ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ފްރާންސާއި ބެލްޖިއަމް ކުޅުނު މެޗުތައްވެސް ކާމިޔާބު ކޮށްފިއެވެ.
ދުވަސްތަކަކަށްފަހު އަނެއްކާވެސް ބައިނަލްއަގުވާމީ ފުޓުބޯޅައިގެ ހަފުތާއަކާ ކުރިމަތިވެފައިވާ އިރު، މި ބްރޭކަކީ ވޯލްޑް ކަޕަށް ތައްޔާރުވާން ފެށުމުގެ ކުރިއަށް ގައުމުތަކަށް ލިބޭނެ އެންމެ ފަހު ބްރޭކެވެ. ކްލަބު ފުޓުބޯޅަ ވޯލްޑް ކަޕަށް މެދުކަނޑާލާނީ ނޮވެމްބަރު މަހުގެ ތެރެއިންނެވެ. އެހެންކަމުން މި ބްރޭކްގައި ވޯލްޑް ކަޕް ކުޅޭ ގައުމުތަކުގެ ގައުމީ ޓީމުތަކުގެ ސްކޮޑުތައް ޓެސްޓް ކޮށްލަން ކޯޗުންނަށް އޮތީ މަޖުބޫރުވެފައެވެ.
ރޭ ފްރާންސުން ކުޅުނު ނޭޝަންސް ލީގުގެ މެޗުގައި އޮސްޓްރިއާ ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. އެ މޮޅަކީ އެންމެފަހުގެ ޗެމްޕިއަން ފްރާންސުން މިފަހަރުގެ ނޭޝަންސް ލީގުގައި ހޯދި ފުރަތަމަ މޮޅެވެ. ފްރާންސުން މިފަހަރުގެ ނޭޝަންސް ލީގު ފެށިއިރު، ފުރަތަމަ ހަތަރު މެޗު ނިންމާލީ މޮޅެއް ނުލިބިއެވެ. އެކަމަކު ރޭ އޮސްޓްރިއާގެ މައްޗަށް ކުރި ހޯދައި ފްރާންސުން މި ވަނީ ހިތްހަމަޖެހުމެއް ހޯދައިފައެވެ.
ފްރާންސް ހިމެނޭ ބްރެކެޓް އޭގެ އެއްވަނަ ގްރޫޕުގައި ރޭ ކްރޮއޭޝިއާއިން ޑެންމާކު ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާ އެކު ކްރޮއޭޝިއާ ވަނީ ސެމީއާ ގާތަށް ޖެހިލައިފައެވެ. ކްރޮއޭޝިއާއަށް ފަސް މެޗުން 10 ޕޮއިންޓް ލިބިފައިވާ އިރު، ދެ ވަނައިގައި އޮތީ ފަސް މެޗުން ނުވަ ޕޮއިންޓް ހޯދާފައިވާ ޑެންމާކް އެވެ. ތިން ވަނައިގައި ފްރާންސް އޮތީ ފަސް މެޗުން ފަސް ޕޮއިންޓް ހޯދައިގެންނެވެ. ފުލުގައި އޮތް އޮސްޓްރިއާ އަށް ވަނީ ފަސް މެޗުން ހަތަރު ޕޮއިންޓް ލިބިފައެވެ.
ރޭ ފްރާންސުން ކުޅުނު މެޗުގައި އެޓީމުގެ ގޯލުތައް ޖަހައިދިނީ އޮލިވިއާ ޖިރޫ އާއި ކިލިއަން އެމްބާޕޭއެވެ. ރޭ ޖިރޫ ޖެހި ގޯލާއެކު އޭނާ ވަނީ ފްރާންސްގެ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިން ތިއަރީ އޮންރީގެ ރެކޯޑާ ގާތް ކޮށްފައެވެ. ފްރާންސަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑު އޮންނަ އޮންރީ ވަނީ 51 ގޯލު ޖަހައިފައެވެ.. ޖިރޫ ވަނީ މިހާތަނަށް 49 ގައުމީ ޓީމަށް ޖަހައިދީފައެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ފްރާންސްގެ ސެންޓަ ބެކް ޖޫލްސް ކޫންޑޭއަށް އަނިޔާވެ އޭނާގެ ބަދަލުގައި ވިލިއަމް ސަލީބާ ކުޅެން ނެރެފައިވެއެވެ. މިވަގުތު ބާސެލޯނާއަށްވެސް އެންމެ ފޯމުގައި ކުޅެމުންދާ ކޫންޑޭއަށް އަނިޔާވުމަކީ ވޯލްޑް ކަޕާ ދިމާކޮށް ފްރާންސަށް ލިބޭނެ މާޔޫސް ކަމެކެވެ. ކޫންޑޭގެ އަނިޔާގެ ތަފުސީލު އަދި ހާމަކޮށްފައެއް ނުވެއެވެ.
ރޭ ކުޅުނު ނޭޝަންސް ލީގުގެ ބްރެކެޓް އޭގެ ހަތަރުވަނަ ގްރޫޕް މެޗުތަކުގެ ނަތީޖާއަށް ބަލާ އިރު، ބެލްޖިއަމްއިން ވޭލްސް ބަލިކުރީ 2-1 އިންނެވެ. އަދި ނެދަލޭންޑްސްއިން ވަނީ 2-0 އިން ރަށުން ބޭރުގައި ޕޮލެންޑް ބަލިކޮށްފައެވެ.
ރޭގެ މެޗުތަކަށް ފަހު ހަތަރު ވަނަ ގްރޫޕްގެ އެއްވަނައިގައި ނެދަލެންޑްސް އޮތީ ފަސް މެޗުން 13 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ބެލްޖިއަމަށް ފަސް މެޗުން 10 ޕޮއިންޓް ލިބިފައިވާ އިރު، މި ގްރޫޕުން އެއްވަނަ ހޯދާ ޓީމެއް ކަނޑައަޅާނީ ދެން އޮންނަ މެޗުންނެވެ.
އަންނަ އާދިއްތަ ދުވަހުގެ ރޭ ނެދަލެންޑްސްއިން އަމިއްލަ ދަނޑުގައި ބެލްޖިއަމް ކައިރިން އެއްވަރުކޮށްލައިގެންވެސް ސެމީ ފައިނަލަށް ދެވޭނެއެވެ. ބެލްޖިއަމަށް ފުރުސަތެއް އޮތީ ނެދަލެންޑްސް ބަލިކޮށް، ފައިދާ ގޮލުންވެސް ކުރި ހޯދައިގެންނެވެ.
ރޭ ބެލްޖިއަމްގެ ފުރަތަމަ ގޯލު ކެވިން ޑިބްރޭނާ ހިތްގައިމު ގޮތަކަށް ޖަހައިދިން އިރު، ޑިބްރޭނާގެ އެސިސްޓަކުން ދެވަނަ ގޯލު ޖެހީ މިޗީ ބަޓްސްޝުއާއީއެވެ. މެޗުގައި ވޭލްސްގެ ގޯލު ޖެހީ ކީފާ މޫރެވެ. ނެދަލޭންޑްސްއިން ޕޮލެންޑް ކޮޅަށް ޖެހި ގޯލުތައް ޖެހީ ކޯޑީ ގަޕްކޯ އާއި ސްޓީވަން ބާގްވިންއެވެ.