ބިދޭސީންނަށް މިނިމަމްވޭޖް (އެންމެ ކުޑަ އުޖޫރަ) ދިނުން މުއްދަތެއް ނެތް ގޮތަށް ލަސްކުރަން ހުށަހެޅި އިސްލާހު އަނބުރާ ގެންދިއުމަށް މަސައްކަތްތެރިންގެ ހައްގުތައް ހޯދައިދިނުމަށް މަސައްކަތްކުރާ ދެ ޖަމާއަތް ކަމަށްވާ މޯލްޑިވްސް ޓްރޭޑް ޔޫނިއަން އާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ގޮވާލައިފިއެވެ.
ވަޒީފާ އަދާކުރާ ކޮންމެ މުވައްޒަފަކަށް އެންމެ ކުޑަ އުޖޫރަ ދޭން ޖެހޭގޮތަށް ވަޒީފާއާބެގޭ ގާނޫނަށް އިސްލާހު ގެނެސް އެ ގާނޫނަށް އަމަލު ކުރަން ފެށީ 22 ސެޕްޓެމްބަރު 2020 ގައެވެ. އެ ގާނޫނުގެ ދަށުން މިދިޔަ ޖެނުއަރީމަހު އެންމެ ކުޑަ އުޖޫރަ ދޭން ފެށި ނަމަވެސް ބިދޭސީ މުވައްޒިފުންނަށް އެންމެ ކުޑަ އުޖޫރަ ދިނުމަށް ދެ އަހަރު ދުވަހުގެ މުއްދަތެއް ގާނޫނުގައި ވަނީ ހިމަނައިފައެވެ.
ނަމަވެސް ގާނޫނުގައި ހިމެނޭ އެބަޔަށް ބަދަލު ގެނަސް ބިދޭސީންނަށް މިނިމަމްވޭޖް ދިނުން މުއްދަތެއް ނެތް ގޮތަށް އިސްލާހު ހުށަހަޅަން ސަރުކާރުގެ ފަރާތުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު ހުށަހަޅުއްވަން ފޮނުވި މި ބިލުގެ ފުރަތަމަ ކިޔުން މިދިޔަ ހަފުތާގައި ރައްޔިތުންގެ މަޖިލިހަށް ވަނީ އިއްވައިފައެވެ.
ވަޒީފާއާބެހޭ ގާނޫނުގެ 62 ވަނަ މާއްްދާގެ (ކ) އަށް ގެންނަން ހުށަހަޅާފައިވާ މި އިސްލާހުގައި ވަނީ، މި މާއްދާގެ (ޅ)ގައި އެހެން އޮތް ނަމަވެސް، ރާއްޖޭގައި މަސައްކަތްކުރާ ފަރާތަކީ ބިދޭސީއެއް ނަމަ، ރާއްޖޭގެ އިގުތިސޯދީ ހާލަތަށާއި ގައުމުގެ ފުދުންތެރިކަމާއި އުފެއްދުންތެރިކަމަށް ރިއާއަތްކޮށް (މިނިމަންވޭޖް އެޑްވައިޒަރީ) ބޯޑުން މިނިސްޓަރަށް ދޭ ލަފާގެ މަތިން، މި މާއްދާގެ (ބ)ގެ ދަށުން މިނިސްޓަރު ކުރާ އަމުރަށް ވަޒީފާދޭ ފަރާތްތަކުން އަމަލުކުރަންޖެހޭ ތާރީހެއް ސަރުކާރުން ކަނޑައަޅައި އާންމުކޮށް އިއުލާނު ކުރަންވާނެ ކަމަށެވެ. އެހެންކަމުން ބިދޭސީންނަށް މިނިމަމްވޭޖް ދޭނެ ތާރީހެއް ކަނޑައެޅުމުގެ ބާރު މި އިސްލާހުން ލިބިދީފައި ވަނީ މިނިސްޓަރަށެވެ.
މި އިސްލާހު ހުށަހެޅި ސަބަބެއްގެ ގޮތުގައި ބިލުގައި ބުނެފައި ވަނީ، ގާނޫނުގައި ކަނޑައަޅާފައިވާ ދެ އަހަރު ދުވަހުގެ މުއްދަތު މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާއިރު، ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ އިގުތިސާދީ ހާލަތުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ނޭދެވޭ އަސަރު ކޮށްފައިވުމެވެ.
އެހެންކަމުން އެކަމަށް ރިއާޔަތްކޮށް، މަސައްކަތްތެރިންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދޭން ޖެހޭ އުޖޫރަ ކަނޑައެޅުމަށް މިނިސްޓަރު ކުރާ އަމުރަށް ބިދޭސީ މަސައްކަތްތެރިންނާ ގުޅޭގޮތުން ވަޒީފާ ދޭ ފަރާތްތަކުން އަމަލު ކުރުމަށް، ގާނޫނުގައި ލާޒިމް ކޮށްފައިވާ ދެ އަހަރު ދުވަހުގެ މުއްދަތަށް ބަދަލު ގެނައުމާއި، އެކަން ކުރާނެ ތާރީހެއް ގާނޫނުގައި ބަޔާންކުރުމުގެ ބަދަލުގައި، އެކަން ކުރަން ލާޒިމު ވާނީ ރާއްޖޭގެ އިގްތިސާދީ ހާލަތާއި ގައުމުގެ ފުދުންތެރިކަމަށް ރިއާޔަތްކޮށް މިނިމަމްވޭޖް އެޑްވައިޒަރީ ބޯޑުންދޭ ލަފަޔާ އެއްގޮތްވާގޮތުގެ މަތިން މިނިސްޓަރު ކަނޑައަޅައި އާއްމު ކުރާ ތާރީހެއްގައި ކަމަށް ގާނޫނުގައި ކަނޑައެޅުން ކަމަށްވެސް ބުނެފައިވެއެވެ.
މި އިސްލާހު އަނބުރާ ގެންދިއުމަށް ގޮވާލައި، މޯލްޑިވްސް ޓްރޭޑް ޔޫނިއަން އާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެ އިސްލާހަކީ ދިވެހި ދައުލަތު ބައިވެރިވެފައިވާ ބައިނަލް އަގުވާމީ މުއާހަދާތަކާ ހިލާފު އިސްލާހެއް ކަމަށެވެ. އަދި އެއީ ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ގާއިމު ކުރުމަށް ކުރާ މަސައްކަތުގައި ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށްވެސް ބުނެފައިވެއެވެ.
"އެ އިސްލާހު ހުށަހަޅާ ސަބަބު، ރާއްޖެއިން 4 ޖެނުއަރީ 2013 ގައި "އައިއެލްއޯ" (އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން) ގެ "އީކުއަލް ރެމިއުނެރޭޝަން ކޮންވެންޝަން" ގައި ސޮއިކޮށްފައިވާ (އީއާރުސީ1961) އާއި ހިލާފުވާނެ،"
އެ އެއްބަސްވުމުގެ ބައިވެރިން، އެއް މަސައްކަތެއްކުރާ މަސައްކަތްތެރީންނަށް ހަމަހަމަ ގޮތުގައި މުސާރަ ދޭންޖެހޭ ކަމަށްވެސް ބުނެފައިވެއެވެ.
ރާއްޖޭގެ ވަޒީފާއާބެހޭ ގާނޫނުގެ ދަށުން މަސައްކަތްތެރީންގެ މެދުގައި ހަމަހަމަކަން ގާއިމުކުރަން ޖެހޭއިރު، ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ ގުޅިގެން ބިދޭސީ މަސައްކަތްތެރީންނަށް ކުޑަ އުޖޫރައެއް ދީގެން މަސައްކަތް ކުރުވުން ގާނޫނު ހުއްދަކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.
"ބިދޭސީންނަށް އެންމެ ކުޑަ އުޖޫރައިގެ ގާނޫނު ނުހިނގާނަމަ، ވަޒީފާގެ ބާޒާރުގައި ކުޑަ އުޖޫރައެއް ދީގެން ބިދޭސީ މަސައްކަތްތެރިން ލައްވައި މަސައްކަތް ކުރުވައި ނާޖާއިޒު ފައިދާ ނެގުމަށް އިތުރަށް މަގުފަހިވެގެންދާނެ، އެކަމުގެ ސަބަބުން ދިވެހި މަސައްކަތްތެރިންނަށް ވަޒީފާ ދަތިވެފައިވާ ކަމުގެ ޝަކުވާ އިތުރުވެ، ވަޒީފާދޭ ފަރާތަށް ދިވެހި މަސައްކަތްތެރިޔަކަށް މަސައްކަތް ދިނުމުން އިތުރު ތަކުލީފަކަށްވާނެ،"
މި އިސްލާހަކީ ދިވެހި މަސައްކަތްތެރިންގެ އަގު ވަޒަން ނުކުރާކަމަށް ފެންނަ ދަލީލެއް ކަމަށާއި، ވިޔަފާރިތަކުން ދިވެހީންނަށް ވަޒީފާގެ ފުރުސަތު ނުލިބި އިޖުތިމާއީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކޮށް، ދައުލަތުގެ އިޖުތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކަށް ބުރަވެ، ވަޒީފާ ނުލިބޭ ޒުވާނުން އިންތިހާއަށް ގިނަވާނެ ކަމަށްވެސް ބުނެފައިވެއެވެ.
މި އިސްލާހުގެ ސަބަބުން ވަޒީފާ ލިބޭ ދިވެހިންގެ އަދަދު އިތުރަށް ދަށްވެ، ރާއްޖޭގައި ވަޒީފާ ނެތް މީހުންގެ ރޭޓު އިތުރުވެގެންދާނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
އެހެންކަމުން ބިދޭސީ އަދި ދޭސީ މަސައްކަތްތެރިންގެ މެދުގައި އޮތް ފަރަގު ނައްތާލައި، ދައުލަތުން ސޮއިކޮށްފައިވާ މުއާހަދާ ތަކާއި ރާއްޖޭގެ ގާނޫނުތަކަށް ބޯލަނބައި، ހަމަހަމަ ކަމަށް މަސައްކަތްކުރާ، އިންސާފުގެ މަގުން ހިނގާ ދައުލަތެއް ބިނާ ކުރުމަށް، މި އިސްލާހު އަނބުރާ ގެންދިއުމަށް އެ ބަޔާނުގައި ވަނީ ގޮވާލައިފައެވެ.