މިދިޔަ ސީޒަނުގެ ފްރާންސް އަދި ޔޫރަޕްގެ ޗެމްޕިއަން ޕީއެސްޖީން ރޭ ލީގުގައި ކުޅުނު މެޗުގައި މޮނާކޯ ކައިރިންވެސް ބަލިވެއްޖެއެވެ.
ރޭ އަމިއްލަ ދަނޑުގައި ޕީއެސްޖީން 2-1 އިން މޮނާކޯ ކައިރިން ބަލިވި އިރު، މިހާތަނަށް މީ ސީޒަނުގައި އެެޓީމަށް އަދި މޮޅެއް ހޯދިފައެއް ނުވެއެވެ. ފުރަތަމަ ފްރާންސްގެ ސީޒަން ހުޅުވަން ކުޅުނު މެޗުގައި ލޯންސް ކައިރިން ބަލިވި އިރު، އޭގެފަހުން ލީގުގައި ރެންއާއި މާސޭ ކައިރިންވެސް ޕީއެސްޖީ ވީ އެއްވަރެވެ.
މިދިޔަ ދެ ސީޒަނުގައިވެސް ޔޫރަޕްގެ ޗެމްޕިއަންކަން ހޯދި ޕީއެސްޖީން ރޭގެ މެޗަށް ނުކުތުމުގެ ކުރިން އެޓީމުގެ ކޯޗު ލުއިސް އެންރިކޭއާއި ގިނަ ކުޅުންތެރިންތަކެއްވެސް އެއްބަސްވުން އާކުރިކަން އިއުލާނު ކޮށްފައިވެއެވެ. އެ ކުޅުންތެރިންގެ ތެރޭގައި ވިލިއަމް ޕަޗޯއާއި ޖޮއާއޯ ނެވޭސް، ފަބިއަން ރުއިޒްގެ އިތުރުން ސެނީ މަޔޫލޫއާއި ބެރާލްޑޯ ހިމެނެއެވެ.
ކުރީކޮޅުގައި ބޮޑަށް ނުރައްކާ ކުރީ ޕީއެސްޖީންނެވެ. ކަވީޗާ ކަވަރަޝްކޭލިއާގެ ހަމަލާއެއް ނާކާމިޔާބުވި އިރު، ޑިސައިރޭ ޑޫއޭގެ ހަމަލާއާއި ނެވޭސްގެ ހަމަލާވެސް މަތަކުރީ މޮނާކޯގެ ކޯޕަރު ލޫކަސް ހްރަޑެކީއެވެ. އޭގެފަހުން ހާފު ނިމުމުގެ ކުރިން މެޗުގައި ފުރަތަމަ ލީޑު ނެގީ ޕީއެސްޖީންނެވެ. ކަވަރަޝްކޭލިއާ ނަގައިދިން ބޯޅައިގައި ގޯލް ޖަހައިދިނީ ކެޕްޓަން މާކީނިއޯސްއެވެ.
ދެވަނަ ހާފުގެ ކުރީކޮޅުގައިވެސް މޮނާކޯއަށް ޕްރެޝަރު ބޮޑުކޮށް ދިޔަ ނަމަވެސް، 58 ވަނަ މިނެޓުގައި ފްލާވިއޯ ނަޒީނިއޯ ޖެހި ގޯލުން މެޗު އެއްވަރުކުރިއެވެ. ފިލީޕޭ ލުއިސް ކޯޗުކަން ކޮށްދެމުންދާ މޮނާކޯއިން މެޗު އަނބުރާލީ 72 ވަނަ މިނެޓުގައި ސްޓަނިސް އިޑުމްބޯ ޖެހި ގޯލުންނެވެ. އަރިމަތިން އަޝްރަފް ހަކީމީ ބީޓް ކޮށްލުމަށްފަހު އޭނާ ފޮނުވާލި ބޯޅަ އަމާޒުކޮށްލީ ތިރީ ކަނަށެވެ.
މެޗުން ޕޮއިންޓެއް ހޯދުމަށް އެންރިކޭ ވަނީ ފަހުކޮޅަށް އުސްމާން ޑެމްބެލޭއާއި ފެރާން ޓޮރޭސްވެސް ކުޅެން ނެރެފައެވެ. އެހެން ނަމަވެސް ޕީއެސްޖީ ބަލިވެގެން މެޗު ނިމުނީ ފަހުވަގުތު ޑެމްބެލޭއަށް ލިބުނު ފުރުސަތުގެވެސް ބޭނުން ނުހިފިއެވެ.
ޕީއެސްޖީ
ޕީއެސްޖީ
ޕީއެސްޖީ
ޕީއެސްޖީ
ކޮމެންޓް