ޕީއެސްޖީ

އެމްބާޕޭއާއި ނޭމާ ގޯލު ޖެހި މެޗުގައި މެސީގެ ތަފާތު މޮޅު ކުޅުމަށް އިދިކޮޅު ސަޕޯޓަރުންގެވެސް ތައުރީފު

ފްރާންސް ލީގުގައި ރޭ ޕީއެސްޖީން ރަށުން ބޭރުގައި ކުޅުނު މެޗުގައި 3-0ގެ ނަތީޖާއަކުން ޓުލޫސް ބަލިކޮށްފިއެވެ.

ޕީއެސްޖީން މިހާތަނަށް ލީގުގައި ކުޅުނު ފަސް މެޗުން 13 ޕޮއިންޓް ހޯދާފައި އޮތް އިރު، ލީގު ތާވަލުގެ އެއްވަނައިގައި އޮތީ ފައިދާ ގޯލުގެ ތަފާތުންނެވެ. ދެވަނައިގައި އޮތް ލެންސާއި ތިންވަނައިގައި އޮތް މާސޭއަށްވެސް ފަސް މެޗުން 13 ޕޮއިންޓް ލިބިފައި އޮތް އިރު، ތިން ޓީމުގެ ތަފާތަކީވެސް ފައިދާ ގޯލުގެ ތަފާތެވެ.

ރޭގެ މެޗުވެސް ޕީއެސްޖީން ކޮންޓްރޯލްކޮށް ކުޅުނު އިރު، އެޓޭކް ލައިން ފެނުނީ ވަރަށް ބޮޑަށްވެސް ނުރައްކާ ކޮށެވެ. އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީއާއި ނޭމާ އަދި ކިލިއަން އެމްބާޕޭގެ ގުޅުން އާދަޔާ ހިލާފަށް ރަނގަޅަށް ފެނުނު އިރު، މެސީގެ ފަރާތުން މެޗުގައި ފެނުނީ އާދަޔާހިލާފު ރަނގަޅު ކުޅުމެކެވެ.

މެދުތެރެއިން ރީތި ބޯޅަތަކެއް މެސީ ކުރިއަށް ދުއްވާލާފައިވާ އިރު، ހަމަލާތައް އުފެއްދުމުގެ އިސް ރޯލެއް އަދާކުރީ އޭނާއެވެ. މެޗުގެ 37 ވަނަ މިނެޓުގައި ނޭމާ ޖެހި ގޯލަށް ރީތި ޕާހަކާއެކު އެސިސްޓް ކޮށްދިނީވެސް މެސީއެވެ.

މެސީގެ ދެ ހަމަލާއެއް ޓުލޫސްގެ ގޯލްކީޕަރު މަތަކުރި އިރު، އޭނާގެ ހިތްގައިމު ހިލޭ ޖެހުމެއްވެސް ޓުލޫސްގެ ގޯލުކީޕަރު ވަނީ މަތަކޮށް ބޭރު ކޮށްލައިފައެވެ. ފޯމުގައި ކުޅުނު މެސީގެ ދެވަނަ އެސިސްޓަކާއެކު އެމްބާޕޭ ޕީއެސްޖީއަށް ލީޑު ފުޅާކޮށްދިނީ 50 ވަނަ މިނެޓުގައެވެ.

ރޭގެ މެޗުގެ 83 ވަނަ މިނެޓުގައި މެސީ ބަދަލު ކޮށްފައިވާ އިރު، އެ ވަގުތު މުޅި ސްޓޭޑިއަމް އެކުގައި ކޮޅަށް ތެދުވެ އޭނާއަށް އަތްތިލަބަޑީގެ ޝަރަފެއް އަރުވާފައިވެއެވެ. ރޭގެ މެޗުން ފެނިގެން ދިޔައީ މެސީ އެންމެ ޕީކު ދުވަސްވަރު ފެނިގެންދިޔަ ފޯމުގެ ކުޅުމެއް ކަމަށް ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ.

ޕީއެސްޖީން މެޗުގައި ޖެހި ފަހު ގޯލު 90 ވަނަ މިނެޓުގައި ޖަހައިދިނީ ޑިފެންޑަރު ޖުއާން ބަނާޓެވެ. ޕީއެސްޖީން ދެން ކުޅޭ މެޗުގައި ލީގުގައި ނޮންޓާ ދެކޮޅަށް ނުކުންނާނެ އިރު، އޭގެ ފަހުން ކުޅޭ މެޗަކީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ޔުވެންޓަސްއާ ދެކޮޅަށް ކުޅެންޖެހޭ މެޗެވެ.