އަމީނީ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން އެ މަގުގައި އިންދާފައި ހުރި ގަސްތައް، ނަގާތީ އެކަން ހުއްޓުވުމުގެ އަމުރަކަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.
ނަޝީދުގެ ފަރާތުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ ޝުނާނާ އެލްއެލްޕީންނެވެ. މައްސަލަ ހުށަހެޅުއްވީ ހައުސިން މިނިސްޓްރީއާއި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ދެކޮޅަށެވެ.
އެ މައްސަލައިގައި ނަޝީދުގެ ފަރާތުން ވިދާޅުވެފައިވަނީ ދިވެހި ސަރުކާރުގެ މުއައްސަސާތަކުގެ މައްޗަށް ތިމާވެށި ހިމާޔަތް ކުރުމާއި ރަނގަޅު ތިމާވެށީގެ ވެއްޓެއް އަންނަން އޮތް ޖީލުތަކާ ހަމައަށް ފޯރުކޮށްދިނުމަކީ ގާނޫނުއަސާސީން މަތިކޮށްފައިވާ ޒިންމާއެއް ކަމަށެވެ.
އަމީނީ މަގުގެ މަސައްކަތްކުރުމަށް ގަސްތައް ނުނަގައި ނުވާނެ ކަމަށް ދައުވާ ލިބޭ ފަރާތުން ބުންޏަސް، ގަސްތައް ނުނަގައި މަސައްކަތް ކުރިއަށް ގެންދެވޭތޯ ދައުވާ ލިބޭ ފަރާތްތަކުން ބަލާފައިނުވާ ކަމަށް ނަޝީދުގެ ފަރާތުން ވަނީ ފާހަގަކުރައްވައިފައެވެ. އަދި ވިދާޅުވީ އެ ގަސްތައް ކެނޑުމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ މީހުނަށާއި ތިމާވެއްޓަށް ލިބޭނެ ގެއްލުންތައް ވެސް ދައުވާ ލިބޭ ފަރާތްތަކުން ބަލާފައި ނުވާ ކަމަށެވެ.
އަމީނީ މަގު ހެދުމުގެ މަޝްރޫއުގެ އެންވަޔަރަމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ)ގައި ތާރުގެ ބަދަލުގައި ގާ އެޅުމަށް ލަފާދީފައިވަނީ އެ މަގުގައި ހުރި ގަސްތައް ހިމާޔަތްކުރަން ކަމަށް ދައުވާގައި ނަޝީދު ވަނީ ވިދާޅުވެފައެވެ. އަމީނީ މަގުގައި ހުރި ބިޔަބޮޑުތި ގަސްތައް ނެގުމުގެ ސަބަބުން އެ މަގުގައި އިތުރަށް ފެންބޮޑުވާނެ ކަމަށާއި އަދި އެކަމުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ސިއްހަތައް ގެއްލުންވާނެ ކަމަށް އީއައިއޭ ރިޕޯޓުގައި ބަޔާންކޮށްފައިވާކަން ވެސް ފާހަގަކުރައްވާފައިވެއެވެ.
މަގުގެ މަސައްކަތަށް ނަގަމުންދާ ގަސްތަކުގެ ބަދަލުގައި އާ ގަސްތައްް އިންދި ނަމަވެސް، އެ ގަސްތައް ހެދިބޮޑުވުމަށް ގިނަ އަހަރުތަކެއްވާނެ ކަމަށްވުމުން މިހާރު ހުރި ގަސްތަކުގެ ސަބަބުން ތިމާވެއްޓަށާއި މީހުންނަށް ވަމުންދާ ފައިދާ އަވަސް މުސްތަގުބަލެއްގައި ނުވާނެ ކަމަށް އީއައޭގައި ބަޔާންކޮށްފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. މީގެ އިތުރުން އިންޑިއާއިން ބައެއް ވައްތަރުގެ ގަސް އިމްޕޯޓުކުރުމަށް ނިންމާފައިވާ އިރު، އެކަމުގެ ސަބަބުން އާ ސްޕީޝީސްއެއް ފެތުރި، މުޅި އިކޯސިސްޓަމް ހަލާކުވުމުގެ ފުރުސަތު އެބައޮތް ކަމަށް އީއައިއޭގައި ބަޔާންކޮށްފައިވާކަން ވެސް ނަޝީދު ފާހަގަކުރެއްވިއެވެ.
އެހެންކަމުން އަމީނީ މަގުން ގަސް ނެގުމުގެ މަސައްކަތް ކުރަމުންދަނީ "ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގެ ގާނޫނު، ދިވެހިރާއްޖޭގެ ރަށްތަކުގެ ފެހިކަމާއި ގަސްކަރަ ހިމާޔަތްކޮށް ދެމެހެއްޓުމާބެހޭ ގަވާއިދު" އާއި ގާނޫނު އަސާސީގެ 23 ވަނަ މާއްދާ (ދިރިއުޅޭނެ ސާފު އަދި ސިއްހަތު ރަނގަޅު މާހައުލެއް ރައްޔިތުންނަށް ހޯދާނެ މަގު ތަނަވަސްކުރުމަކީ ދައުލަތުގެ ޒިންމާއެއްކަން ބަޔާންކޮށްފައިވާ މާއްދާ އަދި ރައްޔިތުން ކްލައިމެޓް އެމެޖެންސީ ޑިކްލަރޭޝަން ގާނޫނާއި ޕެރިސް އެގްރީމެންޓާ ހިލާފަށް ކުރިއަށްގެންދާ މަޝްރޫއަކަށްވުމުން އެކަން ހުއްޓުވައިދިނުމަށް އެދޭ ކަމަށް ނަޝީދުގެ ދައުވާގައި ވިދާޅުވިއެވެ.
އަމީނީ މަގުން ގަސް ނަގަމުންދާ މައްސަލަ ކޯޓަށް ހުށަހަޅުއްވާނެ ކަމަށް ނަޝީދު ވިދާޅުވެފައިވަނީ މިމަހުގެ 28 ވަނަ ދުވަހުގެ މަޖިލިސް ޖަލްސާގައެވެ.
އެ ޖަލްސާގައި ނަޝީދު ވިދާޅުވެފައިވަނީ އަމީނީ މަގުން ގަސް ނެގުމުގެ ކަންބޮޑުވުމަކީ މާލޭގައި ދިރިއުޅޭ ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުމެއް ކަަމަށެވެ. އެހެންކަމުން ގަސްތައް ނެގުމާ މެދު އެ މަސައްކަތް ކުރާ އާރުޑީސީއާއި ޕެލޭނިން މިނިސްޓްރީން އިތުރު ވިސްނުމަކަށް ވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ނޫން ނަމަ "އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން ޝަރީއަތަށް ދިއުން ނޫން ގޮތެއް މިކަމުގައި ހަގީގަތުގައި ނެތް،" ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
އެ މައްސަލައާ ގުޅޭގޮތުން ސަރުކާރުގެ ފަރާތުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވަނީ އަމީނީ މަގުން ނަގާ ގަސްތައް އެހެން ތަނެއްގައި އިންދާނެ ކަމަށާއި މަގު ހެދުމަށް ގަސްތައް ކަނޑަން ޖެހެނީ އެ ގަސްތަކުގެ މޫތައް ފެތުރިފައި ހުރި ގޮތުން ހޮޅި ވަޅުލުމުގައި އުނދަގޫތަކެއް ކުރިމަތިވުމާއި މަގުގެ ޕޭވްމަންޓް ހެދުމުގައިވެސް ދަތިތަކެއް ކުރިމަތިވާނެތީ ކަމަށެވެ. އަދި މިހާރު އިންދާފައި ހުރީ މަގުތަކުގައި އިންދާ ވައްތަރުގެ ގަހެއް ނޫން ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު