ޔޫއެފާ ނޭޝަންސް ލީގު

އިޓަލީ ކައިރިން ބަލިވެ އިންގްލެންޑް ރެލިގޭޓް ވެއްޖެ، ހަންގޭރީ އެއްވަނައަށް

ޔުއެފާ ނޭޝަންސް ލީގުގެ ބްރެކެޓް އޭގެ ގްރޫޕް ތިނެއްގައި ރޭ ކުޅުނު މެޗުތަކުން އިޓަލީއާއި ހަންގޭރީ މޮޅުވެއްޖެއެވެ.

ރޭ އިޓަލީން ސަންސީރޯގައި އިންގްލެންޑް ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. އެ ބައްޔާއެކު އިންގްލެންޑް ވަނީ ނޭޝަންސް ލީގުގެ ދެވަނަ ޓަޔާއަށް ރެލިގޭޓް ވެފައެވެ. އެޓީމު ދެން އަންނަ ނޭޝަންސް ލީގުގެ ދެވަނަ ޑިވިޝަނުން ފަށަން ޖެހޭއިރު، 2024 ވަނަ އަހަރުގެ ޔޫރޯ ކޮލިފައިންގައި ގުރުއަތުލުން ބާއްވާއިރު، ދެވަނަ ޕޮޓަށް ވެއްޓޭނެއެވެ.

ހަންގޭރީން އެ ގްރޫޕުގެ އެއްވަނައަށް ޖެހިލައި ސެމީއާ ގާތަށް ޖެހިލީ ރަށުން ބޭރުގައި ޖަރުމަނު ކައިރިން 1-0އިން މޮޅުވެގެންނެވެ. ގްރޫޕްގެ އެއްވަނައިގައި ހަންގޭރީ އޮތީ ފަސް މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް އިޓަލީއަށް ފަސްމެޗުން އަށް ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ޖަރުމަނަށް ވަނީ ހަ ޕޮއިންޓް ލިބިފައެވެ. ފަސް މެޗު ކުޅުނުއިރު، އިންގްލެންޑަށް އަދި މޮޅެއް ނުލިބެއެވެ.

އެގްރޫޕުން ސެމީގެ ފުރުސަތު އޮތީ ހަންގޭރީއާއި އިޓަލީއަށެވެ. އަންނަ އަންގާރަ ދުވަހުގެރޭ ހަންގޭރީން އަމިއްލަ ދަނޑުގައި އިޓަލީ ކައިރިން އެއްވަރުކޮށްލައިގެން ވެސް ސެމީއަށް ދެވޭނެއެވެ. އެންމެ ފަހުގެ ޔޫރޯ ޗެމްޕިއަން އިޓަލީއަށް ސެމީގެ ޖާގައެއް ލިބޭނީ ހަންގޭރީ ބަލިކޮށްގެންނެވެ.

އިންގްލެންޑުން ރޭގެ މެޗަށް ނެރުނު ފުރަތަމަ 11ގައި މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާ ކުޅެން ނެރެފައިވާ އިރު، ގޯލް ބަލަހައްޓަން ނުކުތީ ނިކް ޕޯޕެވެ. މެދުތެރެއިން ޖޫޑް ބެލިންހަމްއާއި ޑެކްލައިން ރައިސްވެސް މެޗު ފެށި އިރު، ފުރަތަމަ ހާފު ފެނުނީ ދާދި ހަމަހަމަ ކޮށެވެ.

މާ ގިނަ ހަމަލާތަކެއް ނުފެނުނު ނަމަވެސް ރީތި ފުޓުބޯޅައެއް އިޓަލީގެ ފަރާތުންވެސް މެޗުގައި ފެނުނެވެ. މެޗުގައި އިޓަލީން ޖެހި ހަމައެކަނި ގޯލަކީ 68 ވަނަ މިނެޓުގައި ޖިއަކޯމޯ ރަސްޕަޑޯރީ ޖެހި ގޯލެކެވެ. އޭރިއާ ރޮނގުމަތިން ކަހަލަ ގޮތަކަށް އިންގްލެންޑްގެ ދެ ޑިފެންޑަރުންނަށް އޮޅުވާލައި، އޭނާ ފޮނުވާލި ބޯޅަ އަމާޒުކޮށްލީ ގޯލުގެ ކަނަށެވެ.

އިންގްލެންޑުން މެޗު އެއްވަރު ކުރުމަށް ކުރި މަސައްކަތުގައި ހެރީ ކޭން ޖެހި ދެ ހަމަލާއެއް ފެނުނެވެ. އެ ދެ ހަމަލާވެސް މަތަކުރީ އިޓަލީގެ ގޯލްކީޕަރު ޖިއާންލުއީޖީ ޑޮނަރޫމާއެވެ.

އިންގްލެންޑުން ނޮވެންބަރު މަހުގެ ވޯލްޑް ކަޕަށް ތައްޔާރުވަމުން އަންނަ އިރު، ޓީމު އޮތީ މާޔޫސީ ހާލަތެއްގައެވެ. އެންމެފަހުން ކުޅުނު ފަސް މެޗުންވެސް މޮޅެއް ނުހޯދި އޮތް އިރު، އެއީ 2014 ވަނަ އަހަރަށްފަހު ޓީމަށް ކުރިމަތިވި އެންމެ ދަށް ފޯމެވެ.

ޖަރުމަނުން "ސަޕްރައިޒް" ބައްޔެއްވީ ރޭ ލައިޕްޒިގުގެ ރެޑްބުލް އެރީނާގައި ކުޅުނު މެޗުގައެވެ. މެޗުގައި ހަންގޭރީގެ ގޯލު، 17 ވަނަ މިނިޓްގައި ޖެހީ ޓީމުގެ ކެޕްޓަން، އެޑަމް ސަލާއީއެވެ. އެ ގޯލަކީ ޑޮމިނިކް ސޮބޯސްލާއީ ނެގި ކޯނަރަކަށް އަރައި "ފްލިކް" އަކުން ސަލާއީ ޖެހި ހިތްގައިމު ގޯލެކެވެ.

ޖަރުމަނު ގައުމީ ޓީމުގެ ކޯޗުކަމާ ހަންސީ ފްލިކް ހަވާލުވި ފަހުން އެޓީމު ކުޅުނު 14 މެޗުގެ ތެރެއިން ބަލިވީ ރޭގެ މެޗުން އެކަންޏެވެ. ރޭގެ ކުރިން ކުޅުނު 13 މެޗުގެ ތެރެއިން ނުވަ މެޗުން މޮޅުވިއިރު، ހަތަރު މެޗު ނިމުނީ އެއްވަރުވެގެންނެވެ.