ރިޕޯޓް

ނާޒިމާއި ނަޝީދުގެ މި ހިނިތުންވުން، ބާޣީކަން ކަނޑާލައި މިތުރުންގެ މަގާމަށް؟

ސިނާން އަލީ

1

މޯލްޑިވްސް ނެޝަނަލް ޕާޓީ،(އެމްއެންޕީ)ގެ "ދަ ނެޝަނަލް ކޮންވެންޝަން 2022" ނިމިގެން ދިޔައިރު، އެންމެ ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ، އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި އެމްއެންޕީގެ ރައީސް، ކާނަލް ރިޓަޔަރޑް މުހައްމަދު ނާޒިމްގެ "ބަދަހި" ހިނިތިންވުންތަކެވެ.

ފަށްފަށްކޮށް ރައީސް ނަޝީދު ނާޒިމްގެ ބޮލުގައި އަޅުއްވަމުން ގެންދަވާ އިލްޒާމަށް ރަސްމީ ނިންމުމެއް ގެންނެވިކަން އަދި އިއުލާނު ކުރައްވައިފައެއް ނުވެއެވެ. ނަޝީދުގެ ބަހުރުވައިގައި، ނާޒިމަކީ "ބޮޑު ބާޣީ" އެކެވެ. އެމްޑީޕީގެ ގްރާސްރޫޓު ދެކޭ ގޮތުގައިވެސް ނާޒިމަކީ މައާފެއް ނެތް ބާޣީއެކެވެ. ނަޝީދު ގަބޫލުކުރައްވާ ގޮތުގައި މީގެ 11 ވަރަކަށް އަހަރު ކުރީން އޮތް އެމަނިކުފާނުގެ ވެރިކަން ވައްޓާލީ އިންގިލާބަކުންނެވެ. އެ ވެރިކަން އިންގިލާބުކުރުމުގައި އިސްކޮށް އުޅުނު ބާޣީންގެ ތެރެއިންވެސް އެންމެ ބޮޑު އެއް ބާޣީ އަކީ ނާޒިމެވެ. މިއީ ނަޝީދާއި އެމްޑީޕީގެ ނިންމުމެވެ.

މިހެން މިކަން އޮތަސް، ނާޒިމް ނަޝީދަށް ދައުވަތު ދެއްވައިފި އެވެ. ނާޒިމްގެ ޕާޓީގެ ނެޝަނަލް ކޮންވެންޝަން ނިމުމުގެ ރަސްމިއްޔާތަށް ސިޔާސީ ހުރިހާ ޕާޓީއެއްގެ ލީޑަރުންނަށް ދައުވަތު ދިނުމުން އެއްބޭފުޅަކު ވަޑައިނުގަތަސް ހެވޭ ވިދާޅުވެ ރައީސް ނަޝީދު މި ރަސްމިއްޔާތަށް ވަޑައިގެންފިއެވެ. ބިއްލޫރި މޭޒުކޮޅެއް ހާއްސަކުރައްވައި ޝަރަފުވެރިކަމާއެކު އިއްޒަތްވެސް ނާޒިމް ރައީސް ނަޝީދަށް އަރުވައިފިއެވެ. ދެބޭފުޅުން ބައްދަލުވާ ހިނދު އެފެންނަ ހިނިތުންވުމުން ޕަބްލިކަށް މެސެޖުތަކެއް ދެއްވައިފި އެވެ. ދެބޭފުޅުން ސަލާމުގެ އަތްޖޯޑުކުރެއްވުމުގައި އެ ގެންގުޅުއްވި "ހަރު" ކަމުން ސާބިތުކަމުގެ ސިގުނަލެއް ދެއްވަނީތޯ ވިސްނެން ފަށައިފިއެވެ. ނާޒިމް ނަޝީދުގެ ކޮނޑުފުޅުގައި އަތް ބާއްވަވައިލައްވައި "އެކަން އެނިމުނީއޭ ދެން އޮތީ އެކުގައި ކުރިޔަށޭ" ވިދާޅުވީތޯ ވެސް ހީވާން ފަށައިފިއެވެ. އެއްބޭފުޅަކު އަނެއްބޭފުޅަކާ ބައްދަލުވެވަވަޑައިގެންނެވި ހިނދު ފެންނާން އެހުރި ހިނިތުންވުމަކީ އެތައް ޒަމާނެއް ވާންދެން "އެދިއެދި" ތިބި ކަމެއްގެ އުފާވެރި ނިމުން ނޫންހޭ ބުނެ ސިޔާސީން ސުވާލު ވެސް އުފައްދާން ފަށައިފި އެވެ.

އެމްއެންޕީގެ ނެޝަނަލް ކޮންވެންޝަން ނިންމުމުގެ ރަސްމިއްޔާތަށް ސިޔާސީ ހުރިހާ ޕާޓީތަކެއްގެ ލީޑަރުންނަށް ދައުވަތުދިން ކަމަށް އެ ޕާޓީން ވަނީން ޔަގީންކޮށްދީފައެވެ. އެކަމަކު ރައީސް ނަޝީދު ނޫން ދެވަނަ ބޭފުޅަކު ރަސްމިއްޔާތަކުން ނުފެނުނެވެ. އެމްއާރްއެމްގެ ފަރާތުން ފާރިޝް މައުމޫން އަދި ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރުވެސް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައި، ފަހުވަގުތު ވީ "ނޯޝޯ" އެވެ. ވަކި އެއްޗެއް އެންގެވުމެއް ނެތިއެވެ.

ސިޔާސީ ހޫނުގަނޑެއްގައި ތިއްބެވި ރައީސް ނަޝީދާއި ކާނަލް ނާޒިމްގެ މި ބައްދަލުވުމަށްފަހު ޖަލްސާ ނިންމުމުގެ ރަސްމިއްޔާތުގައި ނާޒިމް ވަނީ ނަޝީދަށް ނިކަން ފޮނި ތައުރީފުތަކެއްވެސް ކުރައްވައިފައެވެ. މި ވަޑައިގަތުމުން ދޭހަކޮށްދެނީ ޑިމޮކްރެސީގެ ކަންކަމަށް ނަޝީދު ދެއްވާ އިސްކަން ކަމަށް ނާޒިމް ވިދާޅުވިއެވެ. މެދުމިނުގެ ޝުކުރަކުން މިކަން ނިންމަވައިލެއްވެން ވެސް ނާޒިމަށް އޮތެވެ. އެކަމަކު އެހެން މަގުސަދެއް އޮތީމާ ބޮޑު ތައުރީފެއްވެސް މުހިންމުވީ ކަމަށް ވެދާނެ އެވެ.

ކޮންމެޔަކަސް، މި ތާރީހީ "އެނބުރުން" ވަނީ އެމްޑީޕީ ތެރޭގައިވެސް އެމްއެންޕީ ތެރޭގައިވެސް އަދި ޕަބްލިކްގައިވެސް "ހިނގާ" ވާހަކަޔަކަށް ވެފައެވެ. މިއީ ނިއުޅެމުން އަންނަ ސިޔާސީ މައިދާނުގައި އުފެދޭ އާ ކޮޅަކަށް ވެދާނެތޯ އެއް ބަޔަކު ސުވާލު އުފައްދައެވެ. އަނެއް ބަޔަކު ބުނާގޮތުގައި ރައީސް ނަޝީދާއި ނާޒިމްވެސް މިހާރު އެތިއްބެވީ "ސިޔާސީ ކުޅިބައި" އަތުރައިގެންނެވެ. މި ކުޅިބައިގައި ކުޅޭން ޖެހުނު ކޮންމެ ކުޅިއެއްވެސް ކުޅޭނެ އެވެ. ރައީސް ނަޝީދު އެމަނިކުފާނުގެ "ބާޣީ" ނާޒިމުގެ ދައުވަތު ގަބޫލުކުރައްވައި، އެމްއެންޕީގެ ޖަލްސާއަށް ވަޑައިގެން އެ ޖަލްސާގެ "ފޯކަސް" އިތުރުކޮށްދެއްވުމަކީ ވެސް ސިޔާސީ މޫވެކެވެ. ނާފަހެ އަދި މީހުން ހަނދާން ނެތޭހާ ދުވަހެއް ނުވެ އެވެ؛ ދާދި އިހަކަށްދުވަހު ބޭއްވި އެމްޑީޕީ ކޮންގުރެހުގައި، ސްޓޭޓް މިނިސްޓަރަކު ދެއްވި ޕްރެސެންޓޭޝަނަކުން، އެމްއާރްއެމްގެ ސްލޮޓެއްގައި ހުންނެވި މިނިސްޓަރު، ޔުމްނާ މައުމޫނުގެ ނަން އިވިގެންވެސް ނަޝީދު ވަނީ "ކުރުދޮށީން" ދެއްވައި ލައިވް ޖަލްސާ ތެރޭގައި އެކަން ކުރެއްވި ސްޓޭޓް މިނިސްޓަރު ސައިޒު ކުރައްވައިފައެވެ. އެހެންވީމާ ނާޒިމުގެ ކޮންވެންޝަނަށް ނަޝީދު ވަޑައިގަތުމާއި އެދެއްކެވި ގާތްކަމަކީ "ހުސް" މަންޒަރެއްކަމަށް ހީކުރުމަކީ ކުށްހީއަކަށް ނޫނީ ނުވާނެއެވެ. ރިޔާސީ ރޭހަށް ކެމްޕެއިން ކުރައްވަމުން ގެންދަވާއިރު، ނާޒިމްވެސް ހާލަތުން ލިބޭ ކޮންމެ ފައިދާއެއް ނަންގަވާނެކަމާ މެދު ޝައްކު ކުރާނެ ތަނެއް ނެތެވެ.

"އަޅުގަނޑުމެންނަކީ ސިޔާސީ މީހުން. ސިޔާސީ ގޮތުން ފައިދާއެއް، ކާމިޔާބެއް ލިބޭނެ ނަމަ އެކަމެއް ނުކުރާންވީ ސަބަބެއް ނޯންނާނެ. ރައީސް ނަޝީދާމެދުވެސް އަޅުގަނޑުގެ ޒާތީ މައްސަލައެއް ނެތް.." ވަން އިން ކުރި ސުވާލަށް ނާޒިމް ދެއްވީ ކުރު ޖަވާބެކެވެ.

ކޮންމެޔަކަސް، ފަހަކަށް އައިސް އުޅުއްވުނު ގޮތަކުން، ރައީސް ސޯލިހާ ގުޅުން ގޯސްވެ، އަމިއްލަފުޅު ޕާޓީ ތެރޭގައިވެސް މަގުބޫލުކަން ކުޑަވެފައި ހުންނެވި ރައީސް ނަޝީދާއި ކާނަލް ނާޒިމުގެ މި ބައްދަލުވުމާއި ގުޅިގެން މައިދާނަށް ދެން އަންނަ ކަންކަންވެސް ބަލަން ތިބުން ނޫން ގޮތެއް ނެތެވެ. ހަތުރުން މިތުރުންނަށްވެ ނިމުނީތޯ، މި ބައްދަލުވުމުން އެ ފެނުނު ހިނިތުންވުމަކީ "ބާޣީކަން" ފައިލްކުރުންތޯ ނިންމަންވެސް އަދި މާ އަވަހެވެ.