ޑިމޮކްރެޓިކް ނިޒާމުން ރާއްޖޭގެ ވެރިކަން ހިނގަން ފެށުނީއްސުރެ ދިމާވެފައި އޮންނަ އެންމެ ބޮޑު މައްސަލައަކީ، އެ އިރެއްގައި އޮންނަ ވެރިކަން، ވީ އެންމެ އަވަހަކަށް ވައްޓައިލުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރުމެވެ. އެއީ ކުރެވެން އޮތް ކޮންމެ ކަމެއް ކޮށްގެން އަދި ދެއްކުނު ކޮންމެ ވާހަކައެއް ދައްކައިގެން ނުވަތަ ޖެއްސުނު ކޮންމެ ދޭތެރެއެއް ޖައްސައިގެން ކަމަށްވިޔަސް ވަރިހަމައެވެ.

ހަމަ އެގޮތަށް އިދިކޮޅު ފަރާތްތަކުގެ ހަރަކާތްތަކާއި، އެ ފަރާތްތަކުގެ އަޑުތައް ކަނޑުވައިލުމަށް، އެއިރެއްގައި އޮންނަ ސަރުކާރަކުން ވެސް ނާޅާނެ އެއްވެސް ފިޔަވަޅެއް ނޯވެއެވެ.

މިހާރު މިއޮތް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާ ދެކޮޅަށް، އިދިކޮޅު ލީޑަރު އަބުދުﷲ ޔާމީން އަބުދުލްގައްޔޫމު އިސްވެ ހުންނަވައިގެން، އެންމެ ފުޅާ ދާއިރާއެއްގައި ފެށި ހަރަކާތަކީ "އިންޑިއާ އައުޓް" ކެމްޕެއިނެވެ. މައިގަނޑު ގޮތެއްގައި މި ކެމްޕެއިންގައި އޮންނަނީ، ރައީސް ސޯލިހުގެ ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު އޮންނަ ގުޅުންތަކަކީ ރާއްޖެ، އިންޑިއާގެ ދަށަށް ދިއުމަށް ފުރުސަތުދޭ ގުޅުންތަކެއް ކަން ވިސްނައިދިނުމުގެ މައްޗަށެވެ. އިންޑިއާ ސިފައިން ރާއްޖޭގައި ތިބިކަން އަންގައިދިނުމުގެ މައްޗަށެވެ. އެހެން ގައުމުތަކުގެ އެތެރޭގެ ސިޔާސީ ކަންކަމުގައި، ދޭދޭ ގައުމުތަކަށް އަމާޒު ނުކުރި ނަމަވެސް މިއީ ރާއްޖޭގެ ސިޔާސީ ހަގީގަތް އޮތް ގޮތެވެ.

އިންޑިއާއަކީ ޒަމާނުއްސުރެ ރާއްޖޭގެ ރަހުމަތްތެރިޔަކަށް ވެފައި، އެކި ރޮނގުރޮނގުން އެހީތެރިވެދޭ ގައުމަކަށްވުމުގެ އިތުރުން އިންޑިއާ ސަރުކާރާއި ރައީސް ސޯލިހުގެ ސަރުކާރާ ދެމެދު އޮންނަ ގާތްކަމަށް، ދިމާވެދާނެ މައްސަލައަކަށް ޓަކައި "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވުމަކީވެސް ސަރުކާރަށް ކުރަން ޖެހިފައިވާ ކަމެކެވެ.

އެހެންކަމުން ގާނޫނުގެ ތެރެއިން އެ މައްސަލައަށް ހައްލު ހޯދުމަށް، ހާރިޖީ މަސްލަހަތަށް ގެއްލުން ދިނުމުގެ އަމަލުތަކަކީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ސަރުކާރުން މިވަނީ ގާނޫނުލް އުގޫބާތަށް އިސްލާހު ގެންނަން ހުށަހަޅައިފައެވެ.

ހުސްވި ހަފުތާގައި އެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، ބަހުސްވެސް ވަނީ ފަށައިފައެވެ. އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ، ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ނިހާދެވެ.

ބިލުގެ މައިގަނޑު މަގުސަދަކީ "އިންޑިއާ އައުޓް" ގެ އަޑު ކަނޑުވާލުން ކަމަށްވިޔަސް، މި ބިލުގައި ޖިނާއީ ކުށަކަށް ހެދުމަށް ހިމަނާފައިވާ ކަންތައްތަކުގެ ސަބަބުން ދިވެހިންނަށާއި ދިވެހި ގައުމިއްޔަތަށް ބޮޑު ނިކަމެތިކަމެއް އަންނަ ތަން ފެނެއެވެ.

ބިލު ހުށަހަޅާފައިވަނީ ގާނޫނުލް އުގޫބާތުގެ 618 ވަނަ މާއްދާގެ ފަހަތަށް 619 ވަނަ މާއްދާގެ ގޮތުގައި މާއްދާއެއް އިތުރު ކުރުމަށެވެ.

ބިލު ހުށަހެޅުމުގެ ބޭނުމެއް ކަމަށް ބިލުގައި ބުނެފައިވަނީ، ގާނޫނުލް އުގުބާތުގެ 610 ވަނަ ބާބުގައި ބަޔާންކުރާ އަމަން އާއްމާއި، ރައްކާތެރިކަމާއި، އަހުލާގީ މިންގަނޑުތަކާ ގުޅޭ ކުށްތަކުގެ ތެރޭގައި، ރާއްޖޭގެ ހާރިޖީ މަސްލަހަތަށް ގެއްލުން ދިނުމުގެ އަމަލުތައް ވަކި ކުށެއްގެ ގޮތުގައި ހިމަނައި، އެ ކުށުގެ ގޮތުގައި ބެލެވޭނެ އަމަލުތައް ސާފުކޮށް ބަޔާންކުރުން ކަމަށެވެ.

މި ބިލުގައި ބުނެފައިވަނީ ރާއްޖެއާ ހާރިޖީ ގުޅުން ގާއިމުކޮށްފައިވާ ގައުމަކަށް، ނުވަތަ އެފަދަ ގައުމެއްގެ ރައްޔިތުންނަށް ނިސްބަތްކޮށް، އެ ގައުމެއްގެ ދިދައަކަށް ނުވަތަ ގައުމީ ރަމްޒަކަށް ނުވަތަ ނިޝާނަކަށް ގެއްލުން ދިނުމާއި، އެފަދަ އެއްޗަކަށް ބަދަލު ގެނައުމަކީ ކުށެއް ކަމަށެވެ. އަދި އެހެން ގައުމެއްގެ ރައްޔިތަކަށް ވީތީ ފުރައްސާރަކުރުމުގެ ގޮތުން އޭނާއަށް އަނިޔާއެއް ދިނުން، ނުވަތަ އަނިޔާއެއް ދިނުމަށް ގޮވާލުމާއި، އޭނާގެ ދީނީ ނުވަތަ ސަގާފީ އާދަކާދަތަކާ މެދު ނަފުރަތު އުފެއްދުމަކީވެސް ކުށެކެވެ.

މީގެ އިތުރުން އެހެން ގައުމަކާ މެދު ނުވަތަ އެހެން ގައުމެއްގެ ރައްޔިތުންނާ މެދު އާއްމުންގެ މެދުގައި ހިތްހަމަ ނުޖެހުމާއި، ނަފުރަތާއި، ރުޅިވެރިކަން އުފެދިދާނެ ފަދަ ލިޔެކިޔުން ނުވަތަ ފޮޓޯ ނުވަތަ ވީޑިއޯ ނުވަތަ އޯޑިއޯ (އާއްމުންނަށް ފެންނާނެހެން ބެހެއްޓުމާއި، އާއްމުންގެ ތެރޭގައި ފެތުރުމާއި، ސޯޝަލް މީިޑިއާގެ ވަސީލަތެއް ނުވަތަ އެނޫންވެސް އެފަދަ އެހެން ވަސީލަތެއް މެދުވެރިކޮށްގެން) އާއްމު ކުރުމާއި، އެހެން ގައުމެއްގެ ރައްޔިތަކަށްވީތީ ރާއްޖެ ދޫކޮށް ދިއުމަށް ގޮވާލުމާއި، އެހެން ގައުމެއްގެ ރައްޔިތުންގެ ހިތްތަކުގައި ރާއްޖެއާ މެދު ނަފްރަތު އުފެދިދާނެ، އަދި އެކަމުގެ ސަބަބުން އެފަދަ ގައުމެއްގައި ދިރިއުޅޭ ދިވެހިންނަށް ނުރައްކަލެއް ނުވަތަ ދަތިތަކެއް ކުރިމަތިވެދާނެ ފަދަ އަމަލެއް ކުރުމާއި، އެފަދަ އަމަލެއް ކުރަން އުޅުމަކީވެސް ކުށެކެވެ.

މި ކުށްތަކަކީ ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށްތަކެއް ކަމަށް ބިލުގައި ވަނީ ކަނޑައަޅައިފައެވެ. ގާނޫނުލް އުގޫބާތުގައިވާ ގޮތުން އެ ކުށްތަކުގެ އަދަބަކީ، އެއް އަހަރަށްވުރެ ގިނަ ނޫން މުއްދަތަކަށް ޖަލަށް ލުމެވެ.

ރާއްޖޭގައި ދިރިއުޅޭ އެހެން ގައުމެއްގެ ރައްޔިތުންނަށް ނުވަތަ ރާއްޖޭގައި ހުރި އެހެން ގައުމަކަށް ނިސްބަތްވާ މުއައްސަސާއަކަށް ގެއްލުންދިނުން، ނުވަތަ ގެއްލުން ދިނުމަށް ގޮވާލުމަކީ ޖިނާއަތުގެ ފަސްވަނަ ދަރަޖައިގެ ކުށެއްކަމަށް ކަނޑައެޅުމަށް ބިލުގައި ހިމަނާފައިވެއެވެ. އެހެންކަމުން އެފަދަ ކުށެއްގެ އަދަބަކީ ދެ އަހަރު ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށް ލުމެވެ.

ގާނޫނުއަސާސީން ލިބިދޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން މި އިސްލާހުގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ މީޑިއާއަށެވެ. އެއީ ރާއްޖޭގައި ބިދޭސީންގެ އާބާދީ އިންތިހާއަށް އިތުރުވެފައިވާ އިރު، އެކަމުގެ ސަބަބުން ދިމާވާ އެކިއެކި މައްސަލަތައް ގެނެސްދިނުމުގައި ގޮންޖެހުންތަކެއް ކުރިމަތިވުމެވެ. އެއީ އެހެން ގައުމެއްގެ ދީނީ ނުވަތަ ސަގާފީ އާދަކާދަތަކާ މެދު ނަފުރަތު އުފެއްދުމާއި، އެހެން ގައުމުތަކުގެ ރައްޔިތުންނާ މެދު އާއްމުންގެ މެދުގައި ހިތްހަމަނުޖެހުމާއި، ނަފުރަތާއި، ރުޅިވެރިކަން އުފެދިދާނެ ފަދަ ލިޔެކިޔުން ނުވަތަ ފޮޓޯ ނުވަތަ ވީޑިއޯ ނުވަތަ އޯޑިއޯ، ސޯޝަލް މީިޑިއާގެ ވަސީލަތެއް ނުވަތަ އެނޫންވެސް ވަސީލަތެއް މެދުވެރިކޮށް ފެތުރުމަކީ ކުށަކަށްވާތީއެވެ.

ރާއްޖޭގައި އެހެން ގައުމެއްގެ ދިދައަކަށް ނުވަތަ ގައުމީ ރަމްޒަކަށް ނުވަތަ ނިޝާނަކަށް ގެއްލުން ދިނުމާއި، ބަދަލު ގެނައުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅާ އިރު، މިގައުމުގެ މިނިވަންކަމާއި ސިޔާދަތާއި، ދިވެހި ދަރިންގެ ހިތްވަރާއި އަޒުމް ރަމްޒުކޮށްދޭ ދިވެހި ދިދައަށް ގޮތްގޮތް ހެދުމަކީ ޖިނާއީ ކުށެއް ނޫނެވެ. މާނައަކީ އެހެން ގައުމުތަކުގައި ދިވެހި ދިދައަށާއި އެ ގައުމުތަކުގެ އަމިއްލަ ދިދައަށް ގޮތްގޮތް ހެދިޔަސް އެ ގައުމުތަކުގެ ދިދައަކަށް ރާއްޖެއަކު ބޭނުންހާ ގޮތެއް ނެހެދޭނެއެވެ.

މީގެ އުތުރުން ބިދޭސީންގެ ބަޔަކު ކުރާ ކަމަކާ ދެކޮޅަށް އަޑު އުފުލުމުގެ ހައްގުވެސް މި އިސްލާހުން، ދިވެހިންގެ ކިބައިން ނިގުޅައި ގަނެވޭނެއެވެ. އެއީ އެހެން ގައުމެއްގެ ރައްޔިތަކަށްވީތީ ރާއްޖެ ދޫކޮށް ދިއުމަށް ގޮވާލުމާއި، އެހެން ގައުމެއްގެ ރައްޔިތުންގެ ހިތްތަކުގައި ރާއްޖެއާ މެދު ނަފްރަތު އުފެދިދާނެ ކަމަށްޓަކައެވެ.

ރައްޔިތުންގެ މަޖިލީހުގައި މިހާތަނަށް މި ބިލުގެ ބަހުސް ކުރިއަށްދިޔައީ އެންމެ ދުވަހަކުއެވެ. އެ ދުވަހުގެ ބަހުސްގައި ބިލަށް ތާއީދުކުރެއްވި މެންބަރުންނާއި، ބިލަށް ތާއީދު ނުކުރައްވާ މެންބަރުންވެސް ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރެއްވިއެވެ.

މި އިސްލާހުތަކަށް އެންމެ ބޮޑަށް ދެކޮޅު ހައްދަވައި ވާހަކަދެއްކެވީ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިނެވެ. އޭނާ ވިދާޅުވީ، ބިލެއް މަޖިލީހުން ބޭރުކޮށްލަންޏާ ބޭރުކޮށްލަން ޖެހޭ ބިލަކީ މިއީ ކަމަށެވެ. އެހެންކަމުން އޭނާ ވަނީ އެ ބިލާ ދެކޮޅަށް ބަސް ބުނުމަށާއި ބިލު ގެންދިއުމަށް ގޮވާލައްވައިފައެވެ.

"މި ގާނޫނު ފަރުމާ ކުރުމުގައި މަސައްކަތް ކުރެއްވި ބޭފުޅުންނާއި ކުރީގައި މި ގައުމުގައި ރައީސްކަން ކުރެއްވި ބޭފުޅުންނާއި އަދި މި ގާނޫނުއަސާސީ ގެނައުމަށްޓަކައި މަސައްކަތްކުރެއްވި އެންމެހައި ބޭފުޅުންގެ އަރިހުން އަޅުގަނޑު މިއަދު އެދެން އޮތް އެދުމަކީ، މިއަދު ތިބޭފުޅުން ހަނު ނުތިއްބަވާށޭ. ގާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ވަރަށް ސަރީހަ އިބާރާތުން ލިޔެފައި މިއޮތީ، މިނިވަންކަމާއެކު ހިޔާލު ފާޅުކުރުމާއި އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާގޮތުގެ މަތިން އެމީހުންގެ ބުއްދިއަށް ފެންނަ ގޮތަކާއި، ކަންކަން ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ދީފަ. މިއީ އޮޅިގެން، ނޭނގިގެން ކޮށްފަ އޮތް ކަމެއް ނޫން. މި ގާނޫނުއަސާސީން ލިބިދޭ ހުރިހާ މިނިވަންކަމެއް ކޯދުލައި އަރައި ގޮވާމަކީ ނުވަތަ ހެދޭ އޮށަކީ އެއީ،" އަލީ ހުސެއިން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މި ބިލުން ކަނޑައަޅަން އުޅެނީ އެ ގައުމުގައި ކުރުން ހުއްދަކަމެއް، "މިސާލަކަށް އެމެރިކާގައި އެމެރިކާގެ ދިދަ އަންދާލުމަކީ މައްސަލައެއް ނޫން، އެއީ އެމީހުންގެ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން. އެހެންނަމަވެސް އަޅުގަނޑުމެން މި ބިލުން ކަނޑައަޅަން މިއުޅެނީ އެ ގައުމުގައި ކުރުން ހުއްދަކަމެއް ރާއްޖޭގައި ކުށަކަށް ހަދަން،" ކަމަށެވެ.

މި ބިލު އޮތްގޮތަށް ފާސްކޮށްފިނަމަ، ކޮންމެ ކަމެއް ކުރިޔަސް، މިގައުމު ދޫކޮށްދާށޭވެސް އެހެން ގައުމެއްގެ ބަޔަކާ ދިމާލަށް ނުބުނެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ މެންބަރެއް ކަމަށްވާ، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ، ހާރިޖީ މަސްލަހަތު ހިމާޔަތްކުރުމަކީ ވަރަށް މުހިއްމުކަމެއް ކަމަށެވެ. ނަމަވެސް އެކަމަށްޓަކައި ހިމަނަންޖެހޭ ބައެއް ކަންކަން ބިލުގައި ނެތް ކަމަށްވެސް ވިދާޅުވިއެވެ.

"ބޭރު ގައުމެއްގެ ދިދައަށް ނުވަތަ ނިޝާނަކަށް ގެއްލުންދިނުން ޖިނާއީ ކުށަކަށް ހަދަން މިއޮތީ ކަނޑައަޅާފަ. ރާއްޖޭގެ ދިދަޔަށް ގެއްލުންދިނުން ޖިނާއީ ކުށެއްގެ ގޮތުގަ ކަނޑައަޅާފައެއް އަދި ނެތް. އަނެއްކޮޅުން ބަލާއިރު ބޭރުގެ ގައުމުތައް، އެމެރިކާ، އިނގިރޭސިވިލާތް، އޮސްޓްރޭލިއާ، ކެނެޑާ މިހެންގޮސް ކިތަންމެ ގައުމުތަކެއްގައި އެ ގައުމުގެ ރައްޔިތެއް އެގައުމުގައި ދިދައަށް ގެއްލުމެއް ދިނުމަކީ ޖިނާއި ކުށެއް ނޫން، މިގައުމުގައި ޖިނާއީ ކުށަކަށް އެބަވޭ،"

އިންތި ވިދާޅުވީ، ބޭރު މީހަކު ރާއްޖެ ދޫކޮށް ދިއުމަށް ގޮވާލުމަކީ ކުށެއްކަމުގައި ކަނޑައެޅުމަކީ ތަންކޮޅެއް ބޮޑުވަރު ކަމަށާއި އެކަން އެހާ ފަސޭހައިން ކުށަކަށް ހަދައިގެން ނުވާނެ ކަމަށެވެ. ނަމަވެސް ރާއްޖޭގެ ހާރިޖީ ސިޔާސަތަށް ގެއްލުންދޭ ގޮތަށް ކަންކަން ރާވައި ހިންގާނަމަ އެކަންތައްތަކަށް ބިލުގައި އެޑްރެސް ކުރުމަށްފަހު، ބިލުގައި ހިމެނިފައިވާ ހެއްވާ ކަންތައްތައް އުނިކުރަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ވިދާޅުވީ، އިސްލާހު ކުރަންޖެހޭ ކަންތައްތައް ބިލުގައި އެބަހުރި ކަމަށެވެ. ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށްވެސް މި ބިލުން ހަނިވާ ކަމަށާއި ބިލު އޮތް ގޮތަށް ފާސްކޮށްފި ނަމަ ހުދުމުހުތާރު ވެރިކަމެއް ދިމާވާ ދުވަހަކުން ނުރައްކާ ކުރިމަތިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮންމެޔަކަސް ދޭދޭ ގައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން ހީނާރުވާ ގޮތަށް ހަގީގަތާ ހިލާފަށް މަސައްކަތްކުރާ ފަރާތްތަަކަށް ފިޔަވަޅު އަޅަން ޖެހެއެވެ. އެއީ އެ ގައުމުތަކުގައި ދިރިއުޅޭ ދިވެހިންގެ ވެސް ހައްގުގައެވެ. ނަމަވެސް މި ބިލު އޮތީ، އިންޑިއާ އައުޓް ހުއްޓުވުމަށް ގެންނަ އިސްލާހުން ދިވެހިންގެ އަމިއްލަ ފަސްގަނޑުގައި ދިވެހީންނަށްވުރެ ބޮޑު ހިމާޔަތެއް ބިދޭސީންނަށް ލިބޭގޮތަށެވެ.