީގެންވާ މިންވަރަށް ރާއްޖޭގައި ނެތުމެވެ.

މުޒާހަރާގައި ޕީޕީއެމްގެ ނައިބު ރައީސް، ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް، ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މަޖިލިސް މެމްބަރު ގައްސާން މައުމޫން، މާވަށު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ސައީދު، ފަރެސްމާތޮޑާ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ލަތީފުގެ އިތުރުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ބައިވެރިވެވަޑައިގެންނެވިއެވެ.