އަންހެން ފުޓުބޯޅަ މެޗުތަކަށް ސަމާލުކަން ބޮޑުވެއްޖެއެވެ. އަންހެން ފުޓުބޯޅަ ކުޅުންތެރީންނަށް ކުރާ އިހުތިރާމުވެސް ބޮޑު ވެއްޖެއެވެ. ހާއްސަކޮށް ފާއިތުވި ދެތިން އަހަރެއްގެ ތެރޭގައި އަންހެން ފުޓުބޯޅައިގެ "އިމޭޖް"އަށް ބަދަލުތަކެއް އަތުވެއްޖެކަން ޔަގީނެވެ. މިދިޔަ ތިން އަހަރު އަންހެން ފުޓުބޯޅައިގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ބެލޮންޑިއޯވެސް ދީފައިވާ އިރު، އެންމެފަހުން އެވޯޑު ހޯދީ ބާސެލޯނާގެ އެލޭޒިއާ ޕޫޓެލާސް އެވެ.
އޭގެ އިތުރުންވެސް އަންހެން ފުޓުބޯޅައިގެ އަދަދުތަކަށް ބޮޑެތި ކުރިއެރުންތަކެއް މިދިޔަ އަހަރާއި މިއަހަރު ތެރޭގައިވެސް އައިސްފައިވެއެވެ. މިދިޔަ އަހަރުގެ ޔޫއެފާ އަންހެން ޗެމްޕިއަންސް ލީގު މުބާރާތުގެ ކުއާޓާ ފައިނަލްގައި ބާސެލޯނާ އާއި ރެއާލް މެޑްރިޑް ވާދަކުރި ޓައިގައި، ބާސާ ދަނޑުގައި ކުޅުނު މެޗަށް 91,553 މީހުން ވަދެފައިވެއެވެ. އެއީ އަންހެން މެޗެއް ބަލަން ވަން އެންމެ ގިނަ އަދަދެވެ.
އޭގެ އިތުރުން ޓީވީގެ ވިއުވާޝިޕަށް ބަލައިލިޔަސް، އަންހެން ފުޓުބޯޅައަށް ސަމާލުކަން ހުއްޓޭލެއް އިންތިހާއަށް އިތުރު ވެއްޖެއެވެ. އެންމެފަހުން ކުޅުނު އަންހެން ޔޫރޯ ފައިނަލުގައި އިންގްލެންޑާއި ޖަރުމަނު ވާދަކުރި މެޗަކީ އިންގްލެންޑުން ތާރީހީ ތަށްޓެއް ނެގި މެޗެކެވެ. އެ ތަށްޓަކީ އިންގްލެންޑް އަންހެން ފުޓުބޯޅައިގެ ފުރަތަމަ ތަށި ކަމަށްވީ އިރު، އެއީ 1966 ވަނަ އަހަރު އިންގްލެންޑުން ފީފާ ވޯލްޑް ކަޕް ހޯދިފަހުން އެގައުމުގެ ފުޓުބޯޅައަށް ލިބުނުވެސް ހަމައެކަނި ކާމިޔާބީއެވެ. އެ މެޗު ހާއްސަވީ އެ ސަބަބަށްޓަކައި އެކަންޏެއް ނޫނެވެ. 17.8 މިލިއަން މީހުން އެ މެޗު ޓީވީއާއި ސްޓްރީމްކޮށްގެން ބެލިއެވެ. އެއީ އަންހެން ފުޓުބޯޅަ މެޗެއް ބެލި އެންމެ ގިނަ އަދަދެވެ.
އެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އިންގްލެންޑްގެ މިޑްފީލްޑަރު ކީރާ ވޯލްޝް މިވަނީ އަނެއްކާވެސް އަންހެން ފުޓުބޯޅައިގެ ރެކޯޑެއް ހަދާފައެވެ. މެންޗެސްޓާ ސިޓީ ދޫކޮށް، ޔޫރަޕްގެ އަންހެން ޗެމްޕިއަން ޓީމު ބާސާއަށް އޭނާ ބަދަލުވާން އެއްބަސްވެފައި ވަނީ ހަތަރު ލައްކަ ޕައުންޑަށެވެ. އެއީ އަންހެން ފުޓުބޯޅަ ތަރިއަކަށް ރެކޯޑު އަގެކެވެ.
މީގެ ކުރިން އެ ރެކޯޑު އޮތީ ޗެލްސީން ކުރި ޓްރާންސްފާއެއްގައެވެ. އެޓީމުން ވާޑާ ބްރެމަންއަށް ކުޅުނު ޕެނީލް ހާޑާ 2020 ވަނަ އަހަރު ގެންދިޔައީ ދެލައްކަ ފަންސާސް ހާސް ޕައުންޑުގެ އަގަކަށެވެ.
އުމުރުން 25 އަހަރުގެ ވޯލްޝް ސިޓީ ދޫކޮށްލީ އަށް އަހަރު އެ ކްލަބުގައި ހޭދަކުރުމަށްފަހުއެވެ. ބާސާއާއެކު ތިން އަހަރުގެ ދުވަހުގެ އެއްބަސްވުމެއްގައި ވޯލްޝް ސޮއިކޮށްފައިވާ އިރު، ބާސާއިން އޭނާ ގެންދިޔައީ ބެލޮންޑިއޯ ހޯދި އެލީޒިއާ އަނިޔާގައި ހުރުމުންނެވެ. ޔޫރޯއަށް ތައްޔާރުވުމުގެ ތެރެއިން އެލީޒިއާއަށް ކުރިމަތިވީ ލިގަމެންޓްގެ އަނިޔާއެކެވެ.
ވޯލްޝްގެ ޓްރާންސްފާއާއެކު ފުޓުބޯޅަ ދިރާސާކުރާ ފަރާތްތަކުން އަންނަނީ އަންހެން ފުޓުބޯޅައިގެ ވާހަކަތަކަށް ސަމާލުކަން ދެމުންނެވެ. ހާއްސަކޮށް އަންހެން ފުޓުބޯޅައިގެ ޓްރާންސްފާ މާކެޓުގެ އަގުތައް މައްޗަށް ޖެހެމުން އަންނަ އިރު، ސުވާލަކީ އެންމެ ފުރަތަމަ މިލިއަން ޕައުންޑުގެ އަންހެން ޓްރާންސްފާއެއް ހިނގުން އޮތީ ކިހާ ހިސާބެއްގައިތޯ ކުރެވޭ ސުވާލެވެ. މިސްރާބު ހުރި ގޮތުން އެ ޓްރާންސްފާ އޮތީ މާ ދުރަކު ނޫނެވެ.
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ