ޔޫއެފާ ނޭޝަންސް ލީގުގެ ޓަޔާ އޭގެ ގްރޫޕް ތިނެއްގައި ރޭ ޖަރުމަނާއި އިންގްލެންޑް އެއްވަރުވި އިރު، ހަންގޭރީ ބަލިކޮށް އިޓަލީ ސެމީފައިނަލުން ޖާގަ ހޯދައިފިއެވެ.

ރޭ އިންގްލެންޑާއި ޖަރުމަނުން ވެމްބްލީގައި ކުޅުނު ފޯރިގަދަ މެޗު ނިމުނީ 3-3ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗަށް ނުކުތް އިރުވެސް ޖަރުމަނާއި އިންގްލެންޑަށް ނޭޝަންސް ލީގުގެ ފަހު ބުރުގެ ފުރުސަތު ގެއްލިފައި އޮތް ނަމަވެސް، ވޯލްޑް ކަޕްގެ ކުރިން ހާލަތު ރަނގަޅު ކުރަން ދެޓީމަށްވެސް އޮތީ މޮޅެއް މުހިއްމު ވެފައެވެ.

އިންގްލެންޑުން ރޭގެ މެޗަށް ނުކުތީ އޭގެ ކުރިން ކުޅުނު ނޭޝަންސް ލީގު މެޗުގައި އިޓަލީ އަތުން ބަލިވެ، އެ ލީގުގެ ދެވަނަ ޑިވިޝަނަށްރެލިގޭޓް ވެފައި އޮވެގެންނެވެ. ރޭގެ މެޗުގެ ކުރިން އެންމެފަހުން ކުޅުނު ފަސް މެޗުންވެސް މޮޅެއް ނުހޯދި އޮތް އިރު، އެއީ 2014 ވަނަ އަހަރަށްފަހު ޓީމަށް ކުރިމަތިވި އެންމެ ދަށް ފޯމެވެ.

އެ ހާލަތު ބަދަލުކުރަން ނުކުތް އިންގްލެންޑުން ރޭގެ މެޗުގެ ފުރަތަމަ 11 އަށްވެސް ހެރީ މެގުއާއާއި އެރިކް ޑަޔާ އަދި ޖޯން ސްޓޯންސް ފަހަތަށް ނެރުނު އިރު، ފުރަތަމަ ހާފުގައި ސްޓޯންސްއަށް އަނިޔާވެ ބާލަން ޖެހުނެވެ. އޭނާގެ ބަދަލުގައި ނުކުތީ ކައިލް ވޯކާއެވެ.

ދެވަނަ ހާފުގެ ކުރީކޮޅުގައި ޖަރުމަނުން ފުރަތަމަ ލީޑު ނެގީ އިލްކޭ ގުންޑޮގަންގެ ޕެނަލްޓީންނެވެ. މެގުއާ، އޭރިއާ ތެރެއިން ޖަރުމަނުގެ ޖަމާލް މުސިއެލާއަށް ކުރި ފައުލާއެކު އިންގްލެންޑް މާޔޫސްވިއެވެ. އޭގެ އިރުކޮޅެއް ފަހުން، މެޗުގެ 67 ވަނަ މިނެޓުގައި ކައި ހަވާޓްޒް އޭރިއާ ބޭރުން ޖެހި ހިތްގައިމު ގޯލުން ޖަރުމަނު ލީޑު ފުޅާކުރިއެވެ.

އިންގްލެންޑުން ފަހަތުން އަރައި ދެ ގޯލު ޖަހައި އެއްވަރުކުރީ ފުލުފުލުގައި ލޫކް ޝޯއާއި މޭސަން މައުންޓް ޖެހި ގޯލުތަކުންނެވެ. އަދި އެޓީމުން ހެރީ ކޭންގެ ޕެނަލްޓީއަކުން ފަހަތުން އަރައި ލީޑު ނެގި ނަމަވެސް، ނިމެން ދަނިކޮށް އަނެއްކާވެސް ޖަރުމަނު އެއްވަރުކުރިއެވެ. އެ ގޯލުވެސް ޖެހީ ހަވާޓްޒްއެވެ. އެ ގޯލުގައި އިންގްލެންޑްގެ ގޯލްކީޕަރު ނިކް ޕޯޕުގެ ގޯސް ފާހަގަކުރެވުނެވެ.

އިޓަލީން ގްރޫޕުގެ އެއްވަނަ ހޯދީ ރޭ ރަށުން ބޭރުގައި 2-0 އިން ހަންގޭރީ ބަލިކޮށްގެންނެވެ. އިޓަލީއަށް ހަ މެޗުން 11 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް ހަންގޭރީއަށް ހަ މެޗުން ލިބިފައި 10 ޕޮއިންޓެވެ. ޖަރުމަނު ތިންވަނައިގައި ނިންމާލީ ހަ މެޗުން ހަތް ޕޮއިންޓާ އެކުގައެވެ. އިންގްލެންޑަށް ހަ މެޗުން ލިބުނީ ތިން ޕޮއިންޓެވެ. އެއީ މެޗަކުން މޮޅުވެސް ނުވެވިއެވެ.

އިޓަލީން ރޭ ހަންގޭރީ ކޮޅަށް ޖެހި ގޯލުތައް ޖެހީ ޖިއަކޯމޯ ރަސްޕަޑޯރީއާއި ފެޑަރީކޯ ޑިމާކޯއެވެ.