ރާއްޖޭ ލީގުގެ އެންމެފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މިރޭ ކުޅުނު މެޗުގައި ބިސް ބުރު ސްޕޯޓްސް ކްލަބު ބަލިކޮށްފިއެވެ.

ގައުމީ ދަނޑުގައި މިރޭ ކުޅުނު މެޗުގައި މާޒިޔާއިން ބިސް ބުރު ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ.

މާޒިޔާއިން މިހާތަނަށް ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވީ ތިން މެޗުންނެވެ. އެޓީމުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ކައިރިން ބަލިވެފައިވާ އިރު، ވިކްޓްރީ ސްޕޯޓްސް ކްލަބު ކައިރިން ވަނީ އެއްވަރުވެފައެވެ. އެ ނަތީޖާތަކާއެކު މާޒިޔާ ތިންވަނައިގައި އޮތީ ފަސް މެޗުން 10 ޕޮއިންޓާއެކުގައެވެ. ބިސް ބުރުން ފަސް މެޗުގެ ތެރެއިން ދެމެޗުން މޮޅުވެ އެޓީމު އޮތީ ހަވަނައިގައެވެ.

މެޗުގެ 29 ވަނަ މިނެޓުގައި މާޒިޔާއިން ލީޑު ނެގިއެވެ. އަހުމަދު އައިހަމް (ފަތޯ) އެ ޓީމުގެ އައިދު މުހައްމަދު ޖަވީޒަށް ދޭން ޖައްސާލި ޕާސް ދިފާއުކުރަން ކުރި ޓެކުލާއެކު އެ ބޯޅަ ގޯލަށް ވަނީ އަލީ ޝައިހާން ނަސީމް އަތުން ބައިކޮޅަށެވެ. އޭގެ ފަހުން ހާފު ނިމުމުގެ ކުރިން ބިސް ބުރުން އެއްވަރުކުރިއެވެ. 35 ވަނަ މިނިޓްގައި އަހުނަފް މުހައްމަދު ތަސްނީމް ގޯލް ޖެހީ އަރިމަތިން ހަނި އެންގަލަކުން ބޯޅަ ގޯލް ތެރެއަށް ވައްދާލައިގެންނެވެ. އެ ބޯޅަ ގޯލަށް ވަނީ މާޒިޔާ ކީޕަރު ހުސައިން ޝަރީފް އަތް މަތިންނެވެ.

ދެވަނަ ހާފުގެ ވަރަށް ކުރީކޮޅުގައި މާޒިޔާއިން އަލުން ލީޑު ނެގިއެވެ. އަބްދުﷲ ލޫތު އިބްރާހިމް (ސާނޭ) އެ ގޯލް ޖަހައިދިނީ ކޯނަރެއްގައި ތަނަވަސްވި ފުރުސަތެއްގައި އޭރިއާ ތެރެއިން ބޯޅަ ގޯލަށް ވައްދާލައިގެންނެވެ.

މެޗުގެ 58 ވަނަ މިނެޓުގައި މާޒިޔާއިން ނަތީޖާ ޔަގީންކުރިއެވެ. އެއީ އަރިމަތިން ކުރިއަށް ދުއްވާލި ބޯޅައެއް ހިފައިގެން އޭރިއާ ތެރެއަށް ވަދެ، ކޯޖޯ ގޮމޭޒް ގޯލަށް ވައްދާލި ބޯޅައާއެކުގައެވެ.