ޔޫއެފާ ނޭޝަންސް ލީގުގެ ޓަޔާ އޭގައި ރޭ ނެދަލޭންޑްސްއިން ބެލްޖިއަމް ބަލިކޮށް ސެމީ ފައިނަލް ޔަގީންކުރި އިރު، ޑެންމާކު އަތްދަށުވެ ޗެމްޕިއަން ފްރާންސަށް އިތުރު މާޔޫސްކަމަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
އެންމެފަހުގެ ދުނިޔޭގެ، އަދި ނޭޝަންސް ލީގުގެ ޗެމްޕިއަން ފްރާންސުން ޑެންމާކު ކައިރީ ރޭ ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ. ރޭގެ ނަތީޖާއާއެކު މިއަހަރުގެ ނޭޝަންސް ލީގު ޓަޔާ އޭގެ ގްރޫޕް އެކެއްގައި ފްރާންސުން ކުޅުނު ހަ މެޗުން އެޓީމަށް މޮޅުވެވުނީ އެންމެ މެޗަކުންނެވެ. އެ ގްރޫޕުން ރެލިގޭޓްވި އޮސްޓްރިއާއަށްވުރެ އެންމެ ޕޮއިންޓެއް އިތުރަށް ފްރާންސަށް ލިބިފައިވާ އިރު، ގްރޫޕުން ސެމީ ޔަގީންކުރީ ހަ މެޗުން 13 ޕޮއިންޓް ހޯދި ކްރޮއޭޝިއާއެވެ.
ރޭ ޑެންމާކުން ފްރާންސް ކޮޅަށް ދެ ގޯލުވެސް ޖެހީ ފުރަތަމަ ހާފުގައެވެ. އެޓީމުގެ ގޯލުތައް ޖަހައިދިނީ ކެސްޕާ ޑޮލްބާގާއި އަންދްރޭއާސް ސްކޯވް އޮލްސަންއެވެ. އެ ދެގޯލަށްވެސް އެސިސްޓް ކޮށްދިނީ މެންޗެސްޓާ ޔުނައިޓެޑްގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަންއެވެ.
ޑެންމާކުގެ ޕާކެން ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ފްރާންސުން ގޯލަކަށް ކުރި މަސައްކަތުގައި ކިލިއަން އެމްބާޕޭގެ ނުރައްކާ ވަރަށް ބޮޑަށް ފާހަގަވިއެވެ. އޭނާގެ ތިން ހަމަލާއެއް ޑެންމާކުގެ ގޯލްކީޕަރު ކެސްޕާ ޝޫމައިކަލް ވަނީ ސޭވް ކޮށްފައެވެ.
ނޭޝަންސް ލީގުގެ ޓަޔާ އޭގެ ގްރޫޕް ހަތަރެއްގައި ރޭ ކުޅުނު މެޗަކީ ގާތްގަނޑަކަށް ފައިނަލެއް ކަހަލަ މެޗެކެވެ. ގްރޫޕުގެ އެއްވަނަ ހޯދުމަށް ބެލްޖިއަމްއާއި ނެދަލޭންޑްސް ރޭ ނުކުތީ ގަދަ ހިފުމަކަށެވެ. ބެލްޖިއަމްއަށް ދެ ގޯލުގެ ފަރަގަކުން މޮޅުވެ، ސެމީއަށް ދެވެން އޮތް އިރު، ނެދަލޭންޑްސްއަށް މުހިއްމުވީ ޕޮއިންޓެއް ހޯދުމަށެވެ.
ނެދަލޭންޑްސްގެ ދަނޑުގައި ރޭ ކުޅުނު މެޗު 1-0 އިން ނެދަލޭންޑްސް ކާމިޔާބުކުރި އިރުު، ގޯލު ޖެހީ ކެޕްޓަން ވާޖިލް ވެންޑައިކެވެ. ވެންޑައިކްގެ ގޯލަކީ 73 ވަނަ މިނެޓުގައި ކޯނަރަކަށް ކުރިއަށް ޖެހި ބޮލުން ޖެހި ގޯލެކެވެ. އެ ގޯލާއެކު ނޭޝަންސް ލީގުގެ ސެމީ ނެދަލޭންޑްސްއިން ޔަގީން ކުރިއެވެ.
އެ ގްރޫޕުގައި ރޭ ކުޅުނު އަނެއް މެޗުގައި ޕޮލެންޑުން 1-0 އިން ވޭލްސް ބަލިކުރިމާއެކު، ވޭލްސް ވަނީ ޓަޔާ ދެއަކަށް ރެލިގޭޓް ވެފައެވެ. ރޭގެ މެޗުގައި ޕޮލެންޑްގެ ގޯލު ޖަހައިދިނީ ކަރެލް ސްވިޑާސްކީއެވެ.
ޔޫއެފާ ނޭޝަންސް ލީގު
ޔޫއެފާ ނޭޝަންސް ލީގު
ޔޫއެފާ ނޭޝަންސް ލީގު
ޔޫއެފާ ނޭޝަންސް ލީގު