ޔޫއެފާ ޗެމްޕިއަންސް ލީގު

އިންޓައިން ބާސާ ބަލިކޮށްފި، ލިވަޕޫލާއި ނަޕޯލީއަށްވެސް މޮޅެއް

މުޙައްމަދު ޝަމްޢޫން

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ އިންޓަ މިލާނުން ވަރުގަދަ ބާސެލޯނާ ބަލިކުރި އިރު، ލިވަޕޫލާއި ނަޕޯލީންވެސް މޮޅުވެއްޖެއެވެ.

މިފަހަރުގެ މަރުގެ ގްރޫޕް، ގްރޫޕް ސީގައި ރޭ އިންޓައިން ހޯމްގައި ބާސާ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗަކީ އެ ގްރޫޕުގައި ބާސާ ބަލިވި ދެވަނަ މެޗެވެ. މީގެ ކުރިން އެ ގްރޫޕުގައި ބާސާ ބަލިވެފައި އޮތީ ބަޔާން މިއުނިކް އަތުންނެވެ. ބަޔާންއިން މިވަގުތު ގްރޫޕްގެ އެއްވަނައިގައި މަގާމު ދަމަހައްޓަމުން އަންނަނީ ކުޅުނު ތިން މެޗުންވެސް މޮޅުވެ، ނުވަ ޕޮއިންޓާ އެކުގައެވެ. ބަޔާންއިން ރޭ ކުޅުނު މެޗުގައި ވިކްޓޯރިއާ ޕްލެޒެން ބަލިކުރީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މިވަގުތު ގްރޫޕްގެ ދެވަނައިގައި އިންޓަ އޮތީ ތިން މެޗުން ހަ ޕޮއިންޓާއެކުގައެވެ. ބާސާ ތިންވަނައިގައި އޮތީ ތިން މެޗުން އެއް މޮޅު ހޯދައިގެން ތިން ޕޮއިންޓާއެކުގައެވެ.

ބާސާއިން ރޭ ކުޅުނު މެޗަށް ނެރުނު ފުރަތަމަ 11 އަށްވެސް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ޑިފެންޑަރުންގެ އަނިޔާގެ މައްސަލައެވެ. މި ސީޒަނަށް އަލަށް ގެންދިޔަ ފްރާންސްގެ ޖޫލްސް ކޫންޑޭއާއި އެޓީމުގެ އުރުގުއޭ ޑިފެންޑަރު ރޮނާލްޑޯ އަރައޫހޯވެސް މިވަގުތު އަނިޔާގައި ތިބި އިރު، އެތަން ފޫބައްދަން ކޯޗު ޒަވީ ކުޅެން ނެރުނީ އަންދްރޭއާސް ކްރިސްޓަންސަން އާއި އެރިކް ގާސިއާއެވެ. އޭގެ އިތުރުން އަނިޔާގައި ހުރި ފްރޭންކީ ޑިޔޯންގްވެސް ރޭގެ މެޗުގައި ފެނިފައެއް ނުވެއެވެ.

މެޗުގައި ބާސާއިން ބޯޅަ ހިފަހައްޓައިގެން ގިނަ ޕާސްތަކެއް ޖެހި ނަމަވެސް އިންޓައިން ދިޔައީ ލިބުނު ފުރުސަތުތަކުގައި ނުރައްކާ ކުރަމުންނެވެ. ހަކާން ޗަޅަނޯޅޫގެ ބާރު ދެ ހަމަލާއެއް ފުރަތަމަ ހާފުގައި ބާސާގެ ގޯލްކީޕަރު އަންދްރޭސް ޓާސްޓެގަން މަތަކުރިއެވެ. އަނެއްކޮޅުން ބާސާގެ ކުރިން އުސްމާން ޑެމްބޭލެ އުފެއްދި ހަމަލާއިން އިންޓަ ސަލާމަތް ކޮށްދިނީ ގޯލްކީޕަރު އަންދްރޭ އޮނާނާއެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން މިނެޓަކަށްވެފައި އޮއްވާ އިންޓައިން ލީޑު ނެގިއެވެ. އިންޓައަށް ލީޑު ނަގައިދިނީވެސް ޗަޅަނޯޅޫއެވެ. އޭނާ ދުރުން ފޮނުވާލި ހަމަލާ ގޯލުގެ ކަނަށް އަމާޒުކޮށްލި އިރު، ގޯލްކީޕަރު ސްޓެގަންއަށް ކުރެވޭނެ މާބޮޑު މަސައްކަތެއް ނެތެވެ.

ދެވަނަ ހާފުގައި ބާސާން ގޯލަކަށް ބުރަކޮށް މަސައްކަތް ކުރިއެވެ. އެ މަސައްކަތުގައި ބާސާގެ ޕެޑްރީ ފޮނުވާލި ބޯޅައެއް ގޯލަށް ވަން ނަމަވެސް، ވީއޭއާރް ބަލައި ރެފްރީ ނިންމީ އެ ގޯލަށް ބާސާއިން ކުރި މަސައްކަތުގައި އަންސޫ ފަޓީ އަތުގައި ބޯޅަ ޖެހުނު ކަމަށެވެ. އޭގެ ފަހުން އިންޓަގެ ޕެނަލްޓީ އޭރިއާ ތެރެއިން ޑިފެންޑަރު ޑެންޒިލް ޑަމްފްރީސް އަތުގައި ބޯޅަ ޖެހުނު ނަމަވެސް، ވީއޭއާރް ބަލައި ރެފްރީ ޕެނަލްޓީ ދީފައެއް ނުވެއެވެ.

ޗެމްޕިއަންސް ލީގު ގްރޫޕް އޭގެ ފޯރިވެސް މިހާރު ވަނީ ގަދަވެފައެވެ. އެ ގްރޫޕުގެ އެއްވަނައިގައި ވަރުގަދަކޮށް އޮތް ނަޕޯލީން ރޭ ކުޅުނު މެޗުގައި އަޔެކްސް ބަލިކުރީ 6-1 ގެ ނަތީޖާއަކުންނެވެ. އަދި ލިވަޕޫލުން ވަނީ ހޯމްގައި ރޭންޖާސް ކައިރިން 2-0 ގެ މޮޅެއް ހޯދައި އުންމީދު އާކޮށްފައެވެ.

މިވަގުތު ނަޕޯލީން އެއްވަނައިގައި އޮތީ ތިން މެޗުން ނުވަ ޕޮއިންޓާ އެކުގައެވެ. ފުރަތަމަ މެޗުގައި ނަޕޯލީ އަތުން ބަލިވި ލިވަޕޫލް ރޭގެ މޮޅާއެކު ދެވަނައަށް ޖެހިލީ ތިން މެޗުން ހަ ޕޮއިންޓާއެކުގައެވެ. ތިންވަނައިގައި އޮތީ ނަޕޯލީ އަތުން ބަލިވި އަޔެކްސްއެވެ. އަޔެކްސްއަށް ވަނީ ތިން މެޗުން ތިން ޕޮއިންޓް ލިބިފައެވެ. ރޭންޖާސްއަށް ތިން މެޗުންވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ލިވަޕޫލް ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެޓީމަށް ލީޑު ނަގައިދިނީ ޓްރެންޓް އެލެކްސެންޑްރާ އާނޯލްޑް ޖަހައިދިން ހިތްގައިމު ހިލޭ ޖެހުމަކުންނެވެ. ހާފުގެ މެދެއްހާ ހިސާބުން އާނޯލްޑް ފޮނުވާލި ހިލޭ ޖެހުން އަމާޒުކޮށްލީ ގޯލުގެ މަތީ ކަނަށެވެ. ކޮންޓްރޯލްގައި ކުޅުނު ލިވަޕޫލުން ދެވަނަ ގޯލެއް ޖެހީ ދެވަނަ ހާފުގައެވެ. އެ ގޯލަކީ އޭރިއާ ތެރެއިން ލުއިސް ޑިއާޒަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެއްގައި މުހައްމަދު ސަލާހް ޖެހި ގޯލެކެވެ. އެ ގޯލަކީ އޭނާ ޗެމްޕިއަންސް ލީގުގައި ޖެހި 35 ވަނަ ގޯލެވެ.

ރޭ ނަޕޯލީން ކުޅުނު މެޗުގައި އެޓީމަށް ގޯލުތައް ޖަހައިދިނީ މޮޅަށް ކުޅުނު އިތަޓީގެ ފޯވަޑް ޖިއަކޯމޯ ރަސްޕަޑޯރީއާއި ޖިއޮވާނީ ޑި ލޮރެންޒޯގެ އިތުރުން ހިވިޗާ ވަރަޓްސްހޭލިއާއި ޖިއޮވާނީ ސިމިއޯނީއެވެ. ރަސްޕަޑޯރީ މެޗުގައި ދެ ގޯލު ޖެހިއިރު، މެޗުގެ 73 ވަނަ މިނެޓުގައި އަޔެކްސްގެ ޑޫސަން ޓަޑިޗަށް ދެއްކި ރަތް ކާޑަށްފަހު އަޔެކްސްއަށް ކުޅެން ޖެހުނީ ކުޅުންތެރިޔަކު މަދުކޮށެވެ.

ރޭގެ އިތުރު މެޗުތަކަށް ބަލާލާއިރު، ގްރޫޕް ބީގައި އެތުލެޓިކޯ މެޑްރިޑް ވަނީ ކްލަބު ބުރޫޖް ކައިރިން 2-0 އިން ބަލިވެފައެވެ. އެ ގްރޫޕުގައި ޕޯޓޯ ވަނީ 2-0 އިން ލެވަކޫސަން ބަލިކޮށްފައެވެ. ގްރޫޕް ޑީގައި ފްރެންކްފާޓާއި ޓޮޓެންހަމް ގޯލެއް ނުޖެހި އެއްވަރުވި އިރު، އެ ގްރޫޕުގައި މާސޭއިން ވަނީ 4-1 އިން ސްޕޯޓިން ބަލިކޮށްފައެވެ.