ފްރާންސް ލީގުގައި ރޭ ޕީއެސްޖީން ކުޅުނު މެޗުގައި ނީސް ބަލިކޮށް، ތާވަލުގެ އެއްވަނަ ދަމަހައްޓައިފިއެވެ.
އަމިއްލަ ދަނޑުގައި ޕީއެސްޖީން ނީސް ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ޕީއެސްޖީ ލީގުގެ އެއްވަނައިގައި އޮތީ ނުވަ މެޗުން 25 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް މާސޭއަށް ނުވަ މެޗުން ލިބިފައި ވަނީ 23 ޕޮއިންޓެވެ. ލީގުގެ ތިންވަނައިގައި އޮތް ލޮރިއެންޓަށް އަށް މެޗުން 19 ޕޮއިންޓް ލިބިފައިވާ އިރު، ހަތަރުވަނައިގައި އޮތް ލެންސަށް ލިބިފައި ވަނީ 18 ޕޮއިންޓެވެ.
މެޗުގައި ރަނގަޅަށް ކުޅުނު ޕީއެސްޖީން ލީޑު ނެގީ 28 ވަނަ މިނެޓުގައެވެ. އެ ގޯލަކީ ފޯމުގައި ހުރި ލިއޮނެލް މެސީގެ ހިތްގައިމު ހިލޭ ޖެހުމަކުންނެވެ. 20 ޔާޑް ބޭރުން މެސީ ޖެހި ހިލޭ ޖެހުން ސީދާ ގޯލުގެ ކަނަށް އަމާޒުކޮށްލި އިރު، ނީސްގެ ގޯލު ބަލަހައްޓަން ހުރީ ކެސްޕާ ޝޫމައިކަލް ހުރީ ހަރަކާތް ހުއްޓިފައެވެ.
ނީސްއިން ވަނީ އުފެއްދި ފުރަތަމަ ފުރުސަތުގައި ގޯލު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެ ގޯލު ޖަހައިދިނީ ގައިޓަން ލަބޯޑޭއެވެ.
ޕީއެސްޖީން މެޗުން މޮޅުވި ގޯލު، 83 ވަނަ މިނެޓުގައި ޖަހައިދިނީ ބަދަލަކަށް ކުޅެން ނުކުތް ކިލިއަން އެމްބާޕޭއެވެ. އޭނާ ވަނީ ލީގުގައި އެންމެފަހުން ކުޅުނު ހަތް މެޗުގައިވެސް ޕީއެސްޖީއަށް ގޯލު ޖަހައިދީފައެވެ. އެމްބާޕޭ ޖެހި ގޯލަކީ ނޯޑީ މުކިއެލޭ އަރިމަތިން ކަނޑާލި ބޯޅައަކުން ޖެހި ގޯލެކެވެ.
ޕީއެސްޖީއާ މި ސީޒަނަށް ހަވާލުވި ކްރިސްޓޮދޭ ގަލްޓިއާ ޓީމާ ހަވާލުވިފަހުން އަދި ބަލިވެފައެއް ނުވެއެވެ.
ޕީއެސްޖީ
ޕީއެސްޖީ
ޕީއެސްޖީ
ޕީއެސްޖީ