ޕޯޗުގަލްގެ ކެޕްޓަން އަދި ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާއި މިހާރު ގައުމީ ޓީމުގެ ކޯޗު، ޖޯޖް ޖީސަސްއާ ދެމެދު ޖެހުނު މައްސަލައިގައި، ގައުމީ ޓީމުން އޭނާ 30 ދުވަހަށް ސަސްޕެންޑްކޮށް، 285.83 ޑޮލަރުން ޖޫރިމަނާކުރަން ނިންމައިފިއެވެ.

ނިމިދިޔަ އިންޓަނޭޝަނަލް ބްރޭކްގައި ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސަސްއާ މައްސަލަ ޖެހިގެން ރޮނާލްޑޯ ގައުމީ ޓީމު ދޫކޮށްލީ ކުއްލިއަކަށެވެ. ޑެންމާކާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރިން ޕޯޗުގަލްގެ ކޭމްޕް ދޫކޮށްލުމަށްފަހު ރޮނާލްޑޯ ބުނީ ކޯޗުގެ ޕްރެސްއާ ގުޅިގެންނާއި، ޕޯޗުގަލް ފެޑަރޭޝަނުގެ ރައީސާ ދެއްކި ވާހަކަތަކަށްފަހު ގައުމީ ޓީމުގެ ކޭމްޕް ދޫކޮށްލަން ނިންމާފައިވާ ކަމަށެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ޕޯޗުގަލްގެ ރައްޔިތުންނަށް އެކަމުގެ ހަގީގަތް ހާމަކުރާނެ ކަމަށާއި، އަބަދުވެސް ގައުމީ ޓީމަށް 100 ޕަސެންޓް ދީފައިވާނެ ކަމަށް ރޮނާލްޑޯ ބުންޏެވެ.

އޭގެފަހުން އިންސްޓަގްރާމްގައި ބަޔާނެއް އާންމުކޮށްފައިވާ އިރު، އެ ބަޔާނަކީ ގާތްގަނޑަކަށް 2000 ބަހުގެ ބަޔާނެކެވެ. ރޮނާލްޑޯ ވަނީ ގައުމީ ޓީމު ދޫކޮށްލަން ޖެހުނު ސަބަބުވެސް އެ ބަޔާނުގައި ބުނެފައެވެ. މިވަގުތުވެސް ރިޓަޔާވާން ބޭނުން ނުވާ ކަމަށާއި، މިހާރުވެސް މައާފަށް އެދިފައިވާ ކަމަށް ރޮނާލްޑޯ ބުންޏެވެ. ރޮނާލްޑޯ ބުނީ އޭނާއަށް އަދަބު ދޭން ޖެހޭ ކަމަށާއި، އެކަން ކުރުމަކުން މައްސަލައެއްވެސް ނެތް ކަމަށެވެ.

އުމުރުން 41 އަހަރުގެ ފޯވަޑް ރޮނާލްޑޯގެ މައްސަލަ ބަލާފައި ވަނީ ޕޯޗުގަލް ގައުމީ ޓީމުގެ ޑިސިޕްލިނަރީ ކައުންސިލުންނެވެ. އެ ކައުންސިލުން ނިންމާފައި ވަނީ ގައުމީ ޓީމުގެ ހާއްސަ އުސޫލުތަކާ ރޮނާލްޑޯ ހިލާފުވެފައިވާ ކަމަށެވެ. އެހެންކަމުން 30 ދުވަހަށް ސަސްޕެންޑް ކޮށްފައިވާ އިރު، އެ ސަސްޕެންޝަނަކީ ސީދާ ކޮން ކަންތައްތަކެއް ކުރުން މަނާ ސަސްޕެންޝަނެއް ކަމެއް ފިޔަވަޅުގައި ބަޔާން ކޮށްފައެއް ނުވެއެވެ. އެއީ މެޗުތަކަށް އެކަނި، ނޫނީ ގައުމީ ޓީމުގެ އެހެން ހުރިޙާ ކަމަކާއެކު ކޮށްފައިވާ ސަސްޕެންޝަނެއް ކަމެއްވެސް ބަޔާން ކޮށްފައެއް ނުވެއެވެ.

މިފަހަރު ރަސްމީ ފިޔަވަޅު އެޅިއިރުވެސް ރޮނާލްޑޯ ހުރީ ވަގުތީ ސަސްޕެންޝަނެއްގައެވެ.