ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ދާދިފަހުން އިއުލާނުކުރެއްވި ފީފާ ފޯވަޑް އެންޓަޕްރައިސް (އެފްއެފްއީ) އާއި ފީފާ ޕީސް ޕްރައިޒްގެ ކަންކަމުގައި އަމަލުކޮށްފައިވާ ގޮތް ހާމަކޮށް އެކަމުގެ ލިޔެކިޔުންތައް ހިއްސާކުރުމަށް ޔޫއެފާއިން ފީފާއަށް އަންނަމަހުގެ ދެވަނަ ދުވަހާ ހަމައަށް މުހުލަތެއް ދީފައިވާ ކަމަށް ރިޕޯޓުތައް ބުނެފައިވެއެވެ.

އިންފަންޓީނޯގެ ފަރާތުން އެކިއެކި ކަންތައްތަކެއް ފެނިގެން ގޮސްފައިވާ އިރު، ޔޫއެފާއިން ވަނީ އިސްތިއުފާއަށް ގޮވާލައިފައެވެ. އިންފަންޓީނޯ، ކުރިއަށް އޮތް ދައުރަށް ބާއްވާ އިންތިހާބުގައިވެސް ވާދަކުރައްވާނެކަން މިހާރު ވަނީ އިއުލާނުކުރައްވައިފައެވެ.

މިދިޔަ އަހަރުތަކުގައި އިންފަންޓީނޯއާއި ފީފާއަށް ވަނީ އެކިއެކި ކަންކަމުގައި ޕްރެޝަރު ބޮޑުވެފައެވެ. އެގޮތުން އިޒްރޭލާ ދޭތެރޭ ފިޔަވަޅު އަޅަން ފަސްޖެހުމުގެ އިތުރުން ގައުމުތަކުގެ ސިޔާސީ ކަންކަމުގެ ތެރެއަށް ވަނުންވެސް އެކަމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނެއެވެ. އިންފަންޓީނޯއާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ގުޅުން މާބޮޑުވެ، ފީފާގެ ސުލްހައިގެ އިނާމު ޓްރަމްޕަށް އެރުވުމުން އެކަމަށްވެސް ވަނީ ނުރުހުން އަމާޒުވެފައެވެ.

އެކަންކަމުގައި ފީފާގެ ރައީސް އިންފަންޓީނޯ، ދާދިފަހުން ވަނީ ފީފާ ކައުންސިލްގެ ކިބައިން މައާފަށް އެދިފައެވެ. އަދި ހިނގާދިޔަ އެއްވެސް ކަމެއްގައި ސުވާލެއް އުފެދިފައިވާނަމަ އެކަމަށް ހުށަހަޅަންވެސް އެދިފައިވެއެވެ.

ހަބަރުތައް ބުނެފައި ވަނީ ޔޫއެފާ ޖެނެރަލް ސެކްރެޓަރީ ތިއެޑޯ ތިއެޑޮރިޑިސް ފީފާގެ ޖެނެރަލް ސެކްރެޓަރީ މަތިއަސް ގްރަފްސްޓްރޯމް 42 ސުވާލުގެ ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އެއީ 12 މައްސަލައެއް ފާހަގަކޮށްކަންވެސް ރިޕޯޓުތައް ބުނެއެވެ.

އެ ސިޓީ މީޑިއާއަށް އަދި ތިލަވެފައިވާ ނުވާ ކަމަށް ރޮއިޓާސްއިން ބުނެފައިވާ އިރު، ހަބަރުތައް ބުނީ އެ ސިޓީގައި ބުނެފައި ވަނީ ސުވާލުތަކުގެ ޖަވާބު ފާހަގަކޮށްފައިވާ މުއްދަތުގައި ދޭން ޖެހޭނެ ކަމަށް ކަމަށެވެ. އަދި އެ ޖަވާބުތައް ކައުންސިލް ބައްދަލުވުމާ ހަމައަށް ދަންމާލައިގެން ނުވާނެ ކަމަށް ފާހަގަކޮށްފައިވާ ކަމަށްވެސް ނޫސްތައް ބުނެފައިވެއެވެ.