ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ ޕީއެސްޖީއާ މެދު ހިތްހަމަނުޖެހި، ވީ އެންމެ އަވަހަކަށް އެކްލަބު ދޫކޮށްލަން ބޭނުންވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ސްޕެއިނާއި ފްރާންސްގެ މީޑިއާތަކުން މިއަދު ބުނެފައިވަނީ ޕީއެސްޖީއާއި އެމްބާޕޭއާ ދެމެދު މައްސަލަ ގޯސްވެފައިވާ ކަމަށާއި، މިހާރު އޮތް ހާލަތު ބަދަލުނުވެއްޖެ ނަމަ ކުރިއަށް އޮތް ޖެނުއަރީ މަހުވެސް ކްލަބު ދޫކޮށްލަން އެމްބާޕޭ ބޭނުންވާ ކަމަށެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި އެމްބާޕޭ ނުތަނަވަސްވެފައިވަނީ ޕީއެސްޖީގެ ކޯޗުގެ އިތުރުން ހިންގުމުގެ ބައެއް ފަރާތްތަކާއެވެ. އެގޮތުން އަލަށް ކްލަބަށް ގެންދިޔަ ސްޕޯޓިން ޑިރެކްޓަރު ލުއިސް ކެމްޕޯސްއާވެސް އެމްބާޕޭގެ ގުޅުން ގޯސްކަމަށް ނޫސްތަކުން ބުނެފައިވެއެވެ.

ޕީއެސްޖީން އެންމެފަހުން ލީގުގައި ރެއިމްސްއާ ދެކޮޅަށް ކުޅުނު މެޗަށްފަހު އެމްބާޕޭ ވަނީ ކޯޗަށް އަމާޒުކޮށް އިންސްޓާގްރާމް ސްޓޯރީގައިވެސް ޕޯސްޓް ކޮށްފައެވެ. އެކަމާ ގުޅިގެން ކްރިސްޓޯފް ގަލްޓިއާ މީޑިއާއަށް ބުނީ އެމްބާޕޭ ނުރުހުންވީ ޖަޒުބާތުގައި ޖެހިގެން ކަމަށާއި، އެކަމުގައި އެކުގައި ވާހަކަދައްކާފައިވާ ކަމަށެވެ. އެހެންނަމަވެސް ކޯޗު ގަލްޓިއާވެސް ވަނީ އެމްބާޕޭ މެނޭޖުމަންޓާ ނުރުހުންވާ ސަބަބަށް ވާހަކަދައްކައިފައެވެ.

ޕީއެސްޖީގައި މިހާރު ކުޅޭ ސިސްޓަމުން އެމްބާޕޭ ވަރަށް ބޮޑަށް ސެންޓަ ފޯވަޑަކަށް ބޭނުންކުރަން ޖެހޭތީ މިދިޔަ ޓްރާންސްފާ ސީޒަނުގައި އިތުރު ފޯވަޑެއް ގެންދަން ކޯޗާއި ސްޕޯޓިން ޑިރެކްޓަރު ކެމްޕޯސް މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވުމުން އެމްބާޕޭ ވަނީ ނުރުހިފައި ކަމަށް ގެލްޓިއާ ބުންޏެވެ. ގެލްޓިއާ ބުނީ އެމްބާޕޭ ކުޅުވާ މަގާމު އޭނާއަށް ގޯސް ނަމަވެސް، ސްކޯރިންއާއި ކުޅުމަށް ބަލައި މައްސަލައެއް ނެތް ކަމަށެވެ.

މިދިޔަ ސީޒަނުގައި އެމްބާޕޭ ރެއާލް މެޑްރިޑަށް ދާން ބޭނުންވެ، އެކަމަށް އެދިގެން ދާން މަސައްކަތް ކުރި ނަމަވެސް ޕީއެސްޖީން ވަނީ އާ އެއްބަސްވުމެއް ހުށަހަޅައި މަޑުކުރުވައިފައެވެ. ހަބަރުތައް ބުނެފައިވާ ގޮތުން އެމްބާޕޭ މަޑުކުރީ ބައެއް ޓްރާންސްފާ ޑިމާންޑުތަކާއެކު ބައެއް އެހެނިހެން ޑިމާންޑުތައްވެސް ކޮށްފައެވެ. އެ އެއްބަސްވުމާއެކު އެމްބާޕޭގެ މާލިއްޔަތުވެސް ބޮޑުތަނުން އިތުރުވުމާއެކު ޕީއެސްޖީގެ އެތެރޭގެ މައްސަލަތަކެއް ކުރިމަތިވި ކަމަށް ނޫސްތަކުން ބުނެފައިވެއެވެ. ހާއްސަކޮށް ނޭމާ ފަދަ ކުޅުންތެރިންނާ އެމްބާޕޭ އަދިވެސް ގުޅުން ގޯސްކަމަށް ނޫސްތަކުން ބުނެއެވެ.

ޔޫރަޕްގެ އިތުބާރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯވެސް ބުނެފައިވަނީ ޕީއެސްޖީއާއި އެމްބާޕޭގެ ގުޅުން ގޯސްވެފައިވާ ކަމަށާއި، މަޝްވަރާތަކަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭނާވެސް ބުނެފައިވަނީ އެމްބާޕޭ ބޭނުމީ ވީ އެންމެ އަވަހަކަށް، ޖެނުއަރީގައިވެސް ކްލަބު ދޫކޮށްލަން ނަމަވެސް، ޕީއެސްޖީން އެމްބާޕޭ ވިއްކުމަށް ވިސްނުން ނުގެންގުޅޭ ކަމަށެވެ.

އުމުރުން އެންމެ 23 އަހަރުގެ އެމްބާޕޭއަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާއެވެ. ފްރާންސާއެކު ވޯލްޑް ކަޕްވެސް ކާމިޔާބުކޮށްފައިވާ އެމްބާޕޭ ވަނީ މިހާތަނަށް ޕީއެސްޖީއަށް ކުޅުނު 124 މެޗުން 114 ގޯލު ޖަހައިފައެވެ. މިސީޒަނުގައި ކުޅުނު ނުވަ މެޗުން އެމްބާޕޭ ވަނީ އަށް ގޯލު ޖަހައިފައެވެ.