ކޯލިޝަން އެއްބަސްވުމުގައިވާ ކަންތައްތަކާ ގާތަށްވެސް މި ސަރުކާރުން އަމަލުނުކުރާ ކަމަށް ކޯލިޝަންގެ އެއް ހިއްސާދާރު ކަމަށްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ގާސިމް މިއަދު ވިދާޅުވީ، ކޯލިޝަނަކާ ނުލައި، ވެރިކަމަށް އާދެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
ގާސިމް ވިދާޅުވީ، ކޯލިޝަނަކާއެކުގައި ވެރިކަމަށް އާދެވުމުން ކޯލިޝަނެއް އޮތުމެކޭ ނެތުމެކޭ އެއްފަަދަ ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުންވެސް ކޯލިޝަން އެއްބަސްވުމާ ގާތަށްވެސް އަމަލު ނުކުރާ ކަމަށް ވިދާޅުވިއެވެ.
"ސަރުކާރުން އަދި އެމްޑީޕީއަކުން ނުވެއް ބުނޭ ރަސްމީ ސިފައެއްގައި ކޯލިޝަނެއް ނެތެކޭއެއް. އެކަމަކު ހަގީގަތަކީ އެ އެއްބަސްވެފައި އެހުރި އެއްބަސްވުމާ ގާތަކަށްވެސް 90 ޕަސަންޓްވެސް އޮތީ ފުލްފިލްނުވެ، ދިހަ ޕަސަންޓް އޮތީ ފުލްފިލްވެފައި" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، މިސަރުކާރުގެ ކޯލިޝަން އެހެން ސަރުކާރުތަކުގެ ކޯލިޝަންތަކަށްވުރެ ރަނގަޅުކަމަށެވެ. އަދި އެކަމުގެ ކްރެޑިޓް ރައީސް ސޯލިހަށް ދޭން ޖެހޭ ކަމަށް ވިދާޅުވިއެވެ.
ޖޭޕީން ރިޔާސީ ކެންޑިޑޭޓަކު ދައްކާނެކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ، 2023ގައި ކޯލިޝަން ހެދުމަށް ޖޭޕީއަށް މިހާތަނަށް އެއްވެސް ފަރާތަކުން ހުށަހަޅާފައި ނުވާ ކަމަށެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނެނީ އެމްޑީޕީގެ އިތުރުން ޖޭޕީއާއި އަދާލަތު ޕާޓީއާއި ކުރީގެ ރައީސް މައުމޫންގެ އެމްއާރްއެމްއެވެ.
އޭރުގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު އާއި އެމްޑީޕީގެ އެއިރުގެ ޗެއާޕާސަން ހަސަން ލަތީފު ސޮއިކުރައްވައިފައިވާ އެގްރީމެންޓުގައި ބުނާގޮތުން، ކޯލިޝަން ސަރުކާރުގައި އެމްޑީޕީގެ ހިއްސާ އަކީ 40 ޕަސެންޓެވެ. ޖުމްހޫރީ ޕާޓީ އަށް 25 ޕަސެންޓް، އަދާލަތު ޕާޓީ 15 ޕަސެންޓް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހިއްސާއަކީ 20 ޕަސެންޓެވެ.